ނިޔުޔޯކް (އޮކްޓޯބަރު 14) : އިންސާނީ ހައްގުތަކާބެހޭ އދ. ގެ ކައުންސިލްގެ ގޮނޑިއެއް ކާމިޔާބުކުރުމަށް ސައޫދީ އަރަބިޔާއިން ކުރި މަސައްކަތްތަށް ނާކާމިޔާބުވެއްޖެއެވެ.

ޖެނީވާގައި މަރުކަޒު ހުންނަ އިންސާނީ ހައްގުތަކާބެހޭ އދ. ގެ ކައުންސިލްގެ މެންބަރުކަން ހޯދުމަށް ސައޫދީ ސަރުކާރުން މަސައްކަތްކުރީ ސައޫދީ އެގްރޫޕަކަށް ނިސްބަތްވާ އޭޝިއާ ޕެސިފިކްގެ ގްރޫޕްގެ ތެރެއިންނެވެ. އޭޝިއާ ޕެސިފިކްގެ ގްރޫޕްގެ ގޮނޑިއެއް ކާމިޔާބު ކުރުމަށް ސައޫދީ އާއެކު ފަސްގައުމަކުން ވާދަކުރިއިރު އެ ފަސް ގައުމުގެ ތެރެއިން އެންމެ ދަށްކޮށް ވޯޓުލިބި ފުލަށް ދިޔައީ ސައޫދީ އެވެ.

ގޮނޑި ކާމިޔާބު ކުުރުމަށް ސައޫދީ ސަރުކާރުން ބޮޑެތި މަސައްކަތްތަކެއްކުރި

އދ. ގެ ޖެނެރަލް އެސެމްބްލީގައި އެކަމަށް އިއްޔެ ނެގި ވޯޓުގައި ސައޫދީ އަށް 90 ވޯޓު ލިބުނުއިރު އުޒްބަކިސްތާނަށް 179 ވޯޓު ޕާކިސްތާނަށް 169 ވޯޓު ނޭޕާލަށް 150 ވޯޓު އަދި ޗައިނާއަށް 139 ވޯޓު ލިބިފައިވެއެވެ. ސައޫދީ ފިޔަވައި އަނެއް ހަތަރު ގައުމުވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ. މި ގޮނޑި ކާމިޔާބު ކުރުމަށްޓަކައި ސައޫދީ ސަރުކާރުން ފާއިތުވި މަސްތަކުގައިވަނީ ގައުމުތަކާ ގުޅައިގެން ކޭންޕޭން މަސައްކަތްތަކެއްކޮށް ގިނައަދަދެއްގެ ފައިސާވެސް ޚަރަދުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންސާނީ ހައްގުތަކާބެހޭ އދ. ގެ ކައުންސިލްގެ މެންބަރުކަން ހޯދޭނީ އެކަމަށްޓަކައި ޖެނެރަލް އެސެމްބްލީގައި ނަގާވޯޓުގައި އދ. ގެ މެންބަރު ގައުމުތަކުގެ ތެރެއިން ތިންބައިކުޅަ ދެބައި ގައުމުތަކުގެ ވޯޓު ލިބިގެންނެވެ. އދ. ގެ މެންބަރު ގައުމުތަކުގައި 193 ގައުމު ހިމެނޭއިރު ތިންބައިކުޅަ ދެބައި ވޯޓު ލިބުނު ކަމަށް ބަލަނީ 128 ގައުމުގެ ވޯޓު ލިބިގެންނެވެ. މިގޮނޑިއަށް ވާދަކުރި އެހެން ގައުމުތަކުން 128 ގައުމަށްވުރެ ގިނަ ގައުމުތަކުގެ ވޯޓު ހޯދާފައިވެއެވެ.

ޖެނެރަލް އެސެމްބްލީގައި އިއްޔެ ނެގި ވޯޓުގައި 15 ގައުމެއްވަނީ އިންސާނީ ހައްގުތަކާބެހޭ އދ. ގެ ކައުންސިލްގެ ގޮނޑިތަށް ކާމިޔާބުކޮށްފައެވެ. އޭގެތެރޭގައި ފަރަންސޭސިވިލާތް، މެކްސިކޯ، އިނގިރޭސިވިލާތް، ރަޝިއާ، ސެނެގާލް، މަލާވީ، ޗައިނާ، ޕާކިސްތާން، އުޒްބަކިސްތާން، ނޭޕާލް، އަދި ޔުކްރޭން ހިމެނެއެވެ.

އިންސާނީ ހައްގުތަކާބެހޭ ކައުންސިލް އެކުލެވިގެންވަނީ 47 މެންބަރުންގެ މައްޗަށް

އިންސާނީ ހައްގުތަކާބެހޭ އދ. ގެ ކައުންސިލް އެކުލެވިގެންވަނީ 47 މެންބަރުންގެ މައްޗަށެވެ. މި 47 މެންބަރުން އިންތިޚާބުކުރަނީ ސަރަހައްދީ ގޮތުން 5 ގްރޫޕެއްގެ ތެރެއިންނެވެ. މިފަސްގްރޫޕްގެ ތެރެއިން އެފްރިކާގެ ގްރޫޕްގައި ހިމެނެނީ އެފްރިކާގެ ބައްރުން 13 ގައުމެކެވެ. އޭޝިއާ ޕެސިފިކް ގްރޫޕްގައި އެސަރަހައްދުގެ 13 ގައުމު ހިމެނޭއިރު ލެޓިންއެމެރިކާއާއި ކެރީބިއަން ގައުމުތަކުގެ ގްރޫޕްގައި އެސަރަހައްދުގެ 8 ގައުމު ހިމެނެއެވެ. އިރުމަތީ ޔޫރަޕްގެ ގްރޫޕުގައި ހިމެނެނީ އެސަރަހައްދުގެ 6 ގައުމެވެ. އެންމެ ފަހުގެ ގްރޫޕްގައި ހިމެނެނީ ހުޅަނގު ޔޫރަޕްގެ ގައުމުތަކާއި އެނޫން ގައުމުތަށް ހިމެނޭ ގޮތަށް 7 ގައުމެވެ.

ޚާޝުޖްގީގެ މަރާގުޅިގެން އޭނާގެ އާއިލާއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި މުުޒާހަރާކުރަނީ

ޖެހިޖެހިގެން 3 ދައުރުވަންދެން ކޮންމެގައުމަކަށްވެސް އިންސާނީ ހައްގުތަކާބެހޭ އދ. ގެ ކައުންސިލްގެ ގޮނޑިއަށް ކުރިމަތިލެވޭނެއެވެ. އަދި ގޮނޑިއަކަށް އިންތިޚާބުވި ނަމަވެސް 3 ފަހަރު ގޮނޑި ދިފާއު ކުރުމަށްޓަކައި ވޯޓާ ކުރިމަތިލުމުގެ ފުރުސަތު ލިބެއެވެ. ސައޫދީ އަކީ ކުރިން އެކަންސިލްގެ މެންބަރުކަން ލިބިފައިވާ ގައުމެއްނަމަވެސް ސައޫދީން ޔަމަންގެ އާންމު ރައްޔިތުންނާ ދެކޮޅަށް ހިންގާ އިންސާނިއްޔަތާ ޚިލާފު ބޮޑެތި ޖަރީމާތަކާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމްއިއްޔާ ޖަމާއަތްތަކުން ސައޫދީ ސިފިކުރަމުން ގެންދަނީ އިސްރާއީލު ފަދަ އިންސާނީ ހައްގުތަކަށް އަރައިގަންނަ ގައުމެއްގެ ގޮތުގައެވެ.

ސައޫދީގެ ސޮފްޓް ޕަވާ ގެއްލި ސައޫދީގެ ސޫރަވަނީ ހުތުރުވެގެން ގޮސްފައި

މީގެ ދެއަހަރު ކުރިން ތުރުކީގައި ހުންނަ ސައޫދީ ކޮންސިއުލޭޓްގައި ސައޫދީ ރަސްމީ ފަރާތްތަކުން އެގައުމުގެ އިދިކޮޅު ލިޔުންތެރިއެއް ކަމަށްވާ ޖަމާލް އަލްޚާޝުގްޖީ ވަރަށް އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލި ޖަރީމާއާ ގުޅިގެން އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގައި ސައޫދީގެ ސޫރަވަނީ ވަރަށް ބޮޑަށް ހުތުރުވެގެން ގޮސްފައެވެ.

އަދި މިފަހަކަށް އައިސް ސައޫދީން އިސްރާއީލާއެކު ސިއްރު ގުޅުންތަކެއް ބާއްވަމުން ދިޔުމާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް އާއި އިސްލާމިކް ޖިހާދުފަދަ މުޖާހިދުންގެ ޖަމާއަތްތަކަކީ ޓެރަރިސްޓް ޖަމާއަތްތަކެއް ގޮތުގައި ސިފަކުރަމުން ދިޔުމާއި ފަލަސްތީނުގެ މައްސަލާގައި އިސްރާއީލު ކުށްވެރި ކުރުމުގެ ބަދަލުގައި ފަލަސްތީނު ކުށްވެރި ކުރަންފެށުމުން އަރަބި އިސްލާމީ ދުނިޔޭގެ އާންމުންގެ މެދުގައިވެސް ސައޫދީގެ އަގުވަނީ ވަރަށް ބޮޑަށް ވެއްޓިގެން ގޮސްފައި ކަމަށް ރިޕޯޓްތަށް ބުނެއެވެ.

އެމެރިކާ އިސްކޮށް އޮވެގެން އިސްރާއީލާ ގުޅުންތަށް އުފެއްދުމަށް އަރަބި ގައުމުތަކަށް އެމެރިކާ ކުރަމުން ގެންދާ ފިއްތުންތަކަށްވެސް ތާއީދު ކުރާކަމާއި އެކަމުގައި އެމެިރކާއަށް ވާގިވެރިވާ ކަމުގެ ތުހުމަތު ސައޫދީގެ މައްޗަށްވަނީ ކުރެވިފައެވެ. ސައޫދީ ސަރުކާރުންވަނީ އިސްރާއީލު ހިފާފައިވާ މަސްޖިދުލްއަގްސާ ހިމެނޭ ފަލަސްތީނުގެ ރަށްކަމަށްވާ އަލްގުދްސަކީ އިސްރާއީލުގެ ތަނެއްކަމަށް އެމެރިކާ ނިންމައި ގުދްސަށް އެމެރިކާގެ އެންބަސީ ބަދަލުކުރި ޖަރީމާ ކުށްވެރިކޮށް އެމެރިކާއާ އިސްރާއީލާ ދެކޮޅަށް މުސްލިމުންގެ ދިފާއުގައި ހައްގުބަސް ބުނުމަށް ފަސްޖެހިފައެވެ.

އިލްމުވެރިން ޖަލަށްލައި ދުބާއި ހިނގާ މަގުން ސައޫދީ ހިނގަން ފެށުން

މީގެއިތުރުން ސައޫދީ ސަރުކާރަށް ފާޑުވިދާޅުވާ އެގައުމުގެ ދީނީ އިލްމުވެރިން ޖަލަށްލުމާއި ސައޫދީގައި ބިކިނީ ބީޗްތަށް ހުޅުވައި ޔޫރަޕްގެ ފަންނާނުން ގެންގޮސް މިޔުޒިކީ ބޮޑެތި ހަފްލާތަށް ބޭއްވުންފަދަ ކުރިން ނުކުރާކަންކަން ކުރަންފަށައި ދުބާއި ދާންފެށި ރޮނގުން ސައޫދީ ދާންފެށުމުން ސައޫދީއަށްވަނީ ބޮޑެތި ފާޑުކިޔުންތަށް އަމާޒުވެފައެވެ.

ސައޫދީ އާ ކުރިން ވަރަށް ގާތްގުޅުންތަކެއް ބޭއްވި ޕާކިސްތާނާއި މެލޭޝިއާ އާއި ތުރުކީއާއި އިންޑޮނީޝިއާފަދަ ގައުމުތަށްވެސްވަނީ ސައޫދީގެ ސިޔާސަތަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާ ގުޅިގެން އެގައުމާ ދުރުވާން ފަށާފައެވެ. އިންޑިއާއިން ކަޝްމީރުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ އަމަލުތަށް ކުށްވެރި ކުރުމުގެ ބަދަލުގައި ސައޫދީން އިންޑިއާ ކުރިޔަށްވުރެ ބޮޑަށް އިންޑިއާއާ ގާތްވެ އިންޑިއާއާ ގުޅުންތަށް ބަދަހި ކުރަމުން ގެންދާތީ ޕާކިސްތާނާއި ސައޫދީ ގެ ގުޅުންތަކަށްވެސް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފައެވެ.

އދ. ގެ ޖެނެރަލް އެސެމްބްލީގައި ސައޫދީ އަށް ގިނަގައުމުތަކެއް ވޯޓު ނުލިބުނީ މިސަބަބުތަކާއެކު ސައޫދީގެ ސޮފްޓް ޕަވާ އިސްލާމީ ދުނިޔޭގައިވެސް ވަރަށް ބޮޑަށް ދަށަށްދިޔުމުގެ ސަބަބުންކަމަށް ބެލެވޭކަމަށް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)