މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަންގައި ވެސް ޤައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރަކަށް ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަދި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ޤައުމީ ޓީމުގެ މެނޭޖަރެއްގެ މަޤާމަށް ހަމަޖައްސާ ދެއްވުމަށްއެދި، ޤައުމީ ޓީމްގެ ކުޅުންތެރިންތަކެއް އެފްއޭއެމްގެ ރައީސް އަލީ އާޒިމަށް މިއަދު ސިޓީއެއް ފޮނުވައިފި އެވެ.

އެ ސިޓީގައި ޤައުމީ ޓީމްގެ 17 ކުޅުންތެރިޔަކު ސޮއިކޮށް ފޮނުވާފައި ވަނީ އެފްއޭއެމްގެ ރައީސް އަލީ އާޒިމަށެވެ. ސިޓީ ފޮނުވީ މިއަދު އެވެ.

ސިޓީ ބުނަނީ ޤައުމީ ފުޓްބޯޅަ ޓީމުގެ ގިނަ ކުޅުންތެރިންގެ އެދުމަކީ ކުރިން ވެސް ގައުމީ ޓީމްގެ މެނޭޖަރަކަށް ހުންނެވި އަލީވަހީދު މިފަހަރު ވެސް ޤައުމީ ޓީމުގެ މެނޭޖަރަކަށް ހަމަޖައްސާ ދިނުން ކަމަށެވެ. އަދި އަލީ ވަހީދު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ ޗެއާމަންއަކަށް ހުރުމުން ގައުމީ ރޫހަކަށް މީގޭ އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން ކުޅުންތެރިންނަށް އޮތް ކަމަށާއި މީގެ ހެއްކެއްގެ ގޮތުން ނިމިގެން ދިޔަ ސާފް ޗެމްޕިއަންސް ޝިޕްގެ އެސިސްޓެންޓް ކޯޗްކަމަށް ހުންނެވި އިއްމައަކީ މާޒިޔާ ހެޑް ކޯޗްކަން ވެސް ސިޓީގައި ފާހަގަކޮށްފައި ވެއެވެ

ސިޓީގައި ސޮއި ކޮށްފައިވާ 17 ކުޅުންތެރިންނަކީ، އައްސަދު އަލީ (އަޑުބަރޭ) އާއި ގޯލްކީޕަރު އިމްރާން މުހައްމަދާއި ހުނަރުވެރި ފޯވާޑް އަލީ އަޝްފާގް (ދަނގަޑޭ) އާއި އަހުމަދު ތޯރިގް (ޓޮމް) އާއި ހަސަން މުހައްމަދާއި މުހައްމަދު އުމައިރާއި، އަލީ ފާސިރާއި މުހައްމަދު ފައިސަލާއި، އަކުރަމް އަބްދުލް ޤަނީއާއި ސާފިއު އަހުމަދާއި ފަރުހާދު އިސްމާއިލް އާއި މުހުތާރު ނަސީރު (ޓޫކިލޯ) އާއި މުހައްމަދު ތަސްމީނާއި މުހައްމަދު ސިފާއު އާއި އިސްމާއިލް މުހައްމަދު (އިއްސޭ) އާއި ސޮބާހް މުހައްމަދު އަދި އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ.