14 Oct 2020, 11:26
ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން 100 އަށް ވުރެ ގިނަ ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލައިގައި ހިމެނޭ ޑްރަގު ނެޓްވޯކުގައި ހިމެނޭ ހަތް މީހަކު ހައްޔަރުކޮށް، އޭގެ ތެރެއިން އިސް މީހުން ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު ފުލުހުން ހާމަ ކޮށްފިއެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 25 އަހަރާ 48 އަހަރާ ދެމެދުގެ ފިރިހެނުންނާއި 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ.
އެމީހުންގެ ތެރޭގައި އިދިކޮޅު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކައުންސިލް މެމްބަރެއްވެސް ހިމެނެއެވެ.
އެ ތަކެތި ރާއްޖެ އެތެރެކުރުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރަނީ ލައިޓްހައުސް/ ގއ. ވިލިނގިލި ޝަހީބް އިބްރާހިމް އާއި ވައިލެޓްވިލާ/ ހއ. ހޯރަފުށި، އަހްމަދު މޫސާ އަށެވެ. މި ދެ މީހުންނާއެކު ޖުމްލަ ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. ޝަހީބު އިބްރާހިމް އަކީ ޕީއެންސީގެ ކައުންސިލް މެމްބަރެވެ. އަދި ކުރީގެ ސަރުކާރުގައި ހައުސިންގް މިނިސްޓްރީގެ ކޯޑިނޭޓަރުކަން ކުރި މީހެކެވެ.

ހުޅުމާލޭ ފަޅުން އަތުލައިގަތް 130 ކިލޯގެ ޑްރަގުގެ މައްސަލައިގައި ހައްޔަރުކުރި ޝަހީބު އިބްރާހިމް --
މިހާތަނަށް އައި އިރު އެ އޮޕަރޭޝަނުގައި ޖުމްލަ 130 ކިލޯގެ ޑްރަގު އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެއީ ދިވެހީންގެ ބަޔަކާ ބޭރުގެ ބަޔަކާ ގުޅިގެން ކަނޑުމަގުން ރާއްޖެ އެތެރެކުރި ތަކެތި ކަމަށާއި، މަސްތުވާތަކެތި ދެނުނު ދޯންނަކީ އެތަކެތި ރާއްޖެ އެތެރެކުރަން ބޭނުންކުރި ދޯނިކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި ފެނުނު ޑްރަގުގެ ތެރޭގައި ހިމެނެނީ މެޓައެމްފިޓަމިންއާއި ހެރޮއިންއެވެ.
މި މައްސަލައާ ގުޅިގެން ހުޅުމާލޭގެ ތިން އެޕާޓްމަންޓަކާއި މާލޭގެ ދެ ގެއެއް ބަލައި ފާސްކުރިއެވެ.
ހައްޔަރުކުރި ހަތް މީހުންގެ ތެރޭގައި ހިމެނޭ ކުޑަކުއްޖާގެ ބަންދަށް ޖުވެނައިލް ކޯޓުން 10 ދުވަސް ވަނީ ޖަހާފައެވެ. އަދި ހައްޔަރުކުރި އަހްމަދު މޫދާގެ ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފައިވެއެވެ.
ޝަހީބު އިބްރާހީމާއި އިތުރު ހަތަރު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިދީފައިވެްއެވެ.
ނިމިދިޔަ މަޖިލިސް އިންތިހާބުގައިވެސް ވާދަކުރި، ޝަހީބް އިބްރާހިމްއަކީ އަތުލައިގަތް މަސްތުވާތަކެއްޗާ ގުޅުން އޮތް މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.