ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ސަސްޕެންޑްކޮށްފައިވާ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރަަށް ދައުވާ ނުކުރަން އެންޓިކޮރަޕްޝަން ކޮމިޝަނު (އޭސީސީ)އިން ނިންމައިފި އެވެ.

އެ މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ 11 މީހަކަަށް ދައުވާ ކުރުމަށް ފޮނުވުމަށް ނިންމާފައިވާކަން އޭސީސީން މިއަދު ވަނީ ހާމަކޮށްފަ އެވެ.

ހެލްތްގެ ބިޑް ކޮމިޓީގައި ހިމެނޭ ޝާހު މާހިރަށް ތުހުމަތު ކުރީ، ވެންޓިލޭޓަރު ގެނައުމަށް ހަވާލު ކުރި ދިވެހި ދެ ކުންފުނިކަމަށްވާ މެޑްޓެކާއި ނާޑު ކުންފުންޏަށް އެތަކެތި ގެނައުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނީ ބިޑް ކޮމިޓީގެ ރަސްމީ ހައްސިއްޔަތުގެ ނުފޫޒުން ނަހަމަ ގޮތުގައި ބޭނުންކޮށް، މަންފާ ހޯދިކަމުގެ ތުހުމަތުގައި ކަމަށެވެ. އެ މައްސަލައިގައި އޭނާގެ އިތުރުން، ބިޑް ކޮމިޓީގެ އެހެން މެމްބަރުންނަށްވެސް ކުރެ އެވެ.

އެކަމާ ގުޅޭގޮތުން އޭސީސީން ނިންމާފައިވަނީ، މުއްދަތު އިތުރުކުރަން ބިޑް ކޮމިޓީން ނިންމުމުގައި ރިއާޔަތްކޮށްފައިވާ ސަބަބުތަކަކީ، އެކަށީގެންވާ ސަބަބުތަކެއް ކަމަށް ތަހުގީގަށް ފެންނަ ކަމަށެވެ. އެގޮތުން އެއްބަސްވުމުގައި ސޮއި ކުރިއިރު ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި ނުވި ނަމަވެސް، މުއްދަތު އިތުރުކުރަން ނިންމި އިރު ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވާ ކަމަށެވެ.

ހެލްތް މިނިސްޓްރީން އެ ދުވަސްވަރު ކުރިއަށް ގެންދިޔަ ވަަރަށް ގިނަ ޕްރޮކިއުމެންޓް މަސައްކަތްތަކާ ގުޅިގެން މުއްދަތު އިތުރުކޮށްދީފައިވާކަން ތަހުގީގަށް ފާހަގަވެފައި ވާތީ، އޭސީސީގެ ގާނޫނުގައިވާ ގޮތުގެ މަތިން އެކަމުގައި ކޮރަޕްޝަނުގެ ކުށެއް އެކުލެވިފައި ނުވާ ކަމަށް އެ ކޮމިޝަނުން ނިންމި އެވެ.

އެހެން ކަމުން އެކަމުގެ ތުހުމަތު ކުރެވޭ މީހުންނަށް ދައުވާ ނުކުރަން އޭސީސިން ނިންމި އެވެ. ޝާހް މާހިރުގެ އިތުރުން އެ މައްސަލައިގައި ދެން ތުހުމަތު ކުރެވެނީ، ބިޑް ކޮމިޓީގެ ޗެއާ އަދި ހެލްތްގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި ހެލްތްގެ ޑިރެކްޓަރު ނައުޝާދު އަލީ، އަދި ލީގަލް އޮފިސަރު މުހައްމަދު އަބްދުލް މުޢުނީ އެވެ.

ޝާހް މާހިރަށް ދައުވާ ނުކުރަން ނިންމިރު، އެހެން ތުހުމަތުތަކާ ގުޅިގެން ހެލްތްގެ އިސްމީހުންނަށާއި ބިޑް ކޮމިޓީގެ އެހެން މެމްބަރުންނަށް ބައައެއް ދައުވާކުރަން އޭސީސީން ވަނީ ފޮނުވާފަ އެވެ.

ދައުވާކުރަން ފޮނުވި 11 މީހުން:

  1. ހެލްްތު މިނިސްޓަރު އަބްދުﷲ އަމީން

  2. ބިޑް ކޮމިޓީގެ ޗެއާ ޑެޕިޔުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު
  3. ޑިރެކްޓަރ، ނައުޝާދު އަލީ
  4. ބިޑް ކޮމިޓީގެ މެމްބަރު، އާމިނަތު ޝައުފާ
  5. އެސިސްޓެންޓް ޑިރެކްޓަރު ފާތިމަތު ލިމްޔާ
  6. ފައިނޭންސް އެގްޒެކެޓިވް އަހުމަދު އަސްލަމް
  7. ލީގަލް އޮފިސަރު އަލީ ޝިހާމް
  8. އެސިސްޓެންޓް ޑައިރެކްޓާ އަބްދުﷲ ހަފީޒް
  9. އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސާ، ހުސައިން ނިޔާޒު
  10. ހެލްތުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ޝަރީފް
  11. ހެލްތްގެ ޑެޕިއުޓީ މިނިސްޓަރ، ޝިޔާމާ މުހައްމަދު