އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލަތައް ބެލުމަށް ތަރުތީބުކުރާނެ ގޮތްތައް ކަނޑައެޅުމަށްޓަކައި ހާއްސަ ޕޮލިސީއެއްގެ ޑްރާފްޓް ތައްޔާރުކޮށްފައިވާ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީ ކުންފުންޏަކަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތުވާ މައްސަލައިގައި މައުލޫމާތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ވަނީ އޭސީސީ، މަޖިލީހަށް މިއަދު ހާޒިރުކޮށްފައެވެ.

މިއަދު ކޮމިޓީއަށް އޭސީސީ ހާޒިރުކުރިއިރު އެ ކޮމިޓީގެ ގިނަ މެމްބަރުން މައްސަލަ ޖައްސަވާފައިވަނީ ބައެއް ކަހަލަ މައްސަލަތައް ބެލުމުގައި އޭސީސީއިން ލަސްވާ ކަމަށެވެ. އަދި މައްސަލަތައް ބެލުމުގައި ވަކި ތަރުތީބެއް ނެތި ކަންތައް ކުރާ ކަމަށާއި އޭގެ ސަބަބުން ބައެއް ބޮޑެތި މައްސަލަތައް އަދިވެސް ނުބެލި ހުރި ކަމަށް ފާހަގަކޮށް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެކަމާ ގުޅިގެން މިއަދު ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ ވަކި ކޭސްތަކަށް ބަލައި އެ ކޭސްތަކަށް ހާއްސަ މުހިއްމު ކަމެއް ދީ އަދި އަނެއްބައި ކޭސްތަކަށް މުހިއްމު ކަމެއް ދޭ ކަމަށް ބުނާނެ ޖާގައެއް ދޭން ބޭނުން ނުވާ ކަމަށެވެ.

"މައްސަލަތައް ޕްރަޔޮރަޓައިޒް ކުރާއިރު އަޅުގަނޑުމެން ބަލާ ކަންތައްތަކެއް އެބަހުރި. މިސާލަކަށް ކޭސްތައް ބަލާއިރު އެ ކޭސްތައް ކިހާވަރަކަށްތޯ ތަހުގީގު ވެފައި ހުރީ،" ޝިއުނާ ވިދާޅުވިއެވެ.

މައްސަލަތައް ތަރުތީބުކުރާނެ އުސޫލުގެ ޑްރާފްޓް މިހާރު ނިމިފައިވާއިރު އެ އުސޫލަށް ވަރަށް އަވަހަށް އަމަލުކުރަން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭސީސީއާ ހަވާލުވީއިރުވެސް 500 އަށްވުރެ ގިނަ ފަށާފައިވާ ކޭސްތައް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މައްސަލައެއް ތަރުތީބުކުރުމުގައި ވަރަށް ގިނަ ކަންތައްތަކެއް މިހާރުވެސް ބަލާ ކަމަށް ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވީ މިހާރު މަސައްކަތް ކުރައްވަމުން ދަނީ މުއައްސަސާގެ އެތެރޭގެ ޕޮލިސީތައް ހަރުދަނާކޮށް އެކުލަވާލުމުގެ މަސައްކަތް ކަމަށެވެ.

ވެންޓިލޭޓަރުގެ މައްސަލަ ކުރިއަށް ގޮސްފައިވާއިރު އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ އަދިވެސް ނުނިމޭތީ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެކަަމަށް ރައްދު ދެއްވަމުން ޝިއުނާ ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައިގައި 30 ފަރާތެއްގެ މައްސަލަ ގާތުން ބަލަމުންދާ ކަމަށެވެ.