ވޮޝިންޓަން (އޮކްޓޯބަރު 15): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހަގު ދަރިކަލުން ބެރޮން ވެސް ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ކަމަށާއި ނަމަވެސް އޭގެ ފަހުން އޭނާ ވައިރަހަށް ނެގެޓިވްވެފައިވާ ކަމަށް ރައީސްގެ އަނބިކަނބަލުން މެލާނިއާ ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ސާދަ އަހަރުގެ ބެރޮން ކޮރޯނާވައިރަހަށް ޕޮޒިޓިވްވިކަން މެލާނިއާ ހާމަ ކުރެއްވީ މި މަހުގެ އެކެއްގައި ރައީސްގެ ދެކަނބަލުންވެސް ވައިރަހަށް ޕޮޒިޓިވްވުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މެލާނިއާގެ ތަޖުރިބާ ހިއްސާ ކުރައްވަމުން އޭނާ ވައިޓް ހައުސްގެ ވެބްސައިޓުގައި ހިއްސާ ކުރެއްވި ލިޔުމެއްގައިވާ ގޮތުން އޭނާ އާއި ޓްރަމްޕް ވައިރަހަށް ޕޮޒިޓިވްވުމަށް ފަހުން ބެރޮން ފުރަތަމަ ޓެސްޓު ކުރުމުން ނެގެޓިވްވި އެވެ. ނަމަވެސް ދެވަނަ ފަހަރަށް ޓެސްޓު ކުރުމުން ޕޮޒިޓިވްވި އެވެ.

"[ބެރޮން] ދެވަނަ ފަހަރަށް ޓެސްޓު ކުރުމުން ޕޮޒިޓިވްވި. ނަސީބަކުން އެއީ ފުރާވަރު އުމުރުގެ ސިއްހަތު ރަނގަޅު ކުއްޖެއް އަދި އޭނާގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ނުފެނޭ،" ފަސްޓް ލޭޑީ ވިދާޅުވި އެވެ.

ބެރޮންގެ ފަރާތުން ބަލީގެ އަލާމާތެއް ނުފެންނަ ނަމަވެސް މެލާނިއާ ވިދާޅުވި ގޮތުގައި އޭނާއަށް ގައިގައި ރިއްސުމާއި ކެއްސުމާއި ވަރުބަލިވުން ފަދަ އަލާމާތްތައް ތަޖުރިބާ ކުރަން ޖެހުނެވެ. އަދި އޭނާގެ ޒިންމާތައް އަދާ ކުރެވެން އޮތް އެންމެ އަވަހަކަށް މަސައްކަތްތައް ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ.

މެލާނިއާ އާއި ޓްރަމްޕްވެސް ވަނީ މިހާރު ބެރޮން ވައިރަހަށް ނެގެޓިވްވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މިދިޔަ ހޯމަ ދުވަހު ޓްރަމްޕް ވަނީ އޭނާ ބަލިން ރަނގަޅުވެފައިވާ ކަމަށް ވިދާޅުވެ، ރިޔާސީ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަން ފައްޓަވާފަ އެވެ.

އެމެރިކާގައި މިހާތަނަށް 7.8 މިލިއަނަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 215،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.