13 Oct 2020, 23:28
މި ސަރުކާރުން އެއްވެސް ބަޔަކު ދައްކާ ވާހަކަ ގަބޫލުނުކޮށް، އިންޑިއާއިން ބޮޑެތި އަދަދުތަކުން ނަގާ ލޯނުތަކުގެ ސަބަބުން ރާއްޖެ ވަރަށް ނުރައްކާތެރި ހިސާބަކަށް ވެއްޓިގެންދާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އާމްދަނީ ދަށްވެ ދަރަނި އިތުރުވަމުން ދިއުމާއެކު ދަރަނި މެނޭޖު ކުރުމަށްޓަކައި ކޮންމެހެން ހިންގަން ޖެހޭ މަޝްރޫއުތައް ފިޔަވައި އުމްރާނީ ތަރައްގީގެ އެހެން މަޝްރޫއުތައް ފަސްކޮށްލުމަށް ވޯލްޑް ބޭންްކުން ވަނީ އިލްތިމާސްކޮށްފައެވެ.
މާލެ، ވިލިމާލެ ތިލަފުށި ގުޅުވާލާ ބުރިޖުގެ މަޝްރޫއަށް އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެގްރިމަންޓްގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ކޮވިޑާ ގުޅިގެން ދައުލަތުގެ އާމްދަނީއަށް ބޮޑު ހީނަރުކަމެއް އައި ނަމަވެސް، މިކަމުން އަރައިގަތުމަށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދަން ޖެހޭ ކަމަށެވެ.
"ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ސައީދު ވިދާޅުވީ މިއަދު ދައުލަތުގެ ދަރަނި ގާތްގަނޑަކަށް 80 ބިލިއަނާ ހަމައަށް ގާތްވެގެން ގޮސްފައިވާ ކަމަށާއި، ހަމަ އެކަނި އިންޑިއާގެ ދަރަނި ދެ ބިލިއަން އެމެރިކާ ޑޮލަރާ ގާތްކުރާ ކަމަށެވެ.
"ވޯލްޑްބޭންކުން ވެސް ކަންބޮޑުވާ ސަބަބަކީ މުޅި ދުނިޔެ ހުއްޓިފަ އޮތް ދަނޑިވަޅެއްގައި އެހާ ބޮޑެތި ލޯނު ނަގައިގެން މިކަން ކުރަން އުޅޭތީ،" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މިއަދު އޮތް ސަރުކާރަކީ ބަޔަކު ދައްކާ ވާހަކައެއް އަޑުއަހާ ސަރުކާރެއް ނޫން ކަމަށެވެ. އަދި ކުރިން ހުއްޓާނުލާ ދަރަނީގެ ވާހަކަދައްކަވަމުން ގެންދެވި ކުރީގެ ރައީސް، އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އެހެނިހެން ބޭފުޅުންނަށް މިއަދު ދަރަންޏަކީ "ރަނަށް" ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ވޯލްޑްބޭންކް ކަމުގައި ވިޔަސް އެބޭފުޅުން ދައްކާ ވާހަކައެއް އަޑުއަހާ ވަރުގެ ބައެއް ނޫނޭ. އެހެންވީމަ އެބޭފުޅުންނަކަށް ގައުމީ ފިކުރެއް، ގައުމާ ދޭތެރޭގަ ލޯތްބެއް އޮވެގެން ކަމެއް ކުރާ ގޮތަކަށް ނޫން މިއޮތީ. ހަމަ ބޮޑު ދަރަންޏެއް ރައްޔިތުންގެ ބޮލުގަ އެ އަޅުވަނީ،" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ 2023 ވަނަ އަހަރު އަންނަ އިރު ދައުލަތުގެ ދަރަނި 100 ބިލިއަނަށް އެރުމުގެ ބިރު އެބައޮތް ކަމަށެވެ. އެހެންކަމުން މިއީ ކޮންމެ ދިވެހި ފަރުދަކު ވެސް ވަރަށް ފުންކޮށް ވިސްނަން ޖެހިފައި އޮތް ކަމެއް ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ވޯލްޑްބޭންކުން ވެސް އެފަދަ ލަފައެއް ދީފައި އެވަނީ، ސަރުކާރުން މާލީ ކަންކަން މެނޭޖުކުރާ ގޮތް ރަނގަޅު ނޫންކަމުގެ ސައްހަ ހެކި ހުރެގެން ކަމަށެވެ.
އަދި ރައީސް ޔާމީންގެ ފަސް އަހަރު ހިންގަވާފައި ހުރި މަޝްރޫއުތަކަކީ އޭގެ ޒާތުގައި ނަފާ ލިބޭ މަޝްރޫއުތަކެއް ކަމާއި އަދި އާމްދަނީ އާއި ހަރަދާ ބަލާއިރު އޭގައި އެއްވެސް ފުށޫއެރުން ތަކެއް ނެތް ކަން ވޯލްޑްބޭންކަށް ވެސް އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެން ނަމަވެސް ދުނިޔެއަށް ދިމާވެފައި މި އޮތް ފައިނޭޝަލް ކްރައިސިސްގަ، ދިވެހި ސަރުކާރުން މި ކުރާ ކަމަކީ ލޯނުގެ މައްޗަށް ލޯނު ނަގަނީ. އެހެން ގޮސް ދެ ބިލިއަން އެމެރިކާ ޑޮލަރާ އަރާ ހަމަކުރަނީ. ވޯލްޑްބޭންކަށް އެބަ އެނގޭ 2023 ދިވެހީންނާ ބައްދަލު ކުރާއިރު، 100 އެއްހާ ބިލިއަނުން ރާއްޖެ ދަރުވާލާނެކަން މި ސަރުކާރުން،" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ވޯލްޑްބޭންކުން އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކުރާ މައިގަނޑު ސަބަބަކީ ވެސް، ރާއްޖެ ވެއްޓެންދާ ބޮޑު އަޑިގަނޑުން ސަލާމަތް ކުރުން ކަމަށެވެ.
އަދި އެއްވެސް ކަހަލަ ފިކުރު ހިންގުމެއް ނެތި، މާލީ ދާއިރާ މިސްމެނޭޖު ކުރުމުގެ ސަބަބުން ރާއްޖެ ދުވަހަކުވެސް ނުވެއްޓޭ ފަދަ އަނދަވަޅަކަށް ވެއްޓިގެން ދާނެ ކަމުގެ އިންޒާރުވެސް ސައީދު ދެއްވިއެވެ.
"ރައްޔިތުން ވެސް މީގަ ރައްޔިތުން ވެސް ވިސްނާ ފިކުރު ހިންގަންޖެހޭ ވަގުތެއް މިއީ. އަނެއްކާ ވަރަށް ބިރުވެރި ހިސާބަކަށް ރާއްޖެ މިދަނީ. އެހެންވީމަ އެ ދަރަންޏާ އެކުގަ ރާއްޖެ ވަރަށް ބޮޑު އަޅުވެތިކަމަކަށް ދާނެ،" ސައީދު ވިދާޅުވިއެވެ.
އެހެންކަމުން އެ ނުރައްކަލުން ރާއްޖެ ސަލާމަތްކުރަން ކުރަންޖެހޭ މަސައްކަތާއި، އެކަމަށް ހޭދަކުރަންޖެހޭ ހަކަތައާއި ވިސްނުމާއި، ހިންގަންޖެހޭ ފިކުރަކީ ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް ދިމާވާނެ އެންމެ ބޮޑު ނުރައްކަލުގެ ގޮތުގައި ސައީދު ސިފަކުރެއްވިއެވެ.
ސައީދު ވިދާޅުވީ ދެން ކޮންމެ ސަރުކާރެއް އައި ނަމަވެސް، އެ ސަރުކާރަކަށް ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ވެސް އެއީ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ 2123 ގައި ރައީސް ޔާމީންގެ ޒައާމަތެއްގައި އަޅުގަނޑުމެން މި ގޮންޖެހުމާ ފޭސްކުރާނެ ކިތަންމެ ނުރައްކާވެފަ އުނދަގޫ ވިޔަސް. މި ހާލަތުން، މި ހަދާ ގޯސްތަކުން ރާއްޖެ ސަލާމަތް ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން،" ސައީދު ވިދާޅުވިއެވެ.