13 Oct 2020, 21:04
ދެ މެޖިސްޓްރޭޓް ކޯޓެއްގެ މެޖިސްޓްރޭޓުންނާ ގުޅޭ ސުލޫކީ މައްސަލަ ބެލުމަށް ނިންމައި، ޖުޑީޝަލް ސާވިސް ކޮމިޝަނުން އެ މައްސަލަތައް ތަހްގީގު ކުރުމަށް، ތަހުގީގު ކޮމިޓީ އެކުލަވާލައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ބަލަން ނިންމާފައި ވަނީ ސ. މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު ޠައްޔިބާ ގުޅިގެން ހުށަހެޅުނު މައްސަލައަކާއި ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު އަކްރަމް އާ ގުޅިގެން ހުށަހެޅުނު ދެ މައްސަލަ ކަމަށެވެ.
އިސް މެޖިސްޓްރޭޓް މުހައްމަދު ޠައްޔިބު އާ ދެކޮޅަށް ހުށަހަޅާފައި ވަނީ ސ. މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ތުހުމަތުކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ގެންދިއުމުން މައްސަލައިގައި ގޮތެއް ނިންމެވުމުގައި ގާނޫނާ ހިލާފަށް އަމަލުކުރައްވާފައިވާ ކަމަށް ބެލެވޭ މައްސަލައެކެވެ.
މެޖިސްޓްރޭޓް އަހްމަދު އަކްރަމް އާ ދެކޮޅަށް ހުށަހަޅާފައި ވަނީ އޭނާ ހުކުމް ކުރެއްވި މައްސަލައެއްގައި، ޝަރީއަތް ނިމުނުގޮތުގެ ހުލާސާ ރިޕޯޓް ދޫކުރިފަހުން އެ ރިޕޯޓަށް ބަދަލުގެނެސް ބައެއް ނުކުތާ އިތުރުކުރިކަމަށް ބުނާ މައްސަލަ އަކާއި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ދެ ގަޒިއްޔާއެއް ބެލުމުން އޭނާ ތަނާޒުލްވެފައިވަނީ ހަގީގަތާ ހިލާފު މައުލޫމާތެއް ހިއްސާކުރުމަށްފަހުކަމަށް ބެލެވޭ މައްސަލަ އެކެވެ.
އެހެންކަމުން މި މައްސަލަތައް ބަލަން މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ.