14 Oct 2020, 10:15
ހދ. ހަނިމާދޫގެ މަގުތައް ހެދުމުގެ މަޝްރޫއުގެ 67 ޕަސެންޓު ނިމިފައިވާ ކަމަށް މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީއިން ބުނެފި އެވެ.
މި މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ އިތުރު މަސައްކަތުގެ ތަފްސީލު އެމްޓީސީސީން ވަނީ ހިއްސާކޮށްފަ އެވެ. އެގޮތުން ހޮޅިވަޅުލުމުގެ މަސައްކަތުގެ 67 މިހާރު ނިމިފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ.
މި މަޝްރޫއުގެ ތެރެއިން ކުރާ އެހެން މަސައްކަތްތަކުގެ ތެރޭގައި ފައިމަގުގައި ހިނގޭ ގޮތަށް 16،518 އަކަމީޓަރުގެ ސަރަހައްދަކާއި މަގުގައި ދުއްވޭ ގޮތަށް 28،916 އަކަމީޓަރުގެ ސަރަހައްދެއް ގާއިމުކުރުމުގެ އިތުރުން 19،679.7 އަކަމީޓަރުގެ ސަރަހައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރިއަށްގެންދާނެ އެވެ.
މިދިޔަ އަހަރުގެ ޖޫން 15ވަނަ ދުވަހު މޮބިލައިޒްކުރި މި މަޝްރޫއުގެ އަގަކީ 46.7 މިލިއަން ރުފިޔާ އެވެ.