14 Oct 2020, 20:25
ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން ފެނުނު 100 އަށް ވުރެ ގިނަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ޝަހީބު އިބްރާހިމް އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރުކަމުން ސަސްޕެންޑުކޮށްފިއެވެ.
ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލައިގައި ހިމެނޭ ޑްރަގު ނެޓްވޯކުގައި ހިމެނޭ ހަތް މީހަކު ހައްޔަރުކޮށް، އޭގެ ތެރެއިން އިސް މީހުން ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު ފުލުހުން މިއަދު ވަނީ ހާމަ ކޮށްފައެވެ.
އެ ތަކެތި ރާއްޖެ އެތެރެކުރުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރަނީ ޝަހީބް އާއި ވައިލެޓްވިލާ/ ހއ. ހޯރަފުށި، އަހްމަދު މޫސާ އަށެވެ.
އެކަމާ ގުޅިގެން ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޝަހީބަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހައްޔަރުކުރުމާ ގުޅިގެން، އެ މައްސަލައިގައި ވަކިގޮތެއް ނިމެންދެން ޕީއެންސީގެ އަސާސީ ގަވާއިދަށް ރިއާޔަތްކޮށް، ޕީއެންސީގެ ކައުންސިލް މެމްބަރު ކަމުން އޭނާ ވަގުތީގޮތުން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
ޝަހީބަކީ ޕީއެންސީގެ ކައުންސިލް މެމްބަރެއްގެ އިތުރުން ކުރީގެ ސަރުކާރުގައި ހައުސިންގް މިނިސްޓްރީގެ ކޯޑިނޭޓަރުކަން ކުރި މީހެކެވެ.
ނިމިދިޔަ މަޖިލިސް އިންތިހާބުގައިވެސް ވާދަކުރި، ޝަހީބް އިބްރާހިމްއަކީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި އިރާނު ބޯޓަކުން އަތުލައިގަތް މަސްތުވާތަކެއްޗާ ގުޅުން އޮތް މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތީގެ މައްސަލައިގައި ހަތް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 25 އަހަރާ 48 އަހަރާ ދެމެދުގެ ފިރިހެނުންނާއި 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ.
ހައްޔަރުކުރި ހަތް މީހުންގެ ތެރޭގައި ހިމެނޭ ކުޑަކުއްޖާގެ ބަންދަށް ޖުވެނައިލް ކޯޓުން 10 ދުވަސް ވަނީ ޖަހާފައެވެ. އަދި ހައްޔަރުކުރި އަހްމަދު މޫސާގެ ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފައިވެއެވެ.
ޝަހީބު އިބްރާހީމާއި އިތުރު ހަތަރު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިދީފައިވެއެވެ.