16 Oct 2020, 16:52
ސީރިއާގައި ހިނގަމުން ދިޔަ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށްފަހު އެނބުރި ރާއްޖެ އައުމުން ރޭ ހައްޔަރުކުރި މީހާގެ ބަންދަށް ހަތް ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ ޓެރަރިސްޓު ޖަމާއަތްތަކާއެކު ސީރިއާގެ ދާހިލީ ހަނގުރށާމައިގައި ބައިވެރިވުމަށް ސީރިއާއަށް ދަތުރުކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ހަތް ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށެވެ.
ސީރިއާ ހަނގުރާމައިގައި ބައިވެރިވުމަށްފަހު އެނބުރި ރާއްޖެ އައުމުން ރޭ ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ފިރިހެނެކެވެ. ބޭރު ގައުމުތަކުގައި ހަރަކާތްތެރިވާ ދިވެހި ޓެރަރިސްޓު ހަނގުރާމަވެރިންގެ ލިސްޓުގައިވެސް ހިމެނޭ މި މީހާ ދިރިއުޅޭ ގެ، ކޯޓު އަމުރެއްގެ ދަށުން ރޭ ވަނީ ބަލައި ފާސްކޮށްފައެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ރޭ ވިދާޅުވީ ހައްޔަރުކުރި މީހާ ރާއްޖެ އައީ އިއްޔެ ކަމަށާއި، ސީރިއާގައި ކުރިއަށް ދިޔަ ޓެރަރިސްޓު ހަރަކާތްތަކުގައި އޭނާ ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
ސީޕީ ހަމީދު މީގެކުރިން ވިދާޅުވެފައި ވަނީ ސީރިޔާ އާއި އިރާގުގައި ހިނގަމުން ދާ، ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް އެ ގައުމަށް ދާން 423 ދިވެއްސަކު މަސައްކަތް ކުރި ކަމަށެވެ. އަދި އޭގެ ތެރެއިން އެކަން ކާމިޔާބުވެ ސީރިޔާ އަދި އިރާގަށް ދެވުނީ، 173 ދިވެއްސަކަށް ކަމަށެވެ.
ހަރުކަށި ފިކުރާ ދެކޮޅަށް ރާއްޖޭގައި މަސައްކަތްކުރާ ނެޝެނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރުން މިދިޔަ ޑިސެމްބަރު މަހު ބުނީ ސީރިއާގައި ހިނގާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަ މީހުންގެ ތެރެއިން މިހާރު ދިރިތިބީ 81 މީހުން ކަމަށާއި އޭގެ ތެރެއިން 73 މީހުންނަކީ، އަންހެނުންނާއި ކުޑަކުދިން ކަމަށެވެ.
ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަ ތަކަށް ގޮސް އެތައް ދިވެހިން މަރުވެފައިވެސް އެބަ ހުއްޓެވެ. އަދި އޭގެ ތެރެއިން ސީރިޔާއަށް ދިޔަ ބައެއް މީހުންގެ ހުވަފަތް ވެފައިވާ އެ މީހުންގެ އަނބިންނާއި ޔަތީމުވެފައިވާ ދަރިން އެނބުރި ނާދެވި ރެފިއުޖީ ކޭމްޕްތަކުގައި ވަނީ ތާށިވެފަ އެވެ. އެ މީހުން ރާއްޖެ ގެނެސް ދިނުމަށް އާއިލާތަކުން ދަނީ އެދެމުން އެވެ.
ހަނގުރާމަތަކަށް ގޮސްފައި އަންނަ މީހުން ރިހިބިލިޓޭޓް ކުރަން ކ. ހިންމަފުށީގައި ޑީ-ރެޑިކަލައިޒޭޝަން އެންޑް ރީހެބިލިޓޭޝަން ސެންޓަރެއް ވަނީ އިމާރާތްކޮށްފައެވެ.
ސީރިއާގައި ހާލުގައި ޖެހިފައިވާ ދިވެހި އަންހެނުންނާއި ކުޑަކުދިން ރާއްޖެ ގެނެސް އެ މީހުން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމައަށް ގެނައުމުގެ މަސައްކަތް ކުރަން ނިންމެވީ ރައީސް ސޯލިހެވެ.