ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 11،000 އިން މައްޗަށް އަރައިފި އެވެ. މިއަދު ރާއްޖެއިން ޕޮޒިޓިވްވީ 69 މީހުންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން މިއަދު ޕޮޒިޓިވްވީ 69 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 63 މީހުންނާއި އެހެން ހިސާބުތަކުން ހަ މީހުންނެވެ. އެއާއެކު މިހާރު ޕޮޒިޓިވްވީ މީހުންގެ ޖުމްލަ 11062 އަކަށް ވަނީ އަރާފަ އެވެ.

މިއަދު 69 މީހަކު ޕޮޒިޓިވްވެފައި ވަނީ ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި 1221 ސާމްޕަލްގެ ތެރެއިންނެވެ.

ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ތެރެއިން 61 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާދެމުންނެވެ. އަދި އައިސޮލޭޝަން ފެސިލިޓީގައި 367 މީހަކު ތިބި ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ބަލި ޖެހި މިހާތަނަށް 9880 މީހަކު ރަނގަޅުވެފައި ވާއިރު 1140 މީހަކަށް ދަނީ ފަރުވާދެމުންނެވެ.