ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް އަށް 22.78 މިލިއަން ޑޮލަރު (351 މިލިއަން ރުފިޔާ) ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒުކުރުން ފަސްކުރަން ހައިކޯޓުން މިއަދު އަމުރެއް ނެރެފިއެވެ.

ސިވިލް ކޯޓުން ޖުލައި 19ގައި ކުރި ހުކުމުގައި ބުނީ ހއ. އަލިދޫ ރިސޯޓް، އެލައިޑް އިންޝުއަރެންސުގައި 2014ގައި އިންޝުއާކޮށްފައި ވަނިކޮށް އެ އަހަރު މޫސުން ގޯސްވެ، އެ ރިސޯޓްގެ މޫދު ކޮޓަރިތަކަކަށް ބޮޑެތި ގެއްލުންތަކެއްވި ކަމަށެވެ. އަދި އެއީ އެ ރިސޯޓުން ނަގާފައިފައިވާ ޕޮލިސީގެ ދަށުން އެލައިޑް އިންޝުއަރެންސުގެ މައްޗަށް ކްލެއިމް ކުރެވޭނެ ކަމެއް ކަމަށާއި ބަދަލުގެ ގޮތުގައި 22.78 ދޭން ޖެހޭނެ ކަމަށެވެ. ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރު ނެރުއްވި ހުކުމުގައި ބުނެފައި ވަނީ އެލައިޑުން ދައްކަން ޖެހޭ ފައިސާ ހުކުމް ކުރާ ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސް ކުރަން ޖެހޭނެ ކަމަށެވެ.

އެ ހުކުމާ އެއްގޮތަށް އެއް މަސް ދުވަހުގެ ތެރޭގައި އެލައިޑުން ފުރަތަމަ ޕޭމަންޓުގެ ގޮތުގައި 3.8 މިލިއަން ޑޮލަރު ދޭން ޖެހޭ ނަމަވެސް، އެ ފައިސާ ދީފައި ނުވާ ކަމަށް ބުނެ ހުކުމް ތަންފީޒު ކޮށްދޭން ފިޔަވަޅު އަޅައިދިނުމަށް އެދި ޔޮޓް ޓުއާސްއިން ވަނީ ހުކުމް ތަންފީޒު ކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓަށް ސިޓީއެއް ފޮނުވާފަ އެވެ.

ނަމަވެސް، އެ ފަހުން އެލައިޑުން ވަނީ ސިވިލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އަދި އެލައިޑުން ވަނީ މައްސަލަ ނިމެންދެން ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށްވެސް އެދިފަ އެވެ.

އެލައިޑުގެ ފަރާތުން ހައިކޯޓުގައި ބުނީ އެ އަމުރު ނެރެނުދީފި ނަމަ އެލައިޑުގެ ވިޔަފާރިއަށް ވަރަށް ބޮޑު އަސަރެއްކޮށް، އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ވެދާނެ ކަމަށެވެ.

އެގޮތުން އެލައިޑުން ފާހަގަކުރި ނުކުތާތަކަކީ:

- ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެލައިޑްގެ އެންމެހައި އެކައުންޓްތައް ފްރީޒްކުރުމުގެ އަމުރެއް ސިވިލް ކޯޓުގެ ހުކުމް ތަންފީޒުކުރާ ސެކްޝަނުން ނެރުއްވައިފިނަމަ، އެލައިޑްގެ ހުރިހާ ބޭންކް
އެކައުންޓްތަކެއް ފްރީޒް ކުރާނެކަމާއި، އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެލައިޑްގެ އެތައް ކަސްޓަމަރުންނަކަށް ދެމުން ގެންދާ ހިދުމަތްތަކަށް ބުރޫއަރައި އެކަސްޓަމަރުންގެ ހައްގުތަކަށް
އުނިކަން ލިބުން

- ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް ޔޮޓް ޓުއާސްއަށް ފައިސާ ދައްކަންޖެހި، އެފައިސާ ދައްކާފައިވަނިކޮށް، އިސްތިއުނާފު ކުރެވިފައިވާ މައްސަލަ އެލައިޑްއާއި އެއްކޮޅަށް ނިމޭ ހާލަތުގައި، އެ ފައިސާ ޔޮޓް ޓުއާސްގެ ފަރާތުން އެލައިޑަށް އަނބުރާ ނުލިބުމުގެ ފުރުސަތު އިންތިހާއަށް ބޮޑުކަން

- ސިވިލް ކޯޓުން ހުކުމް ތަންފީޒުކުރުމުގެ ފިޔަވަޅެއް އަޅުއްވައިފިނަމަ، އެލައިޑުގެ ކަސްޓަމަރުން އެލައިޑަށް ކުރާ އިތުބާރު ގެއްލި އެލައިޑަށް އިތުރު ވިޔަފާރި ނުކުރެވުން

- އިންޝުއަރެންސް ވިޔަފާރިއަކީ ވަރަށް ބޮޑަށް ރީ-އިންޝުއަރަންސްއަށް ބިނާވެގެން ހިންގާ ބާވަތުގެ ވިޔަފާރިއަކަށްވާތީ، ރީ-އިންޝުއަރަންސް ޕާޓްނަރުންނާއެކު ވެފައިވާ އެއްބަސްވުންތައް
ރޫޅުމުގެ ފުރުސަތު އޮތުމާއި، އަދި އިންޝުއަރަންސް ވިޔަފާރިއާއި މެދު އޮންނަ އިތުބާރު ގެއްލި ވިޔަފާރި ގެއްލުން

- އެލައިޑުން އެކި ފަރާތްތަކަށް ދައްކަންޖެހި ނުދައްކާވާ ފައިސާ ދެއްކޭނޭ މަގު ބަންދުވެ، އެފަރާތްތަކުން އެލައިޑް ބްލެކްލިސްޓުކޮށް، ކުރިއަށް އޮތް ތަނުގައި އެފަރާތްތަކުން އެލައިޑަށް ހިދުމަތް ދިނުން ހުއްޓާލުމުގެ ފުރުސަތު އޮތުން

- އެލައިޑްގެ މުވައްޒަފުންނަށް މުސާރަ ނުދެވި އެފަރާތްތައް ބިކަވެ ނިކަމެތިވުން

އެލައިޑުން ފާހަގަކުރި ނުކުތާތަކާ ގުޅިގެން ހައިކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އެއް ނުކުތާ ފިޔަވައި ދެން ހުރި ކަންތައްތަކަކީ، އެލައިޑުގެ ފަރާތުން ބީވެގެން ހިގައިދާނެ ކަންތައްތަކެއްގެ ބިރުކަން އެނގޭ ކަމަށެވެ.

އެއީ ވިޔަފާރި ހުއްޓުން ނުވަތަ ވިޔަފާރިއަށް ނޭދެވޭ އަސަރެއް ކޮށްފާނެ ކަމުގެ ބިރާއި، ކަސްޓަމަރުން ގެއްލިދާނެ ކަމުގެ ނުވަތަ ކަސްޓަމަރުންގެ އިތުރުބާރު ގެއްލިދާނެ ކަމުގެ ބިރާއި، ރީ-އިންޝުއަރެންސް ގެއްލިދާނެ ކަމުގެ ބިރާއި ކުންފުނީގެ ރެޕިއުޓޭޝަން ނުވަތަ ގުޑްވިލް ނެތިދާނެ ކަމުގެ ބިރާއި، އެހެން ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކިދާނެ ކަމުގެ ބިރެވެ.

އަދި މައްސަލައިގައި އެލައިޑުން އެދިފައިވާ ފަދަ ހުކުމް ތަންފީޒުކުރުން
ފަސްކުރުމުގެ ވަގުތީ އަމުރެއް ހައިކޯޓުން ނެރެން ޖެހޭނެ ކަމަށް ބުރަވެވޭ ކަމަށެވެ.

އެހެންކަމުން އިސްތިއުނާފު މައްސަލައިގެ ހުކުމް ކުރަންދެން، ނުވަތަ ހައިކޯޓުން އެހެން ގޮތަކަށް ކަނޑައަޅަންދެން، ސިވިލް ކޯޓްގެ ހުކުމް ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ހައިކޯޓުން ވަނީ ސިވިލް ކޯޓަށް އަންގައި އަމުރުކޮށްފައެވެ.

އެލައިޑުގެ ފަރާތުން ހުށަހެޅި އިސްތިއުނާފުގައި ބުނެފައި ވަނީ ދައުވާ ބިނާކުރި އިންޝުއަރެންސް ޕޮލިސީއަކީ ރަނގަޅު އިންޝުއަރެންސް ޕޮލިސީއެއް ނޫން ކަމަށް އެލައިޑުން ހުށަހެޅި އިޖުރާއީ ނުކުތާއާ މެދު ބަލަން ޖެހޭ ވަރަށް ބަލާފައި ނުވާ ކަމަށެވެ.

ޔޮޓް ޓުއާސްއިން އިންޝުއަރެންސް ފައިސާ ހޯދުމަށް ދައުވާކޮށްފައި ވަނީ އިންޝުއަރެންސް ޕޮލިސީއިން ކަވަރު ކުރާ ކޮން ޕެރިލްއެއްގެ ދަށުންކަން ސާބިތުކޮށްދީފައި ނުވަނީސް އިންޝުއަރެންސް ފައިސާ ދައްކަން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށް އެލައިޑުން ބުނެފައިވެ އެވެ.

ސިވިލް ކޯޓުން މައްސަލަ ބެލި އިރު "ބާޑަން އޮފް ޕްރޫފް" ނުވަތަ ދައުވާ ސާބިތު ކުރުމުގެ ބުރަ، އެ މައްސަލައިގައި ދައުވާ ކުރި ޔޮޓް ޓުއާސްގެ ބަދަލުގައި އެލައިޑަށް ފުރޮޅާލާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ފައިސާ ދޭން ސިވިލް ކޯޓުން ކަނޑައަޅާފައި ވަނީ ޔޮޓް ޓުއާސްއަށް ލިބުނު ގެއްލުމުގެ މިންވަރު ވަޒަންކުރުމެއް ނެތި ކަމަށްވެސް އިސްތިއުނާފުގައި ބުނެފައިވެ އެވެ.

އެ މައްސަލަ ގާޒީ ނިންމަވާފައި ވަނީ ފަނޑިޔާރުންގެ ގާނޫނުގެ ފަސް ވަނަ މާއްދާގައި ބުނާ ގޮތާ ހިލާފަށް ހެއްކާ ގަރީނާއަށް ރިއާއަތް ނުކޮށް، ތައައްސުބުން އެއްކިބާނުވެ ކަމަށެވެ. އަދި މައްސަލަ ނިންމުމުގައި ހިލާފުވެފައިވާ ކަމަށް އެލައިޑުން ދެކޭ ގާނޫނުއަސާސީގެ މާއްދާތައްވެސް ބަޔާން ކުރި އެވެ.

ދަށު ކޯޓުގައި މައްސަލަ ހިނގި އިރު ސުޕްރީމް ކޯޓުގެ ގަޒިއްޔާއެއް އަލުން ރިވިއު ކުރުމަށް ސުޕްރީމް ކޯޓުގައި އެދިފައިވާނެ ކަމަށްވެސް އެލައިޑުން ބުނެފައިވެ އެވެ. ރިވިއު ކުރަން އެދުނު މައްސަލައިގެ ހުކުމް ބަދަލުވެއްޖެ ނަމަ މި މައްސަލައިގެ ހުކުމަށް އަސަރު ކުރާނެތީ އެ މައްސަލައާ މެދު ވަކި ގޮތެއް ނިމެންދެން މަޑުކޮށްދޭން ސިވިލް ކޯޓުގައި އެދުނު ކަމަށް އެލައިޑުން ބުންޏެވެ. ނަމަވެސް، އެގޮތަށް މަޑުކޮށްފައި ނުވާތީ އެކަންވެސް އިސްތިއުނާފު ނުކުތާއެއްގެ ގޮތުގައި ހުށަހަޅާފައިވެ އެވެ.

ރިވިއު ކުރަން އެދުނު މައްސަލަ ބަލައިނުގަންނަން ސުޕްރީމް ކޯޓުން ވަނީ ނިންމާފަ އެވެ. ނަމަވެސް، އެގޮތަށް ނިންމީ އެލައިޑުން ހައިކޯޓުގައި އިސްތިއުނާފު ކުރި ފަހުންނެވެ. އެހެންވެ އެ އިސްތިއުނާފީ ނުކުތާ ކުރިއަށްނުގެންދަން ވަނީ ނިންމައިފަ އެވެ.