14 Oct 2020, 13:12
ވޮޝިންޓަން (އޮކްޓޯބަރު 14) : އެމެރިކާގެ ރިޔާސީ އިންތިޚާބުގައި "އާލީ ވޯޓިން" ފެށިފައިވާއިރު މިހާތަނަށް 10 މިލިޔަން މީހުން ވޯޓުލައިފިއެވެ.
"އާލީ ވޯޓިން" އަކީ ރަސްމީކޮށް ރިޔާސީ އިންތިޚާބުގައި ވޯޓުލާން ފެށުމުގެ ކުރިން ލާ ވޯޓެކެވެ. މި ވޯޓުގެ ކަންތަށް އިއްޔެ ފަށާފައިވަނީ ޖޯޖިއާ ސްޓޭޓުންނެވެ. މިއަދު "އާލީ ވޯޓިން" ކުރިޔަށް ގެންދަނީ ޓެކްސަސްްއާއި އެހެން ދެ ސްޓޭޓެއްގައެވެ. މި ހަތަރު ސްޓޭޓްގައި "އާލީ ވޯޓިން" ގެ ގޮތުގައި މިހާތަނަށް 10 މިލިޔަން މީހުން ވޯޓުލާފައިވާއިރު އެހެން ސްޓޭޓްތަކުގައިވެސް ކުރިޔަށް އޮތް ދުވަސްތަކުގައި "އާލީ ވޯޓިން" ކުރިޔަށް ގެންދާނެއެވެ. "އާލީ ވޯޓިން" ގައި ޕޯސްޓް މެދުވެރިކޮށްވެސް ވޯޓު ލެވޭނެއެވެ. އާލީ ވޯޓިންގެ ކަންތަށް މިމަހުގެ 30 ހާ ހަމައަށް ކުރިޔަށް ގެންދާނެއެވެ.
އެމެރިކާގެ ޔުނިޔަން ޓެރަޓަރީ ތަކުގައި ވޯޓުލައިފި
އެމެރިކާގެ ސްޓޭޓްތަކުގައި "އާލީ ވޯޓިން" ފެށުމުގެ ކުރިން އެމެރިކާގެ ޔުނިޔަން ޓެރަޓަރީ ތަކުގެ ގޮތުގައި އެމެރިކާގެ މައި ބައްރާ ދުރުގައިވާ ތަންތަނުގައި މިމަހުގެ ކުރީކޮޅު "އާލީ ވޯޓިން" ވަނީ ފަށާފައެވެ. ޔުނިޔަން ޓެރަޓަރީ ތަކުގެ ގޮތުގައި އެމެރިކާ މީހުން ދިރިއުޅޭ ފަސްތަނެއް ދުނިޔޭގެ އެކިކަންކޮޅުތަކުގައި އޮވެއެވެ. އެއީ ކެރީބިޔަން ކަނޑުގައި އޮންނަ ޕުއާޓޯރިކޯއާއި ޔޫއޭސް ވާޖީނިއާ އައިލެންޑްސްއާއި ފެސިފިކް ކަނޑުގެ އުތުރުގައި އޮންނަ ގުއާމްއާއި ނޮދަން މަރިޔާނާ އައިލެންޑްސް ގެ އިތުރުން ފެސިފިކް ކަނޑުގެ ދެކުނުގައި އޮންނަ އެމެރިކަން ސަމުއާ ޖަޒީރާ ހިމެނެއެވެ. މީގެއިތުރުން މީހުން ދިރިނޫޅޭ ބައެއް ޖަޒީރާތަށްވެސް ޔުނިޔަން ޓެރަޓަރީ ތަކުގެ ގޮތުގައި އޮވެއެވެ.
"އާލީ ވޯޓިން" ގައި ވޯޓުލާ ރައްޔިތުންގެ ތެރޭގައި އެމެރިކާގެ ސިފައިންނާއި ސަލާމަތީ ބާރުތަކުގެ އޮނިގަނޑުގައި ހިމެނޭ އެކި ލަޝްކަރުތަށް ހިމެނެއެވެ. އެމެރިކާގައި ރިޔާސީ އިންތިޚާބު ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 3 ގައެވެ. އެމެރިކާގައި "އާލީ ވޯޓިން" ފަށާފައި މިވަނީ ރައްޔިތުންގެ މެދުގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަގްބޫލުކަން މިހާތަނަށް ދަށަށް ނުދާ މިންވަރަށް ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ.

އެމެރިކާގެ ޕޯސްޓް ގެ މުވައްޒަފުން
މިދިޔަ ސެޕްޓެމްބަރު މަހުންފެށިގެން އެމެރިކާގެ ރިޔާސީ އިންތިޚާބާބެހޭގޮތުން ކުރިޔަށްގެންދާ ޚިޔާލު ހޯދުމުގެ ވޯޓުތަކާއި ސާވޭތަކާއި، ކޮމްޕިއުޓަރު ސޮފްޓްވެއާތަކުން ހަދާ ޕްރޮޖެކްޝަންތަކުގެ ނަތީޖާއަށް ބަލާއިރު އިންތިޚާބު ކާމިޔާބު ކުރާނެކަމަށް ބެލެވެނީ އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑަންއެވެ. އެންމެ ފަހުގެ ޚިޔާލު ހޯދުމުގެ ސާވޭގެ ނަތީޖާތަށް ދައްކާފައިވާ ގޮތުން ޓްރަމްޕަށް ތާއީދުކުރަނީ ވޯޓުލާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 43 އިންސައްތަ މީހުންނެވެ. އަދި ޖޯ ބައިޑަން އަށް ތާއީދު ކުރަނީ ވޯޓުލާ މީހުންގެ ތެރެއިން 55 އިންސައްތަ މީހުންނެވެ.
އެމެރިކާގެ ރައީސަކީ ރައްޔިތުންގެ ސީދާ ވޯޓުން އިންތިޚާބުކުރާ ބޭފުޅެއްނޫން
ނަމަވެސް އެމެރިކާގެ ރައީސަކީ ރައްޔިތުންގެ ސީދާ ވޯޓުން އިންތިޚާބުކުރާ ބޭފުޅަކަށް ނުވެފައި އެމެރިކާގެ ރައީސުން އިންތިޚާބު ކުރަނީ އިލެކްޓޯރަލް ކޮލެޖް ނަމަކަށް ކިޔާ 538 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއަކުން ދޭ ވޯޓުންކަމަށްވާތީ ރައްޔިތުންގެ ވޯޓު ގިނައިން ލިބޭ ކެންޑިޑޭޓަކު އެމެރިކާގެ ރައީސްކަމަށް އިންތިޚާބު ނުވުމަކީ އެކަށީގެންވާ ކަމެކެވެ.
ނަމަވެސް އިލެކްޓޯރަލް ކޮލެޖްގައި ސްވިންގް ސްޓޭޓްތަކުގެ ގޮތުގައި ފާހަގަކުރެވޭ ސްޓޭޓްތަކުގައިވެސް އައޭވާ ސްޓޭޓް ފިޔަވައި އެހެން ސްޓޭޓްތަކުގައި ރައްޔިތުންގެ ތާއީދުބޮޑީ ބައިޑެން އަށްކަން ޚިޔާލު ހޯދުމުގެ ސާވޭތަކުންވަނީ ހާމަވެފައެވެ. އެހެންކަމުން ރައްޔިތުންގެ ތާއީދަށް ރިއާޔަތް ކުރެއްވުމަށްފަހު އިލެކްޓޯރަލް ކޮލެޖްގައި ތިއްބަވާ ސްވިންގް ސްޓޭޓްތަކަށް ނިސްބަތްވާ މެންބަރުން ވޯޓު ދެއްވާނެކަމަށް ބެލެވެނީ ބައިޑެންކަމަށް މުހައްލިލުން ދެކެވަޑައިގަންނަވައެވެ.
2016 ގައި ބޭއްވި އެމެރިކާގެ ރިޔާސި އިންތިޚާބުގައި ޓްރަމްޕާ ވާދަކުރެއްވި އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން އަށް ގާތްގަނޑަކަށް 3 މިލިޔަން ރައްޔިތުންގެ ވޯޓު ޓްރަމްޕަށްވުރެ އިތުރަށް ލިބިވަޑައިގެންނެވިއެވެ. ނަމަވެސް އިލެކްޓޯރަލް ވޯޓު ގިނައިން ލިބުނީ ޓްރަމްޕަށް ކަމަށްވާތީ އިންތިޚާބު ކާމިޔާބު ކުރެއްވީ ޓްރަމްޕެވެ.
ޓްރަމްޕްގެ މަގްބޫލުކަން ދަށަށްދިޔުމާއެކު މިފަހަރުގެ ހާލަތު ތަފާތު
މިފަހަރުގެ ހާލަތު ވަރަށް ތަފާތެވެ. އެމެރިކާގައި ޓްރަމްޕްގެ މަގްބޫލުކަން މާބޮޑަށް ދަށަށްގޮސް ޑިމޮކްރަސީއާ އިދިކޮޅު އެތަށް ކަމެއް ޓްރަމްޕް ކުރައްވަމުން ގެންދަވާތީ މިފަހަރުގެ އިންތިޚާބުގައި އިލެކްޓޯރަލް ވޯޓު ގިނައިން ލިބިގެން އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު ޓްރަމްޕަށްވުރެ ބޮޑީ ޖޯބައިޑެން އަށް ކަމަށް މުހައްލިލުންނާއި ތަޖްރިބާކާރުން ދެކެވަޑައިގަންނަވައެވެ. (ނޫސްއެޖެންސީތައް)