ސްރީނަގަރު (އޮކްޓޯބަރު 14): މިދިޔަ އަހަރުގެ އޮގަސްޓު މަހު އިންޑިއާއިން ޖައްމޫ އެންޑް ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލުމުގެ ފަހުން ހިފެހެއްޓި އެ ސަރަހައްދުގެ ލީޑަރުންގެ ތެރޭގައި ހިމެނޭ މެހެބޫބާ މުފްތީ 14 މަސް ފަހުން މިނިވަންކޮށްފި އެވެ.

ޖައްމޫ އެންޑް ކަޝްމީރުގެ ކުރީގެ ޗީފް މިނިސްޓްރެއް ކަމަށްވާ މުފްތީ ހައްޔަރު ކުރީ މިދިޔަ އަހަރުގެ އޮގަސްޓު ފަހެއްގައި އެ ސަރަހައްދުގެ އާއްމު ސަލާމަތާ ބެހޭ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގެ ދަށުން، ކުށެއް ކޮށްފާނެ ކަމަށް ތުހުމަތު ކުރެވޭ މީހަކު ހުއްޓުވުމަށްޓަކައި އެއްވެސް ދައުވާއަކާ ނުލައި އެ މީހަކު ގިނަވެގެން ދެ އަހަރުގެ މުއްދަތަކަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެވެ.

އެ ގާނޫނަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ އެއީ ސަރުކާރާ ދެކޮޅަށް ފާޑު ކިޔާ މީހުންގެ އަޑު ކަނޑުވާލުމަށް ބޭނުން ކުރާ ގާނޫނެއް ކަމަށް ބުނެފަ އެވެ. އަދި އެ ގާނޫނުގެ ދަށުން މުފްތީ ހައްޔަރު ކުރުމާ ދެކޮޅަށް އޭނާގެ ދަރިފުޅު އިލްތިޖާ ވަނީ އިންޑިއާގެ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފަ އެވެ. އެ މައްސަލައިގެ އަޑު އެހުމެއް މާދަމާ ބާއްވަން ވަނީ ހަމަޖެހިފަ އެވެ.

މުފްތީ ހައްޔަރު ކުރި ފަހުން އޭނާގެ ޓުވިޓާ އެކައުންޓާ ހަވާލުވި އިލްތިޖާ ވަނީ މުފްތީ ދޫކޮށްލާފައިވާކަން އިއްޔެ ހާމަކޮށް، ފާއިތުވި އަހަރު ތެރޭ އޭނާއަށް އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ޓުވިޓާ މެދުވެރިކޮށް ހިއްސާ ކުރެއްވި އޯޑިއޯ މެސެޖެއްގައި މުފްތީ ވަނީ ކަޝްމީރަށް ހާއްސަ އިމްތިޔާޒުތައް ލިބިދޭ މާއްދާ އުވާލުމާ ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އެތައް ހާސް މީހުންގެ ފުރާނަ ގުރުބާންކޮށްފައިވާ ކަޝްމީރުގެ މައްސަލައިގައި އަޅުގަނޑުމެން ކުރަމުންދާ މަސައްކަތް ކުރިއަށް ގެންދާނަން. އަޅުގަނޑަށް އެނގޭ [މި މަސައްކަތުގައި] ކުރިއަށް ދިޔުމަކީ ފަސޭހަ ކަމެއް ނޫންކަން، ނަމަވެސް އަޅުގަނޑުމެންގެ އަޒުމު ވަރުގަދަ ވުމުން މި މަގުން ދާން ފަސޭހަ ވާނެ،" މުފްތީ ވިދާޅުވި އެވެ.

މުފްތީ ހައްޔަރު ކުރުމަށް ފަހު އޭނާ ފުރަތަމަ ބަހައްޓާފައި ހުރީ ކަޝްމީރުން "ސަބްސިޑަރީ ޖަލުތަކުގެ" ކަނޑައަޅާފައިވާ ގެތަކުގަ އެވެ. އޭގެ ފަހުން މިދިޔަ އޭޕްރިމް މަހު އޭނާގެ ގެޔަކީ ސަބްސިޑަރީ ޖަލެއްގެ ގޮތުގައި ކަނޑައަޅާ، އޭނާ ވަނީ އެގެޔަށް ބަދަލުކޮށްފަ އެވެ.

އިންޑިއާއިން ވަނީ ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލުމުގެ އިތުރުން އެ ސްޓޭޓަކީ މައި ސަރުކާރުން ހިންގާ ދެ ޔޫނިއަން ޓެރިޓަރީއަކަށް ހަދާފަ އެވެ. އެ ބަދަލު ގެނައުމުގެ ކުރިންނާއި ފަހުން އިންޑިއާއިން ވަނީ ކަޝްމީރުގެ ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށް، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ސިފައިންގެ އަދަދު އިތުރުކޮށްފަ އެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ފޯނާއި އިންޓަނެޓުގެ ހިދުމަތް ކަނޑާފައި ބޭއްވި އެވެ.