ރިސޯޓު މުވައްޒަފުންނަށް ވަޒީފާ އަދާ ކުރަމުން ފަތުރުވެރިކަމާ ގުޅޭ ދާއިރާތަކުން ސަނަދު ހާސިލު ކުރެވޭނެ ގޮތް ހަމަޖައްސަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިރޭ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ، އެއް ވަޒީފާއެއްގައި ގިނަ ދުވަހު އުޅެގެން ތަޖުރިބާ ހޯދައި މަސައްކަތަށް ފަރިތަވެފައިވާ، އެކަމަކު މަތީ ސަނަދެއް ނެތް ދިވެހި މުވައްޒަފުން އެބަ ތިބި ކަމަށެވެ. އެ މުވައްޒަފުން އަތުގައި ސަނަދު ނެތުމުން، ވަޒީފާގެ ބާޒާރުގައި ސަނަދު އޮތް މީހުންނާ ވާދަކޮށްގެން ވަޒީފާ ލިބެން ދަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މައްސަލައަށް ހައްލެއް ހޯދުމަށް، ވަޒީފާ އަދާ ކުރަމުންވެސް ސަނަދު ހާސިލު ކުރެވޭނެ ގޮތް ހަމަޖައްސަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވ ިއެވެ.

"އަޅުގަނޑުމެން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާވެސް މަޝްވަރާކުރެވިއްޖެ. މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީއާވެސް އެކަންތަކަށް ޝައުގުވެރިކަން ފާޅުކޮށްފައި އޮތީ، ރިސޯޓުގައި މަސައްކަތް ކުރަމުން ސަނަދު ހޯދައިދިނުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މަސައްކަތް ކުރަމުން ސަނަދު ލިބުމުން، ބޭރުން ގެންނަ މުވައްޒަފުންނަށް ތަޖުރިބާވެސް ލިބިފައިވާ އެ ދިވެހި މުވައްޒަފުންނާ ވާދަ ނުކުރެވޭނެ ކަމަށެވެ.

"އޭރުން އެ ބޭފުޅުންނަށް އިންނާނެ ސަނަދު ލިބިފައި، މި ދެންނެވިހާ މޮޅުވާނެ. އެ ދިވެހީންނާ ވާދަ ކުރެވޭނެ މީހަކު ނާންނާނެ ބޭރު ކަރައަކުން އިނގޭތޯ،" މިނިސްޓަރު ވިދާޅުވިއެވެ.

އުންމީދަކީ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ މަތީ މަގާމުތަކުގައި ގިނައިން ދިވެހީން ތިބުން ކަމަށްވެސް އޭނާ މިރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކާމިޔާބުވުމުގައި ރާއްޖޭގެ ރީތިކަމާ އެއްވަރަކަށް ދިވެހި ހީވާގި މުވައްޒަފުންގެ ދައުރުވެސް ބޮޑެވެ.

"ރާއްޖޭގެ ރީތި ކަމާ އެއްވަރަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ކާމިޔާބުގެ ސިއްރަކީ ހީވާގި މުވައްޒަފުން. ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުން ދިވެހި މުވައްޒަފުން،" މިނިސްޓަރު ވިދާޅުވި އެވެ.

"[ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުން] އެއީ އަސްލު ފަތުރުވެރިކަމުގެ ޗެމްޕިއަނުން،"

މިނިސްޓަރު މައުސޫމް މިރޭ އިތުރަށް ވިދާޅުވީ، މުވައްޒަފުންނާ މެދު ރަނގަޅަށް ހިތައިގެން ނޫނީ ކާމިޔާބެއް ނުލިބޭނެކަން މޮޅު މެނޭޖްމަންޓުތައް ދަންނަ ކަމަށެވެ.

"ރަނގަޅު މޮޅު މެނޭޖްމަންޓުގެ މީހުންނެއް ނުވިސްނާނެ މުވައްޒަފުންނަށް ދެރަ ގޮތެއް ހަދައިގެން ކާމިޔާބު ވާނެ ކަމަށް. ބިޒްނަސްގެ ސަކްސެސް، ކާމިޔާބު މި އޮތީ ސީދާ މުވައްޒަފުންނާ ގުޅިފައިކަން ކޮންމެ މޮޅު މެނޭޖެމަންޓެއް ވިސްނާނެ،"