ދީބާޖާ އިންވެސްޓްމެންޓްސް ކުންފުނީގެ އެގްރިމަންޓް ބާތިލް ކުރި މައްސަލައިގައި އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދޭން ސުޕްރީމް ކޯޓުން މީގެ ކުރިން ތާއިދުކޮށްފައިވާ ހުކުމް އަލުން ރިވިއުކުރުމަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓަށް އަލުން ބަލައި މުރާޖައާ ނުކުރެވޭނެ ކަމަށް ދީބާޖާއިން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ މަސައްކަތް ހަވާލުކުރި ދީބާޖާ ކުންފުނީގެ އެގްރިމަންޓް ބާތިލުކުރުމުން، ދީބާޖާއިން ދައުވާ ކުރީ ގެއްލުުމުގެ ބަދަލުގެ ގޮތުގައި 2.4 ބިލިއަނެއްހާ ރުފިޔާ ނަގައިދިނުމަށެވެ. ނަމަވެސް، ސިވިލް ކޯޓުން ހުކުމް ކުރީ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދިނުމަށެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ސިވިލް ކޯޓުގެ ހުކުމް ބާތިލު ކުރި އެވެ. ނަމަވެސް، ދީބާޖާއިން ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން ނިންމީ އިޖުރާއީ ގޮތުން ހައިކޯޓުގެ ހުކުމް ބާތިލު ކަމަށެވެ. އެއީ ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވި ފަހުން ކަމަށް ބުނެ އެވެ.

އެ މައްސަލައިގައި ދީބާޖާއަށް ބަދަލު ދޭން މި ސަރުކާރުގައި އެއްބަސްވި ނަމަވެސް ފަހުން ޕްރެޝަރާ ހެދި ސަރުކާރުން ނިންމީ ސުޕްރީމް ކޯޓުގެ ހުކުމް މުރާޖައާ ކުރަން ހުށަހަޅާށެވެ. އޭޖީ އޮފީހުން ހުށަހެޅި އެ މައްސަލަ ސުޕްރީމް ކޯޓުން ވަނީ މި އަހަރުގެ މާޗް މަހު ބަލައިގެންފަ އެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ވަނީ ބާއްވައިފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ހުކުމް މުރާޖައާ ކުރަން އެދޭ ސަބަބުތައް ބަޔާން ކުރަމުން ދައުލަތުން މިއަދު ބުނީ، ހައިކޯޓުގެ ނިންމުން ރެޓްރޯސްޕެކްޓިވްކޮށް ނުވަތަ މާޒީއަށް ރުޖޫއަވާ ގޮތަށް ސުޕްރީިމް ކޯޓުން ތަތުބީގު ކުރުމަކީ، ނިހާއި ހުކުމެއް އިއްވާފައިވާ މައްސަލައެއް އަލުން ބަލައި މުރާޖައާ ކުރެވިދާނެ ހާލަތެއް ކަމަށްވާ، ނިޒާމްއާމާ ހިލާފު އިޖުރާއަތެއް ކަމަށްވާތީ ސުޕްރީމް ކޯޓުގެ ނިންމުމަކީ ގާނޫނީ އުސޫލުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ދައުލަތުން ބުނީ، ސިވިލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ މުއްދަތު ފަހަނައަޅައިދިޔަ ފަހުން އެ މައްސަލަ އިސްތިއުނާފު ކުރި ސަބަބުތަކުގެ ގޮތުގައި ދައުލަތުން ބަޔާން ކުރި ސަބަބުތަކަކީ އަމިއްލަ ބާރު ނުފޯރާ ފަދަ ސަބަބުތަކެއް ކަމަށް ބެލެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމަކީ އިސްތިއުނާފު ކުރުމުގެ ހައްގުން މަހުރޫމު ކުރުން ކަމަށް ދެކޭ ކަމަށެވެ. އަދި އެއީ ފާޅުކަން ބޮޑު ގޮތެއްގައި އަދުލު އިންސާފަށް ހުރަސް އެޅުން ކަމަށްވެސް ބުންޏެވެ.

ސުޕްރީމް ކޯޓުގެ ނިންމުމުގެ ސަބަބުން ސިވިލް ކޯޓުގެ ހުކުމް ދެމެހެއްޓިގެންދާއިރު، އެ މައްސަލައިގެ މައުޟޫއަށް ގޮތެއް ނިންމުމެއް ނެތި ސިވިލް ކޯޓުގެ ނިންމުމަށް ފައިސަލާކުރަނިވި ބާރު ދިނުމަކީ ފާޅުކަން ބޮޑު ގޮތެއްގައި އަދުލުއިންސާފަށް ހުރަސްއެޅިގެންދާ ކަމެއް ކަމަށްވެސް ދައުލަތުން ބުންޏެވެ.

ދައުލަތުން އެދުނީ މައްސަލައިގައި ސުޕްރީމް ކޯޓުން އިޖުރާއީ ގޮތުން ނިންމި ނިންމުން ބާތިލުކޮށްދިނުމަށާއި، މައްސަލަ އަލުން ބަލައި މުރާޖައާކޮށްދިނުމަށެވެ. އަދި މައުޟޫއީ ގޮތުން ގޮތެއް ކަނޑައަޅާނަމަ ހައިކޯޓުގެ ހުކުމަށް ތާއީދުކޮށްދިނުމަށް ދައުލަތުން އެދުނެވެ.

އެ މައްސަލައަކީ ސުޕްރީމް ކޯޓުގައި މުރާޖައާ ނުކުރެވޭނެ މައްސަލައެއް ކަމަށް ދެކޭ ކަމަށް ބުނެ ސަބަބުތައް ބަޔާން ކުރަމުން ދީބާޖާގެ ފަރާތުން ފާހަގަ ކުރީ ސުޕްރީމް ކޯޓުން އެ މައްސަލައިގައި މީގެ ކުރިން ނިހާއީ ހުކުމެއް އިއްވާފައިވާ ކަމެވެ. ނިހާއީ ހުކުމެއް އިއްވާފައިވާ މައްސަލައެއް އަލުން ބެލުމުގެ ބާރު ލިބިފައި ނުވުމަކީ އެހެން ޖުރިސްޑިކްޝަންތަކުގައިވެސް އޮންނަ ގޮތް ކަމަށް ދީބާޖާއިން ބުންޏެވެ.

ދީބާޖާގެ ފަރާތުން އިތުރަށް ފާހަގަ ކުރީ އެ މައްސަލަ މުރާޖައާ ކުރަން ހުށަހަޅާފައި ވަނީ އިސްތިއުނާފު ފޯމަކުން ކަމެވެ. އަދި ސުޕްރީމް ކޯޓަށް މުރާޖައާގެ މައްސަލަ ވެއްދީ ކޮން އުސޫލަކުންތޯ ސުވާލު އުފެއްދި އެވެ.

"ދައުލަތަކަށް މިއީ ކިހިނެއް އަދުލުއިންސާފަށް ހުރަސް އެޅިފައި އޮތް މައްސަލައެއް ކަމެއް ބުނެދެވިފައި ނުވޭ. ކިހިނެއްތޯ ސުޕްރީމް ކޯޓަށް ދައުލަތުން މި މައްސަލަ ވައްދައިގެން މި އުޅެނީ ކޮން އުސޫލަކުންތޯ ކޮން ހަމައަކުންތޯ." ދީބާޖާގެ ވަކީލު މުހައްމަދު ހަލީމް ވިދާޅުވި އެވެ.

ދީބާޖާގެ ވަކީލު މުހައްމަދު ފައިސަލް ފާހަގަ ކުރެއްވީ، މީގެ ކުރިން ސުޕްރީމް ކޯޓުގައި ދައުލަތުގެ ފަރާތުން ބުނެފައި ވަނީ ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފު ކުރުން ލަސްވީ ދައުލަތުގެ ވަކީލުގެ އިހުމާލުން އަދި ފަރުވާކުޑަކަމުން ކަމަށް ކަމެވެ. އަދި އެއީ މަގުބޫލު ސަބަބެއް ނޫން ކަމަށް ދައުލަތުން ބުނި ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދިއެ މައްސަލައިގައި ސުޕްރީމް ކޯޓުން އިޖުރާއީ ގޮތުން ކުރި ހުކުމް ދައުލަތުން ބަލައިގަތްކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ހުކުމް ތަންފީޒު ކުރުމުގެ ކަންކަން ކުރަން ދައުލަތުން ތައްޔާރުވިކަންވެސް ފާހަގަ ކުރެއްވި އެވެ.

"ދިވެހި ދައުލަތުގެ ސްޓޭންޑަކީ އެއް ފަހަރު އެއް ގޮތަށް އޮވެފައި އަނެއް ފަހަރު އަނެއް ގޮތަށް އޮންނަ ސްޓޭންޑަކަށް ވެގެން ނުވާނެ،" ފައިސަލް ވިދާޅުވި އެވެ.

ވަކީލު ފައިސަލް ވިދާޅުވީ، ސުޕްރީމް ކޯޓުން ނިހާއީ ގޮތުން ނިންމާފައި އޮތް ނިންމުމެއް ދެވަނަ ފަހަރަށް ސުޕްރީމް ކޯޓަށް ހުށަހަޅައިގެން ނިންމުމުގައި ސުޕްރީމް ކޯޓުގެ އިހުތިސާސްއަކީ ކޮބައިކަމާ މެދު ދައުލަތުން ދެކޭ ގޮތް ސާފު ކުރަން ޖެހޭ ކަމަށެވެ. އެ އިޖުރާއީ މައްސަލައާ މެދު ފުރަތަމަ ވާހަކަ ދެކެވި ގޮތެއް ނިންމެން ޖެހޭ ކަމަށް ވިދާޅުވި އެވެ. ދައުލަތުން އެކި ފަހަރު އެކި ގޮތަށް ސްޓޭންޑު ބަދަލު ކުރަނީ ކީއްވެތޯވެސް ފުރަތަަމަ ސާފު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ދައުލަތުން އެ މައްސަލައިގައި މީގެ ކުރިން ބުނެފައި ވަނީ އިސްތިއުނާފު ކުރަން ލަސްވި އެއް ސަބަބަކީ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ސިވިލް ކޯޓުން ނުދިނުން ކަމަށެވެ. ސިވިލް ކޯޓުން ދިނީ ހަތަރު ސަފުހާގެ ހުކުމެއް އެކަނި ކަމަށް ދައުލަތުން ބުނެފައިވެ އެވެ. އެހެންވެ 348 މިލިއަން ރުފިޔާގެ ބަދަލެއް ދޭން ސިވިލް ކޯޓުން ވާސިލުވި ގޮތް ދައުލަތަށް ނޭނގޭ ކަމަށް ދައުލަތުން ބުނެފައިވެ އެވެ. އަދި ފަހުން މައްސަލައިގެ ރިޕޯޓު ލިބުނު އިރު ރިޕޯޓުގައިވެސް އެކަން ބަޔާންކޮށްފައި ނެތް ކަމަށް ދައުލަތުން ބުންޏެވެ.

ދީބާޖާގެ މައްސަލައިގައިި ސެޓަލްމެންޓް ކޮމިޓީއިން ނިންމާފައި ވަނީ، ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދީބާޖާއަށްއް ދިނުމަށެވެ. އެހެން ނަމަވެސް އެ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ބަލައި، މަޖިލީހުގެ ތަޅުމުން ފާސްކޮށްފައި ވަނީ އެ މައްސަލަ އަލުން ރިވިއު ކުރުމަށް ސުޕްރީމްކޯޓަށް ހުށަހެޅުމަށް ރައީސްއަށް ދެންނެވުމަށެވެ.

ދީބާޖާ މައްސަލަ ރިވިއު ކުރުމަށް ހުށަހެޅީ ދީބާޖާއަށް ބަދަލު ދިނުމަށް މީގެ ކުރިން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާމެދު އާންމުންގެ ކަންބޮޑުވުން އޮތް ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަންޑާރަނައިބުގެ އޮފީހަށް އަންގަވާފައިވާތީ އެވެ.