ބިޝްކެކް (އޮކްޓޯބަރު 15): މިދިޔަ ހަފްތާގައި ކިރްގިސްތާނުގައި ބޭއްވި ޕާލިމެންޓު އިންތިހާބާ ގުޅިގެން އެގައުމުގައި ގިނަ އަދަދެއްގެ މީހުން ސަރުކާރުގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާ ކުރަމުންދަނިކޮށް މިއަދު އެގައުމުގެ ރައީސް ސުރޮންބޭ ޖިންބެކޮވް އިސްތިއުފާ ދެއްވައިފި އެވެ.

ކިރްގިސްތާނުގައި މުޒާހަރާތައް ފެށުނީ މި މަހުގެ ހަތަރެއްގައި އެގައުމުގައި ބޭއްވި ޕާލިމެންޓު އިންތިހާބު ޖިންބެކޮވްއަށް ތާއިދު ކުރާ ޕާޓީތަކުން ކާމިޔާބު ކުރުމުންނެވެ. އަދި އެ އިންތިހާބުގައި ވޯޓު ގަނެފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރި ފަހުންނެވެ.

ޖިންބެކޮވް ވިދާޅުވި ގޮތުގައި އޭނާ އިސްތިއުފާ ދެއްވަނީ މުޒާހަރާގެ ބައިވެރިން ރައީސްގެ ގެކޮޅަށް ވަންނާނެ ކަމަށް އިންޒާރު ދިނުމުން، އެ ހާލަތުގައި ލޭ އޮހޮރުވުމަކަށް ގޮސްދާނެތީ އެވެ.

"އެއްކޮޅުގައި ތިބީ މުޒާހަރާ ކުރާ މީހުން، އަނެއް ކޮޅުގައި ގާނޫނު ތަންފީޒު ކުރާ ފަރާތްތައް. ދައުލަތުގެ އިމާރާތްތައް ރައްކާތެރި ކުރަން ހަތިޔާރު ބޭނުން ކުރުން އަސްކަރިއްޔާ އާއި ގާނޫނު ތަންފީޒު ކުރާ ފަރާތްތަކަށް އަންގާފައިވޭ. މި ހާލަތުގައި އެއްވެސް ޝައްކެއް ނެތް ގޮތުގައި ލޭ އޮހޮރޭނެ. އަޅުގަނޑު ބޭނުމެއް ނޫން އަމިއްލަ ރައްޔިތުންގެ ގަޔަށް ބަޑި ޖަހާ ލޭ އޮހޮރޮވި ރައީސެއްގެ ގޮތުގައި ތާރީހުގައި ލިޔެވިގެން ދާން،" ޖިންބެކޮވް ވިދާޅުވި އެވެ.

ކިރްގިސްތާނުގައި މިދިޔަ ހަފްތާގައި ބޭއްވި މުޒާހަރާތަކުގައި ބައެއް މީހުން ސަރުކާރުގެ އިމާރާތްތައް ހިފާ، އާ ޕާލިމެންޓު އިންތިހާބެއް ބޭއްވުމަށާއި ރައީސްގެ އިސްތިއުފާއަށް ގޮވާލި އެވެ. އެ މުޒާހަރާތަކުގައި 1،200އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެ، އެކަކު މަރުވެފައިވެ އެވެ.

މީގެ އިތުރުން މުޒާހަރާގެ ބައިވެރިން ވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ކުރީގެ ޕާލިމެންޓު މެމްބަރެއް ކަމަށްވާ ސަދީރު ޒަޕަރޯވް މިނިވަންކޮށްފަ އެވެ. އަދި އެ މުޒާހަރާތަކާ ހެދި ގައުމުގެ ބޮޑުވަޒީރާއި ކެބިނެޓާއި ބައެއް ގަވަރުނަރުންނާއި މޭޔަރުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

މީގެ އިތުރުން ކިރްގިސްތާނުގެ އިލެކްޝަން ކޮމިޝަނުން ވަނީ ޕާލިމެންޓު އިންތިހާބުގެ ނަތީޖާ އުވާލާފަ އެވެ. އަދި ޕާލިމެންޓުން މިހާރު ވަނީ ބޮޑުވަޒީރު ކަމަށް ޒަޕަރޯވް އައްޔަންކޮށްފަ އެވެ.

ޒަޕަރޯވް ޖަލަށްލީ 2013 ވަނަ އަހަރު ބޭއްވި މުޒާހަރާއެއްގައި ސަރުކާރުގެ އޮފިޝަލަކު ރަހީނު ކުރަން އުޅުނު ކަމުގެ ދައުވާގައި 2017 ވަނަ އަހަރެވެ. އެއީ އެގައުމުގެ ގޯލްޑް މައިންތައް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔުމަށް ގޮވާލާ ބޭއްވި މުޒާހަރާއެއްގެ ތެރޭގަ އެވެ.

ޖިންބެކޮވް ރައީސް ކަމުން އިސްތިއުފާ ދެއްވުމުން ރިޔާސީ ބާރުތަކާ ދެން ހަވާލުވެވަޑައިގަންނަވާނީ ޕާލިމެންޓުގެ ރައީސް ކަނަތުބެކް އިސަޔެވް އެވެ. އެގައުމުގައި އާ ޕާލިމެންޓު އިންތިހާބެއް ބާއްވާނެ ދުވަހެއް އަދި އިއުލާންކޮށްފައި ނުވެ އެވެ.