މާލެ ސަރަހައްދުގައި ރޭގަނޑު 11:00 އާ ހަމައަށް އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ ދީފިއެވެ.

ކުރިން މާލޭގައި އެއްގަމު އުޅަނދު ދުއްވުމާއި ބޭރުގައި އުޅުން މަނާކޮށްފައި އޮންނަނީ ރޭގަނޑު 10:00 ފަތިހު ފަހެއް ޖެހުމާއި ހަމައަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ، ދެން މާލޭގައި އެއްގަމު އުޅަނދު ދުއްވުމާއި ބޭރުގައި އުޅުން މަނާވާނީ ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:00 ޖެހުމާ ހަމައަށް ކަމަށެވެ.

މާލޭގެ ލޮކްޑައުނަށް ލުއި ދިނުމަށް ފަހު ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށުމާ އެކު ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ވަނީ ރޭގަނޑު އަށެއްގެ ފަހުން އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފަ އެވެ. އެ ނިންމުން ބަދަލުކޮށްފައިވަނީ މިދިޔަ މަހުގެ ތިން ވަނަ ދުވަހު އެވެ.

ކާފިއު ވަގުތަށް ލުއި ދިން ފަހުން ވެސް ޕޮޒިޓިވް ކޭސްތައް 100 އިން މަތިވެފައިވަނީ މަދު ދުވަހެއްގަ އެވެ. އެއާއި އެކު އަނެއްކާ ވެސް ކާފިއު ވަގުތުތަކަށް މި ވަނީ ލުޔެއް ދީފަ އެވެ. ނަމަވެސް އޭޕްރީލް މަހުގެ 14 ވަނަ ދުވަހު މާލެ އިން ކޮވިޑް-19 އިގެ ޕޮޒިޓިވް ކޭސް އެއް ފެނުނު ފަހުން އަދި އެ ބަލި ކޮންޓްރޯލް ކުރެވުފައެއް ނުވެ އެވެ.

ކޮވިޑް19 ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، މާސްކް ނާޅައި ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ. މާސްކު ނާޅައި އުޅޭނަމަ ފުރަތަމަ ފަހަރު ނަސޭހަތްދީ، އެކަން ތަކުރާރު ކުރާނަމަ 1،000 ރުފިޔާ އިން ޖޫރިމަނާ ކުރެ އެވެ.

މީގެ އިތުރުން ރޭގަނޑު 10 އިން ފަތިހު ފަހަކަށް ބޭރުގައި އުޅުން މަނާކޮށް މިވަގުތުތަކުގައި ބޭރުގައި އުޅޭ މީހުންނަށް ނަސޭހަތްދީ، ތަކުރާރު ކުރާނަމަ 1،000 ރުފިޔާ އިން ޖޫރިމަނާ ކުރެ އެވެ.

ހަމަ އެގޮތަށް، އުޅަނދު ދުއްވުން މަނާ ގަޑީގައި އުޅަނދު ދުއްވައިފި ނަމަ އެ އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެ އެވެ.