ބެއިޖިންގް (އޮކްޓޯބަރު 15) : ޗައިނާއާ ދެކޮޅަށް ދުޝްމަނުން ފަށާފާނެ ހަނގުރާމައަކަށް ތައްޔާރުވެ ތިބުމަށް ޗައިނާގެ ރައީސް ޝީޖިންޕިން އެގައުމުގެ ސިފައިންނަށް ގޮވާލައްވައިފިއެވެ.

ޗައިނާގެ ދެކުނުގެ ގުވާންގް ދުވާންގް ސަރަހައްދުގައި ގާއިމްކޮށްފައިވާ އަސްކަރީ ބޭހަކަށް ވަޑައިގެން އެތަން ބައްލަވާލައްވައި އެތަނުގައި މަރުކަޒުކޮށްފައިވާ ސިފައިންނާއި އަސްކަރީ ކޮމާންޑަރުންނާ ބައްދަލުކުރައްވައި ރައީސް ޝީ ވިދާޅުވީ ދުޝްމަނުން އެކިރޭވުންތަށް ޗައިނާއާ ދެކޮޅަށް ރާވަމުންދާކަމަށާ އެރޭވުންތަކާ ގުޅިގެން ހަނގުރާމައަކަށް ދާންޖެހުމަކީ އެކަށީގެންވާ ކަމެއްކަމުގައެވެ.

އެހެންކަމުން ކޮންމެ ވަގުތަކުވެސް ގައުމުގެ ދިފާއުގައި ހަނގުރާމައަކަށް ދާންޖެހިދާނެކަމަށް ބަލައި އެކަމަށް ފިޒިކަލް ގޮތުންނާއި ވިސްނުމާއި ފިކުރުގެ ގޮތުން ތައްޔާރުވެ ތިބުމަށް ޗައިނާގެ ސިފައިންނަށް ޝީ ގޮވާލެއްވިއެވެ.

ޗައިނާގެ ރައީސް މިމޭރުމުން ވާހަކަ ދެއްކެވިއިރު އެމެރިކާވަނީ ޗައިނާއާ ދިމާކުރުމަށްޓަކައި ޖަޕާން، އޮސްޓްރޭލިއާ އަދި އިންޑިއާ އާ ގުޅިގެން "ކްއަޑް ގްރޫޕް" ގެ ނަމުގައި ދާދިފަހުން އެލަޔަންސެއް ނުވަތަ ޖަމާއަތެއް އެލުލަވަލާފައެވެ. މި ޖަމާއަތުގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއް މިމަހުގެ 6 ވަނަ ދުވަހު އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ގެ ޒަޢާމަތުގެ ދަށުން ޖަޕާންގައި ވަނީ ބާއްވާފައެވެ.

އެބައްދަލުވުމުގައި ޕޮމްޕެއޯ ވަނީ ޗައިނާ އެސަރަހައްދަކަށް ނިސްބަތްވާ އިންޑޯ ޕެސިފިކް ސަރަހައްދުން ޗައިނާގެ ބާރާއި ނުފޫޒު ކަނޑުވާލުމުގައި އެމެރިކާއަށް އެއްބާރުލުން ދިނުމަށް ޖަޕާން، އޮސްޓްރޭލިއާ އަދި އިންޑިއާ އަށް ގޮވާލައްވާފައެވެ. އެބައްދަލުވުމުގައި އެތިން ގައުމުންވަނީ ޗައިނާއާ ދެކޮޅަށް އެމެރިކާއަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައިވެސް ސޮއިކުރައްވާފައެވެ.

ޕޮމްޕެއޯ ވަނީ ޗައިނާގެ ބެލްޑް އެންޑް ރޯޑް އިނިޝިއޭޓިވް ގެ ދަށުން އޭޝިއާ އެފްރިކާ އަދި ޔޫރަޕްގެ ގައުމުތަކުގައި ތަރައްގީގެ މަދަނީ އިންފްރާސްޓަރަކްޗާ ބިނާކުރުމަށް ޗައިނާއިން ދޭ ހިލޭ އެހީއާއި ލޯންތަކާ އަދި ޗައިނާގެ ކުންފުނިތަކުން އެގައުމުތަކުގައި ކުރާ އިންވެސްޓްމަންޓް ތަކަކީ ޗައިނާއިން އެގައުމުތަކަށް އަތްގަދަކޮށް ބާރާއި ނުފޫޒު ހިންގުމުގެ އަމަލެއްކަމަށްވެސް ސިފަކުރައްވާފައެވެ.

އެމެރިކާ ގެންދަނީ ޗައިނާގެ ބައްރާ 200 ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ ދެކުނު ޗައިނާ ކަނޑުގެ ކަނޑުއޮޅިއަށް އަސްކަރީ މަނަވަރުތަށް ފޮނުވައިގެން ޗައިނާއަށް ޖެއްސުންކުރުމުގެ އަމަލުތަކެއް ތަކުރާރުކޮށް ހިންގަމުންނެވެ. ނަމަވެސް އެމެރިކާއަކީ ދެކުނު ޗައިނާ ކަނޑާ ގާތްގަނޑަކަށް 9 ހާސް ކިލޯމީޓަރު ދުރުގައިވާ ގައުމެކެވެ. އެމެރިކާ ގެންދަނީ ދެކުނު ޗައިނާ ކަނޑުގެ ދަތުރުފަތުރު ކުރުމުގެ މިނިވަންކަމަށްބުނެ ޗައިނާއަށް ޖެއްސުންކުރުމުގެ މިއަމަލުތަށް ދިފާއުވެސް ކުރަމުންނެވެ.

ދުޝްމަނުން ފަށާފާނެ ހަނގުރާމައަކަށް ތައްޔާރުވެ ތިބުމަށް ޗައިނާގެ ރައީސް އެގައުމުގެ ސިފައިންނަށް ގޮވާލެއްވުމުގެ ބޭނުމަކީ އެމެރިކާގެ މިޖެއްސުން ކުރުންތަކަށާއި ޖަޕާނާއި އޮސްޓްރޭލިއާ އަދި އިންޑިއާ ހިމަނައިގެން ޗައިނާއާ ދެކޮޅަށް އެމެރިކާ އެކުލަވާލި "ކްއަޑް ގްރޫޕް" ގެ ހަރަކާތްތަކަށާ އަދި ދެކުނު ޗައިނާ ކަނޑުގައި އެމެރިކާ ހިންގާ ޖެއްސުން ކުރުމުގެ އަމަލުތަކަށް ރައްދު ދެއްވުން ކަމަށް މުރާސިލުން ސިފަކުރެއެވެ.

(ނޫސްއެޖެންސީތައް)