18 Jan 2012, 15:13
ސްޕެނިޝް ކަޕުގައި ވާދަވެރި ބާސެލޯނާ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ނުކުންނައިރު، އެއްވެސް ޕްރެޝަރެއް ނެތްކަމަށް ރެއާލްގެ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ. ބާސެލޯނާ އާއެކު ބައްދަލުކުރާ މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 2:00 ގައެވެ.
މިދިޔަ ސީޒަންގެ ސްޕެނިޝް ކަޕް ކާމިޔާބު ކުރި ޓީމަކީ ރެއާލް އެވެ. މިދިޔަ ސީޒަނުގައި ރެއާލް ތަށި ގެންދިޔައީ ފައިނަލުގައި ބާސާ އާއި ވާދަކޮށްގެން ނެވެ. މިދިޔަ ސީޒަންގެ ފޯރުގަދަ ފައިނަލް މެޗުގައި ރެއާލް އަށް ލީޑު ނަގައިދިނީ ރޮނާލްޑޯ އެވެ.
"އަހަރެން އަބަދުވެސް ކޮންމެ މެޗަކަށް ނުކުތުމުގެ ކުރިން ހަމަޖެހިލެވޭތޯ މަސައްކަތް ކުރަން. މިމެޗުގެ ސަބަބުން ވަކި ޕްރެޝަރެއް ނެތް. އަހަރެން އަބަދުވެސް ބަލަނީ ރަނގަޅު ކުޅުމެއް ދައްކާ ޓީމަށް ކާމިޔާބު ހޯދައިދެވޭތޯ. އެންމެ މުހިންމުކަމެއް އަހަރެން ދެނީ ވިސްނުންތެރި ކަމާއެކު ކުޅުމަށް." ރޮނާލްޑޯ ބުންޏެވެ.
މެންޗެސްޓާ ޔުނައިޓެޑާއި އެކު ތިން ޕްރެމިއާ ލީގު ތަށި ކާމިޔާބުކުރި ރޮނާލްޑޯ 2009 ވަނަ އަހަރު އަށްޑިހަ މިލިޔަން ޕައުންޑަށް ބަދަލުވި ފަހުން ކާމިޔާބު ކުރެވިފައި ވަނީ އެންމެ ތަށްޓެކެވެ. އެއީ މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑާއި އެކު ކާމިޔާބު ކުރެވުނު ސްޕެނިޝް ކަޕެވެ.