ދިޔަރެސް ނޫހުގެ ނޫސްވެރިޔާ އަހްމަދު އަޒާނަށް މަރުގެ އިންޒާރު ދިންކަމަށް ތުހުމަތުކުރާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، އެކަން ވީ އެންމެ އަވަހަކަހަށް ބަލައި ހަގީގަތް ހާމަކޮށްދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ފުލުހުންނަށް އިލްތިމާސްކޮށްފިއެވެ.

އެމްއެމްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރޭ 20:42 ހާއިރު ދިޔަރެސް ނޫހުގެ ނޫސްވެރިޔާ އަޒާނަށް މަރުގެ އިންޒާރު ދިންކަމަށް ތުހުމަތުކޮށް އަޒާން އެކަން މީޑިއާ ކައުންސިލްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

އަދި ފަހަކަށްއައި އޭނާއަށް ސޯޝަލް މީޑިއާގައާއި އެހެނިހެން ގޮތްގޮތުންވެސް މަރުގެ އިންޒާރާއި، އެކިކަހަލަ ފުރައްސާރަ ކުރުމުގެ އަމަލުތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އަޒާން މައުލޫމާތު ދީފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

"މިއީ މިކައުންސިލުން ނުހަނު ކަންބޮޑުވާކަމެކެވެ. މިބާވަތުގެ ކަންކަމަކީ އާދައިގެ ކަންކަމުގެގޮތުގައި މިކައުންސިލުން ނުދެކެމެވެ." މީޑިއާ ކައުންސިލްގެ ބަޔާނުގައިވެއެވެ.

އެއީ މީގެކުރިންވެސް ދިވެހި ނޫސްވެރިންނަށް ތަފާތު އެކިކަހަލަ އިންޒާރާއި ފުރައްސާރައާ ކުރިމަތިވުމަށްފަހު ނުރައްކާތެރި ހަމަލާތަކުގެ ޝިކާރައަކަށް ވެފައި ވާތީ ކަމަށް އެމްއެމްސީން ބުންޏެވެ.

"ވީމާ މިމައްސަލަ ބަލައި ވީހާވެސް އަވަހަކަށް ކަމުގެ ހަގީގަތް ހާމަކޮށްދެއްވުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް އިލްތިމާސްކުރަމެވެ." އެމްއެމްސީން ބުނެފައިވެއެވެ.

ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ދިޔަރެސް ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ، އަހުމަދު އަޒާން އަދި ނާހިލް އަހުމަދާ މަގުމަތިން ފުރައްސާރަކޮށް ބިރުދެއްކި ކަމަށް ބުނާ މައްސަލައެއް ފެންމަތިވީ ރޭގަ އެވެ.

ނޫސްވެރިންނަށް ބިރުދެއްކި ކަމަށް ބުނާ ވާހަކަ އަލްހާން ވަނީ ދޮގުކުރައްވައިފަ އެވެ. އަލްހާން ވިދާޅުވީ އޭނާއަށް އިންޒާރުދީ ފުރައްސާރަކުރީ ނޫސްވެރިޔާ އަޒާން އާއެކު އައި އިތުރު ބައެއް ކަމަށެވެ.

އަދި މިހާރު އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅާފައިވާނެ ކަމަށް އަލްހާން ވިދާޅުވިއެވެ.