18 Jan 2012, 14:11
ފުލުހުން ކުރަމުން ގެންދާ ތަހުގީގަކަށް ބޭނުންވާ މައުލޫމާތެއް ސާފުކުރަން ކަމަށް ބުނެ ގައުމީ ޕާޓީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމަށް އަނެއްކާ ވެސް ޗިޓް ފޮނުވައިފި އެވެ.
ޑރ. ޖަމީލްގެ ގާނޫނީ ވަކީލު އަބްދުﷲ ސައީދު މިއަދު ވިދާޅުވީ މިރޭ 8:30 އަށް ޑރ. ޖަމީލް ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގެންނެވުމަށް ފުލުހުންގެ އިދާރާއިން ފޮނުވާފައިވާ ޗިޓެއް ލިބިވަޑައިގެންފައިވާ ކަމަށާއި އެ ޗިޓްގައިވަނީ " ބަލަމުންދާ މައްސަލައަކާ ބޭނުންވާ މައުލޫމާތެއް ސާފުކުރަން،" ކަމަށެވެ.
އަދި ވިދާޅުވީ ފުލުހުންގެ އިދާރާއަށް މިރޭ ވެސް ޖަމީލް ހާޒިރުވެވަޑައިގެންނަވާނެ ކަމަށާއި ނަމަވެސް ގާނޫނާއި ގަވާއިދުތައް މުގުރާލާފައި ފުލުހުންނާއި ސިފައިން މިހާރު ކަންތައްތައް ކުރަމުންދާ ގޮތަށް ބަލާއިރު މިރޭ ވެސް ޑރ. ޖަމީލް ހައްޔަރުކޮށްގެން ދޫނިދޫއަށް ނުގެންދާނެ ކަމަށް ދެކެވަޑައިނުގެންނަވާ ކަމަށެވެ.
" އަޅުގަނޑުމެން ގަބޫލްކުރާ ގޮތުގައި އަދި އުއްމީދުވެސް ކުރަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަންތައްތައް ކުރިއަށް ގެންދާނެ ކަމަށް. ނަމަވެސް މިހާރު ކަންތައްތައް ވަމުންދާ ގޮތަށް ބަލާއިރު އެނޫން ގޮތަކަށް ވެސް އެކަންތައް ހިނގައިދާނެ،" ސައީދު ވިދާޅުވި އެވެ.
ފުލުހުންގެ އިދާރާއަށް މިރޭ ޖަމީލް ހާޒިރުވެވަޑައިގެންނެވުމަށް އަމުރެއް ނެރެފައިމިވަނީ އިއްޔެ ރޭ އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކުރި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައިގައި، ޑރ. ޖަމީލް ހައްޔަރުކޮށްފައިވަނީ ގާނޫނީ އަސާސީއާ ހިލާފަށް ކަމަށް ކަނޑަ އަޅައި އެކޯޓުން ރޭ އޭނާ ދޫކޮށްލާފައި ވަނިކޮށެވެ.
ކްރިމިނަލް ކޯޓުން ޑރ. ޖަމީލް ދޫކޮށްލުމަށް ފުލުހުންގެ މައްޗަށް ކުރިއަމުރުގައި ބުނެފައިވަނީ ޖަމީލު ދެ ފަހަރުވެސް ހައްޔަރު ކޮށްފައިނީ އެއް ކުށެއްގެ ތުހުމަތުގައި ކަމަށާއި ދެފަހަރު ޖަމީލު ހައްޔަރުކުރި އިރު ވެސް ހުށަހަޅާފައިވަނީ އެއް ހެކިތަކެއް ކަމަށެވެ. އަދި ޖަމީލުއަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރި މީހެއް ކަމަށް ފުލުހުން ބުނާއިރު އެކަން ފުލުހުންނަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެ އެވެ.