ސަރުކާރު ބަލިކަށިވެ ބޭޒާރުވަމުންދާން ފެށުމުން އެކަމުގެ ބަދަލުހިފުމުގެ ގޮތުން ސިޔާސީ ލީޑަރުން ހައްޔަރުކޮށް އަނިޔާކުރުމުގެ އަމަލުތައް ނުހިންގުމަށް ޖުމްހޫރީ ޕާޓީން ސަރުކާރަށް ގޮވާލައިފި އެވެ.

ޖުމްހޫރީ ޕާޓީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދުނިޔޭގެ އެންމެ ހުދުމުހުތާރު ވެރިކަމުގެ ނިޒާމުތައް ހަރުލާފައި އޮންނަ ގައުމުތަކުގައި ތިބޭ ހުދުމުހުތާރު ވެރީންނާ ދެކޮޅަށް އަޑުއުފުލާ ޝުއޫރު ފާޅުކުރުމުން އެފަދަ ފަރާތްތައް ހިފައި ހައްޔަރުކޮށް އަނިޔާކުރާ ބީދައިން ދިވެހި ސަރުކާރުގެ އަމަލުތައް ހުރުމަކީ އެކަމާމެދު ލަދުވެތިވާން ޖެހޭ ކަމެއް ކަމަށެވެ.

އަދި މި ސަރުކާރަކީ ޑިމޮކްރަސީ އާއި ހިޔާލުފާޅުކުރުމާއި ތިން ބާރު ވަކިވެފައިވާ އަދުލުވެރި ނިޒާމެއް ގާއިމްވެފައި އޮތުމަށް ފުރައްސާރަކުރާ ކުރާ ސަރުކާރެއް ކަމަށާއި ހުރިހާ ކަމެއް ވެސް ނިންމަން ވާނީ ރައީސުލްޖުމްހޫރިއްޔާގެ ގޮށްމުށުގެ ބާރުން ކަމުގައި ދެކޭ ސަރުކާރެއް ކަމަށް ވެސް އެ ޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޖުމްހޫރީ ޕާޓީން ބުނެފައި ވަނީ އެމްޑީޕީ ސަރުކާރުގެ އެފަދަ ނާތަހުޒީބު އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ނަން ކިލަނބުވަމުން އަންނަ ކަމަށާއި ރައްޔިތުންގެ ކަންބޮޑުވުން އިތުރުވެ، އާއްމު މަސްލަހަތު ގެއްލެމުން އަންނަ ކަމަށެވެ. އަދި ބުނެފައި ވަނީ ރައީސް ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި، އެމަނިކުފާނުގެ ވެރިކަން ހިންގުމުގެ ދޯދިޔާކަމާއި ޔަހޫދީ ސިޔާސަތުތައް އާއްމުކޮށް ހާމަ ކުރުމަކީ އިދިކޮޅުފަރާތްތަކުން ކުރާ ކުށެއް ކަމަށެވެ.

އެ ޕާޓީން އިތުރަށް ބުނެފައި ވަނީ އިދިކޮޅު ސިޔާސީ ބޭބޭފުޅުން މިނިވަންކުރުމަށް ސަރުކާރަށް ޕްރެޝަރުކުރުމުގެ މަސައްކަތް ގައުމީ ފެންވަރުގައި މިހިނދުން މިހިނދަށް ފަށައި ސަރުކާރުން ހަމަމަގަށް އަޅުވަން ޖެހޭ ކަމަށެވެ. އަދި ސިޔާސީ ލީޑަރުންނާ މެދު ސަރުކާރާއި ސަރުކާރާ ގުޅުން ހުރި ފަރާތްތަކުން ހިންގާ ގާނޫނާއި ހިލާފު އަމަލުތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލާ ކަމަށް ވެސް ޖުމްހޫރީ ޕާޓީން ބަޔާންކޮށްފައިވެ އެވެ.