18 Jan 2012, 13:21
އިދިކޮޅު ފަރާތްތަކުން މާތްވެގެންވާ އިސްލާމްދީން "ސިޔާސީ ހަތިޔާރަކަށް ހަދައިގެން ސަރުކާރާއި ދެކޮޅަށް ހިންގާ އަމަލުތައް'" މިހާރުން މިހާރަށް ހުއްޓާލުމަށް އއ.އަތޮޅު ކައުންސިލުން ގޮވާލައިފި އެވެ.
އ.އ އަތޮޅު ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ޑިމޮކުރަސީ ފައްކާވަމުންދާ ވަގުތެއްގައި އިދިކޮޅު ފަރާތްތަކުން ސަރުކާރުން ކުރާ ތަރައްގީގެ މަޝްރޫއު ތަކަށް ހުރަސްއަޅާ، ސަރުކާރާއިމެދު ސާބިތުނުހިފޭ ދޮގު ވާހަކަތައް ފަތުރައި، ރައްޔިތުންގެ މެދުގައި ''ސަރުކާރާއިމެދު ނަފުރަތު އުފެއްދުމަށް މަސައްކަތް ކުރަމުންދާކަމީ'' އެ ކައުންސިލާއި ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށެވެ.
އަދި މާތްވެގެންވާ އިސްލާމްދީން ސިޔާސީ ހަތިޔާރަކަށް ހަދައިގެން ސަރުކާރާއިދެކޮޅަށް ހިންގާ އަމަލުތައް މިހާރުން މިހާރަށް ހުއްޓާލުމަށް މި ކައުންސިލުން ގޮވާލަމެވެ.
އަދި އިދިކޮޅު ފަރާތްތަކުން ސަރުކާރު ޒިންމާދާރު ކުރުމަށްޓަކައި ޑިމޮކްރަސީގެ ރިވެތި އުސޫލުން އަމަލު ކުރަމުން ގެންދިއުމަކީ ދިވެހި ރައްޔިތުނަށް އޭގެ ފައިދާ ކުރާނެ ކަމެއް ކަމަށް އެކައުންސިލުން ދެކޭ ކަމުގައި އެމްޑީޕީގެ މެޖޯރިޓީ އޮންނަ އ.އ. އަތޮޅު ކައުންސިލުން ނެރިފައިވާ ބަޔާނުގައިވެ އެވެ.