އެއްވެސް ދައުވާއެއް ކުރުމެއް ނެތި ސްރީލަންކާގެ މުސްލިމް ވަކީލެއް ކަމަށްވާ ހިޖާޒް ހިޒްބުﷲ ޖަލުގައި ހުންނަތާ ހަަ މަސްވެއްޖެ އެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި ހިޖާޒް ޖަަލަށް ލާފައި ވަނީ މިދިޔަ އޭޕްރީލް މަހު އެވެ.

ލަންކާގެ އިދާރާތަކުން ބުނީ ހިޖާޒް ޖަލަށް ލާފައި ވަނީ މިދިޔަ އަހަރު އީސްޓާގައި ލަންކާގައި ގޮއްވާލި ބޮމުގެ ހާދިސާއާ ގުޅިގެންނެވެ.

ދެކުނު އޭޝިއާގެ ޑައިރެކްޓާ އޮފް ހިއުމަން ރައިޓްސް ވޮޗް މީނާކްޝީ ގަންގޫލީ ވިދާޅުވީ ހީޖާޒްގެ މައްޗަށް ދައުވާކުރެވޭވަރުގެ އެއްވެސް ހެއްކެއް ނެތް ކަަމަށާއި އަދި ކޮވިޑްގައި ޖަލުގައި ތިބޭ މީހުން މަދުކުރަން އދ. އިން ބާރުއަޅާއިރު ވެސް ހިޖާޒްގެ މައްސަލައަށް އެއްވެސް ސަމާލުކަމެއް ނުދޭކަމަށް ވަނީ ބުނެފަ އެވެ.

ސްރީލަންކާގެ ސުޕްރީމް ކޯޓުގައި މަސައްކަތް ކުރަމުންދިޔަ ހިޖާޒް ހައްޔަރުކޮށްފައި ވަނީ ޓެރަރިޒަމް ހުއްޓުވުމަށް ހަދާފައިވާ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގެ ދަށުން ދައުވާކުރުމެއްނެތި އަދި ފަނޑިޔާރަކު ބަންދުގެ މުއްދަތު ޖެހުމެއް ނެތި މީހުން ބަންދުކޮށްގެން ގެންގުޅެވެ އެވެ. އަދި ފުރަތަމަ 90 ދުވަހަށް ބަންދުކޮށް 18 މަސްދުވަހަށް ވެސް އެ މުއްދަތު އިތުރުކުރެވެ އެވެ.

ހިޖާޒްއަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި މުސްލިމް ވިޔަފާރިވެރިއެއް ކަަމަށްވާ ޔޫސުފް މުހައްމަދު އިބްރާހިމްއާ ގުޅުން އޮތުން ހިމެނެ އެވެ. އީސްޓާގައި ބޮންގޮއްވާލުމުގައި ޔޫސުފްގެ ދެކުދިން ޝާމިލްވާ ކަމަށް ސްރީލަންކާ އިން ބުނެ އެވެ.-- އަލްޖަޒީރާ--