18 Jan 2012, 13:44
މުޅި ރާއްޖެއަށް މަޝްހޫރު ދިވެހި ބޭސް ވެރިޔާ މ. ގައްދަޑުގޭ އަބްދުﷲ ލަތީފް (ގައްދަޑު ލަތީފު) އަވަހާރަވެއްޖެ އެވެ. ޑރ. އަލީ ލަތީފުގެ ބައްޕާފުޅު، ގައްދަޑު ލަތީފު އަވަހާރަވީ ގިނަ ވަރަށް ދުވަހު އާލާސް ކަނފުޅާ އުޅުއްވުމަށްފަހު މިއަދު ހެނދުނު އެވެ. އޭނާ އަވަރާވީ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދަނިކޮށެވެ. ލަތީފު އަވަހާރަވި އިރު އުމުރުފުޅަކީ 74 އަހަރެވެ. ދިވެހި ބޭސްވެރިކަމުގެ ރޮނގުން އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު 1981 ވަނަ އަހަރު ހާސިލު ކުރައްވާފައިވާ ގައްދަޑު ލަތީފަކީ ދިވެހި ބޭސްވެރިން އުފައްދަވައި ކިޔަވައި ދެއްވުމުގައި ވަރަށް ގިނަ ހިދުމަތް ރާއްޖެއަށް ކޮށްދެވުމުގެ އިތުރުން 2007 ވަނަ އަހަރާ ހަމައަށް ސަރުކާރަށް ގިނަ ހިދުމަތްތައްކެއް ކުރެއްވެވި ބޭފުޅެވެ. ގާތްގަނޑަކަށް 26 އަހަރު ސަރުކާރުގައި ހޭދަކުރައްވާ ޕެންޝަން ވެސް ލިބިވަޑައިގެންފައި ވެއެވެ. ގައްދަޑު ލަތީފު އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި އެލައިޑް ހެލްތު ސައިންސްގެ ދިވެހި ބޭހާ ބެހޭ މުޝީރު ކަމާއި އިންސްޓިއުޓު އޮފް ހެލްތު ސައިންސްގެ އެސިސްޓެންޓް ޑިރެކްޓަރުކަން ހިމެނެ އެވެ. އޭނާގެ މުޅި ހަޔާތް ހޭދަ ކުރެއްވެވީ ދިވެހި ބޭސްވެރިކަމުގެ ތެރޭގަ އެވެ. ގދ. ވާދޫއަށް އުފަން ގައްދަޑު ލަތީފު އަވަހާރަވިއިރު ފަސް ބޭފުޅުން ތިއްބަވަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ސީނާ އަހުމަދު ޒާހިރާއި އެމްއީއެސް އަލީ މުސްތޮފާ (އަލިބެ) އަކީ ގައްދަޑު ލަތީފަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅުންނެވެ. ލަތީފު އަވަހަރާވުމާ ގުޅިގެން އޭނާގެ މޫނު ދުށުމަށާއި އާއިލާއަށް ތައުޒިޔާ ކިޔުމަށް ސިއްހީ ދާއިރާގެ ވަރަށް ގިނަ މީހުންނާއި ސަރުކާރުގެ ވެރިންނާއި ވަރަށް ގިނަ އާންމުން މިއަދު މާލޭ އާ ސަރަހަރާއަށް ދިޔަ އެވެ.