ވޮޝިންޓަން (އޮކްޓޯބަރު 15): އާ ކޮރޯނާވައިރަހަށް ވެކްސިނެއް ތައްޔާރު ކުރެވުމުން އެ ވެކްސިން ދުނިޔޭގެ ކުރިއަރަމުން އަންނަ ގައުމުތަކަށް ލިބޭނެކަން ޔަގީން ކުރުމަށް ވޯލްޑް ބޭންކުން 12 ބިލިއަން ޑޮލަރު ހަރަދު ކުރަން ނިންމައިފި އެވެ.

ވޯލްޑް ބޭންކުން ބުނި ގޮތުގައި އެ 12 ބިލިއަން ޑޮލަރަކީ ދުނިޔޭގެ ކުރިއަރަމުން އަންނަ ގައުމުތަކުން ކޮރޯނާވައިރަސް ބަލިމަޑުކަމާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި އެހީވުމަށް ހާއްސަކޮށްފައިވާ 160 ބިލިއަން ޑޮލަރު ޕެކޭޖެއްގައި ހިމެނޭ ފައިސާ އެވެ. އަދި އެއީ އެގައުމުތަކަށްވެސް ރައްކާތެރި ކޮވިޑް ވެކްސިނެއް ފޯރުކޮށްދޭން ޖެހޭކަން ބުނެދިނުމަށް ދުނިޔޭގެ ބޭސް އުފައްދާ ސިނާއަތަށް ދިން ސިގްނަލެއް ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ވެކްސިން އެއް ތަނުން އަނެއް ތަނަށް ގެންދިޔުން ފަދަ ކަންތައްތަކުގައިވެސް އެހީވެ، ކޮވިޑް ޓެސްޓުތަކާއި ފަރުވާތައް ވެސް ގައުމުތަކަށް ފޯރުކޮށްދިނުމަށް އެ ފައިސާއިން އެހީތެރިވެ ދެވޭނެ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

"ކުރިއަރަމުން އަންނަ ގައުމުތަކަށްވެސް އެހެން ގައުމުތަކާ އެއްގޮތަށް ވެކްސިން ލިބުމުގެ ފުރުސަތު އޮންނާނެކަން ޔަގީން ކުރުމަށްޓަކައި، އަޅުގަނޑުމެން ކޮވިޑް އެމާޖެންސީއާ ކުރިމަތިލާ ގޮތް މި ފުޅާ ކުރަނީ،" ވޯލްޑް ބޭންކުން ބުންޏެވެ.

ވޯލްޑް ބޭންކް ކޮވިޑް އެމާޖެންސީ ރެސްޕޮންސް ޕްރޮގްރާމުތަކުން މިހާރުވެސް ދަނީ 111 ގައުމަކަށް އެހީވަމުންނެވެ.

ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ބޭނުން ކުރެވިދާނެ ވެކްސިނެއް ތައްޔާރު ކުރުމުގެ މަސައްކަތުގައި ދުނިޔޭގައި 45 ވެކްސިނެއް މީހުންނަށް ދީގެން މިހާރު ދަނީ ޓެސްޓު ކުރަމުންނެވެ. އަދި އެ ޓެސްޓުތަކުގެ އެންމެ ފަހު މަރުހަލާ ކަމަށްވާ ތިން ވަނަ ފިޔަވަހީގެ ތަހުލީލުތައް ނުނިމެނީސް ޗައިނާ އާއި ރަޝިއާއިން ވަނީ އެ ދެ ގައުމުން އުފެއްދި ވެކްސިންތަކެއް ބައެއް ހާލަތްތަކުގައި ބޭނުން ކުރުމަށް ހުއްދަ ދީފަ އެވެ.

ދުނިޔޭގައި މިހާތަނަށް 38.5 މިލިއަން މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި އެއް މިލިއަން މީހުން ވަނީ މަރުވެފަ އެވެ.