18 Jan 2012, 12:33
ވެރި ރަށް މާލޭގެ އެކިއެކި ސަރަހައްދުތަކުގައި ރޭ ކުރި މުޒާހަރާގައި ހައްޔަރުކުރި 30 މީހުން ދޫކޮށްލައިފި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފު މިއަދު ވިދާޅުވީ ރޭގެ މުޒާހަރާތަކުގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދެއްކި މީހުން ހައްޔަރުކުރި ނަމަވެސް އޭގެ ތެރެއިން އެންމެ ފަހުމީހާ ދޫކޮށްލާފައި ވަނީ ރޭ މެންދަމު 3:30 އެހާކަން ހާއިރު ކަމަށެވެ.
ރޭގެ މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެންބަރުންނާއި އެކްޓިވިސްޓުން ގެންގޮސް ބިޑި އެޅި މަންޒަރު ވަނީ ނޫސްވެރިންނަށް ފެނިފަ އެވެ. އެގޮތުން ރޭ އިދިކޮޅު މުޒާހަރާ ކުރަނިކޮށް އެމްޑީޕިގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު މުޒާހިރާގެ ބައިވެރިގެންގެ ތެރެއަށް ވަދެވަޑައިގަތުމުން ހިނގި ހަމަނުޖެހުމުގެ ތެރޭގައި އޭނާގެ އަތުގައި ބިޑިއަޅައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އަދި ހަމަ އޭގެ އިތުރުން މުޒާހަރާގެ ބައިވެރިންނާ އެކު ކުރެންދޫ ދާއިރާގެ މެންބަރު އަހުމަދު މޫސާ ހުންނަވަނިކޮށް އަހުމަދު ވެސް ވަނީ ސްޓާފޯސްގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ނަމަވެސް އަހުމަދުގެ އަތުގައި ބިޑިއެއް ނާޅުވަ އެވެ.
"ސަރުކާރުން ގާނޫނަށް ތަބާވުމަށް" ގޮވާލައި އިދިކޮޅު ފަރާތްތަކުން އިއްޔެ ކުރި މުޒާހިރާގައި އަބުދުﷲ ގާޒީ އައި ޑރ. ޖަމީލް ދޫކޮށްލުމަށް ވެސް ވަނީ ޑިމާންޑު ކޮށްފަ އެވެ.
އިއްޔެ ހަވީރު 4:30 އިން ފެށިގެން ރޭ ދަންވަރު 01:30 ހަމައަށް ކުރިއަށް ގެންދިޔަ މުޒާހިރާގައި ރަޔަޓްފުލުހުން ވަނީ ދޭތެރެ ދޭތެރެ އިން މުޒާހިރާގެ ބައިވެރިންނާ ކުރިމަތިލާފަ އެވެ.