ރޭ ބޮޑުތަކުރުފާނު މަގުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ ވޭނުގެ ދަށުވެ، އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބުނު ކަމަށް ފުލުހުން ބުނެފި އެވެ.

ރޭ 6:08 އެހާކަންހާއިރު ބޮޑުތަކުރުފާނު މަގުން ދުއްވާފައި ދިޔަ ސައިކަލެއްގެ ފަހަތުގައި، ފަހަތުން އައި ވޭނެއް ޖެހި ހިނގި އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ އަންހެނުންނަށް ވަނީ އަނިޔާވެފަ އެވެ.

ސައިކަލުގެ ފަހަތުގައި އަންހެން މީހަށް ވަރަށް ބޮޑަށް އަނިޔާވި އެވެ. ފުލުހުން މިއަދު ބުނީ، އެ އަންހެން މީހާ ވެއްޓި، ވޭނުގެ ދަށުވި ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ އަންހެން މީހާއަށް ސީރިއަސް އަނިޔާތަކެއްވި ކަމަށާއި، އޭނާ އައިޖީއެމްއެޗްއަށް ގެންދިޔަ ކަަަމަށެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވިދާޅުވި ގޮތުގައި އެ އަންހެން މީހާ މި ވަގުތު އޮތީ އައިސީޔޫގައި ބާއްވާފަ އެވެ. އަދި އޭނާ އޮތީ އޮކްސިޖަން ގުޅާފަ އެވެ.

ފުލުހުން ރޭ ބުނި ގޮތުގައި އެކްސިޑެންޓުވި ދެ އުޅަނދުވެސް ދުއްވަން ތިބީ ލައިސެންސް އޮންނަ ދެމީހުންނެވެ. ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުންދާއިރު އަދި އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ނުވެ އެވެ.