14 Oct 2020, 10:04
ކޮވިޑް-19އާ ގުޅިގެން ގިނަ އަދަދެއްގެ ވެންޓިލޭޓަރު ގަތުމުގެ ތެރޭ ނާޖާއިޒު ކަންތައްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުވާ މައްސަލައިގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީންގެ މައްޗަށް ދައުވާކޮށް ދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕީޖީ އޮފީހުގައި އެދިއްޖެ އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު "ސަން"އަށް ކަށަވަރު ކޮށްދެއްވި ގޮތުގައި އެ މައްސަލަ އެ އޮފީހަށް ފޮނުވީ މިއަދު ހެނދުނު ކަމަށެވެ. އަދި މައްސަލައިގައި މިނިސްޓަރުގެ އަމީން އާއި އިތުރު ބޭފުޅުންތަކެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ދެން ތިބި ބޭފުޅުންގެ ނަންތައް އަދި ސާފު ނުވާތީ އޭގެ ތަފްސީލެއް އޭނާ ނުދެއްވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި މީގެ ކުރިން އެ މައްސަލައިގައި ޕީޖީ އޮފީހާ އެކު އޭސީސީއިން މަޝްވަރާކުރި އެވެ. އެހެން ނަމަވެސް މިއަދު ހެނދުނު އެ މައްސަލަ އޭސީސީއިން ޕީޖީއަށް ފޮނުވީ ވަރަށް ކުއްލި ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭސީސީއިން މިއަދު ބުނެފައި ވަނީ މިއަދު ވެންޓިލޭޓަރު ކޭސްއާ ގުޅިގެން ބަޔާނެއް ނެރެން ތައްޔާރުވަމުންދާ ކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން ހެލްތުން ކުރި ހަރަދުތައް އޮޑިޓްކޮށް އޮޑިޓް އޮފީހުން އާންމު ރިޕޯޓްގައިވާ ގޮތުގައި މަކަރާއި ހީލަތުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަނީ ހަރަދުތަކެއް ކޮށްފަ އެވެ. އެގޮތުން ވަކި ބަޔަކަށް ފައިދާވާ ގޮތަށް މަސައްކަތް ހަވާލު ކުރުން ފަދަ ކަންކަން ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު މައްސަލައަކީ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިންއާ ހަވާލުރުމެވެ. އެ މައްސަލަތައް ފަހުން އޭސީސީ އާއި ފުލުހުން ގުޅިގެން ބަލަން ފެށި އެވެ.
އެގްޒެކިއުޓާ ޖެނެއަލް ޓްރޭޑީން ކުންފުންޏަކީ ޑަބްލިއުއެޗްއޯ އިން ލަފާ ދީގެން ހޮވި ކުންފުންޏެއް ކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވެ އެވެ. އެހެން ނަމަވެސް އެ ކުންފުންޏަކީ، ޑަބްލިއުއެޗްއޯ އިން ރިކޮމެންޑް ކުރި ކުންފުންޏެއް ނޫން ކަމަށް އޮޑިޓް އޮފީހުން ތައްޔާރު ކުރި ހެލްތް މިނިސްޓްރީގެ ކޮވިޑް-19 ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ. އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް 75 ވެންޓިލޭޓަރު ގެނައުމަށް ޖުމްލަ 34.50 މިލިއަން ރުފިޔާއަށް ހަވާލުކުރި އިރު އެޑްވާންސްގެ ގޮތުގައި، ގެރެންޓީއަކާ ނުލާ މަސައްކަތުގެ 90 ޕަސެންޓަށްވާ ފައިސާ، 30.91 މިލިއަން ރުފިޔާ ވަނީ އެ ކުންފުންޏަށް ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެ އެވެ.
އެކުންފުނި މެދުވެރިކޮށް ފުރަތަމަ ލިބުނު 10 ވެންޓިލޭޓަރަކީ ގަތުމަށް ހުށަހެޅި ބްރޭންޑްގެ ވެންޓިލޭޓަރުތަކެއް ނޫންކަމާއި އަދި އެ ކުންފުންޏާ އެތަކެތި ގަތުމަށް ހަވާލުކޮށްފައިވަނީ އެހެން ކުންފުނިތަކަށް ވުރެ ބޮޑު އަގެއްގައިކަންވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. ލިބިފައިވާ 10 ވެންޓިލޭޓަރުގެ އިތުރުން އެހެން ވެންޓިލޭޓަރުތަކެއް އެ ކުންފުނިން ރާއްޖެއަށް އަދިވެސް ފޮނުވާފައެއް ނުވެ އެވެ.
އެ މައްސަލައިގައި ގޯހެއް އުޅޭ ކަމަށް ދައްކާ ވާހަކަތައް ހެލްތު މިނިސްޓްރީއިން ވަނީ ދޮގުކޮށްފަ އެވެ. އެ މައްސަލައިގެ ތަހުގީގު ނިމެންދެން، މިނިސްޓަރު އަމީން ވަނީ މަގާމުން އެކަހެރިވެވަޑައިގެންފަ އެވެ.
އެ މައްސަލައާ ގުޅިގެން ބިޑް ކޮމިޓީގެ ޗެއާ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައިޝަތު ނިޝާމާ އާއި، ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދާއި، ސްޓޭޓް މިނިސްޓަރު ޑރ. ޝާހް އަބްދުﷲ މާހިރާއި، މާލީ ޒިންމާދާރު ވެރިޔާ އަހުމަދު އަސްލަމް ވަނީ މަގާމުން ސަސްޕެންޑުކޮށްފަ އެވެ.
އަމީން މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުވުމުން މިހާރު ހެލްތް މިނިސްޓްރީ ވަގުތީ ގޮތުން ހިންގަވަނީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެވެ.