ދިޔަރެސް ނޫހުގެ ނޫސްވެރިޔާ އަހްމަދު އަޒާނަށް މަރުގެ އިންޒާރު ދިންކަމަށް ތުހުމަތުކުރާ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ، އަޒާންގެ އިތުރުން ދިޔަރެސް ނޫހުގެ އިތުރު ނޫސްވެރިޔަކަށް ފުރައްސާރަކޮށް ބިރުދެއްކި ކަމަށް ބުނާ މައްސަލައެއް ފެންމަތިވީ ހޯމަ ދުވަހުގެ ރެޔެވެ.

ފުލުހުން މިއަދު ބުނީ، އަޒާނަށް އިންޒާރުދިން މައްސަލައެއް މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މައްސަލަ އަވަހަށް ބަލައިދީ ފިޔަވަޅު އަޅައިދިނުމަށް ފުލުހުންގެ ފަރާތުން ވަނީ އެދިފައެވެ.

ނޫސްވެރިންނަށް ބިރުދެއްކި ކަމަށް ބުނާ ވާހަކަ އަލްހާން ވަނީ ދޮގުކުރައްވައިފަ އެވެ. އަލްހާން ވިދާޅުވީ އޭނާއަށް އިންޒާރުދީ ފުރައްސާރަކުރީ ނޫސްވެރިޔާ އަޒާން އާއެކު އައި އިތުރު ބައެއް ކަމަށެވެ.

އަދި މިހާރު އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅާފައިވާނެ ކަމަށް އަލްހާން ވިދާޅުވިއެވެ. އަލްހާން ހުށަހެޅުއްވި މައްސަލައާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.