މީހުންގެ ފިކުރީ މުދަލުން ވައްކަން ކުރުން ހުއްޓުވުމުގެ ގޮތުން އެމެރިކާގެ ކޮންގްރެސްއަށް ހުށައަޅާފައިވާ "ސްޓޮޕް އެންޓި ޕައިރޭސީ ބިލް" (ސޯޕާ) އާއި " ދަ ޕްރޮޓެކްޓް އައިޕީ އެކްޓް" (ޕިޕާ)އާ ދެކޮޅު ހެދުމުގެ ގޮތުން ބައެއް މަޝްހޫރު ވެބްސައިޓްތަކުން މިއަދު އިހުތިޖާޖުކުރަމުން އެބަދެ އެވެ.

އިންޓަނެޓްގައި ފިކުރީ މުދަލުން ވައްކަން ކުރުން ހުއްޓުވުމަށް އެމެރިކާގައި ފާސްކުރަން މަސައްކަތްކުރާ ބިލުތަކާ ދެކޮޅުހެދުމުގެ ގޮތުން މަޝްހޫރު ވިކިޕީޑިއާ އިން ވަނީ އެވެބްސައިޓްގެ އިނގިރޭސި ބައި 24 ގަޑިއިރަށް ބަންދުކޮށްފަ އެވެ. އެގޮތުން މުޅި ސަފުހާ ކަޅުކުރުމަށް ފަހު ލިޔެފައި ވަނީ ސިޔާސީ ބަޔާނެއް ކަމަށް ދަ އިކޮނޮމިކް ޓައިމްސް އިން ބުންޏެވެ.

"މައުލޫމާތާ ނުލައި ދުނިޔެ އޮންނާނެ ގޮތް ތަސައްވުރު ކޮށްލާށެވެ،" ވިކިޕީޑިއާގެ ކޮންޓެންޓް ބްލޮކް ކުރުމަށް ފަހު ލިޔެފައި ވެއެވެ.

ބިލާ ދެކޮޅު ހެދުމުގެ ގޮތުން އެންމެ ބޮޑު ސާޗް އިންޖީން ގޫގުލް އިން ކުރި ކަމަކީ ގޫގުލް އެމެރިކާގެ ހޯމް ޕޭޖްގައިވާ ލޯގޯ ފޮރުވާލައި އެބައި ކަޅު ކޮށްލުމެވެ.

ވެބްސައިޓްތަކުން ބިލްތަކާ ދެކޮޅުހެދި ނަމަވެސް އެމެރިކާގެ ފިލްމު އިންޑަސްޓްރީއާއި އުފެއްދުންތެރިންގެ ޖަމިއްޔާއާއި އެގައުމުގެ ވިޔަފާރިވެރިންގެ ޖަމިއްޔާއިން ވަނީ އެބިލަށް ތާއީދުކޮށްފަ އެވެ. ނަމަވެސް ޑިޖިޓަލް ހައްގުތަކާއި އާއި ވާހަކަ ދެއްކުމުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ބިލުގެ ސަބަބުން އޮންލައިން ޕައިރޭސީގެ ތުހުމަތު އަޅުވައި، ވެބްސައިޓްތައް ބަންދުކުރުމުގެ މަގު އެމެރިކާއަށް ފަހިވާނެ ކަމަށް ބުނެ ބިލާ ދެކޮޅުހަދާފަ އެވެ.

މަޝްހޫރު ވެބްސައިޓްތައް ކަމަށްވާ ގޫގުލްއާއި ޓްވިޓާއާއި ވިކިޕީޑިއާއާއި ޔާހޫ ގުޅިގެން މިދިޔަމަހު ޝާއިއުކުރި ހުޅުވާލާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ބިލްތަކުގެ ސަބަބުން ޗައިނާއާއި އީރާނު ފަދަ ގައުމުތަކުގެ ސަރުކާރަށް ލިބިފައިވާ ފަދަ ސެންސަރު ކުރުމުގެ ބާރު އެމެރިކާ ސަރުކާރަށް ލިބިގެންދާނެ ކަމަށެވެ.