18 Jan 2012, 12:12
ހަ ވަނަ އިންވިޓޭޝަނަލް ބާސްކެޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗް ޓީރެކްސްއިން ކާމިޔާބު ކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގައި ރޭ ކުޅުނު މިމެޗް ޓީރެކްސް އިން ކާމިޔާބު ކުރީ ހަރިކޭން ބީސީއާ ބައްދަލުކޮށް 77 ޕޮއިންޓް 70 ޕޮއިންޓުން މެޗް ކާމިޔާބު ކޮށްގެންނެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޓީރެކްސްއަށް 17 ޕޮއިންޓް ހޯދައިދިން ޒަކަރިއްޔާ އަބްދުލް ލަތީފެވެ.
ރޭގެ މެޗުނުން ޓީރެސް މޮޅުވިއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި އެޓީމް ވަނީ ރެޑްލައިން އަތުން ބަލިވެފައެވެ. އަދި ހަރިކޭން ރޭ ބަލިވިއިރު، މުބާރާތުގެ ދެ ވަނަ މެޗުގައި އެޓީމް ވަނީ ލަންކާގެ ޑައިލޮގް އެކްސެޓާއަތުން މޮޅުވެފަ އެވެ.
މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މިމުބާރާތުގައި އަވަށްޓެރި ސްރީލަންކާގެ ޓީމަކާ އެކު ރާއްޖޭގެ ތިން ޓީމު ވާދަ ކުރެ އެވެ.
މުބާރާތުގައި ވާދަކުރާ ލަންކާގެ ޓީމަކީ ޑައިލޮގް އެކްސެޓާ އެވެ. އަދި ރާއްޖެ އިން ވާދަކުރާ ތިން ޓީމަކީ ނިމިގެން ދިޔަ ޤައުމީ މުބާރާތުގެ އެންމެ ގަދަ ތިން ޓީމް ކަމުގައިވާ ރެޑްލައިން ކުލަބާއި ޓީރެކްސް އަދި ހަރިކޭން ބީސީ އެވެ.
މުބާރާތުގެ ހަތަރު ވަނަ މެޗުގައި މިރޭ 8:30 ގައި ބައްދަލުކުރާ ދެ ޓީމަކީ ރެޑްލައިނާއި ލަންކާގެ ޑައިލޮގް އެކްސެޓާ އެވެ.
ދެ ބުރަކަށް ބަހާލާފައިވާ މުބާރާތުގެ ފައިނަލް މެޗް ކުޅޭނީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭގަ އެވެ. މުބާރާތުގެ ފުރަތަމަ ބުރުން އެންމެ މޮޅު ޓީމަކަށް ފައިނަލްގެ ފުރަތަމަ ޖާގަލިބޭ އިރު، ފައިނަލްގެ ދެ ވަނަ ލިބޭނީ ދެ ވަނަ ބުރުން އެންމެ މޮޅު ޓީމަކަށެވެ.