13 Oct 2020, 19:44
ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި ނަން ކިޔާލެވޭ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ފޯވާޑް ރޮނާލްޑޯގެ ހަށިގަނޑުން ކޮވިޑްގެ އަލާމަތްތައް ފެނި ޓެސްޓް ކުުރުމުން އޭނާ ޕޮޒިޓިވްކަން އެނގިފައިވާ އިރު، މިހާރު އޭނާ ވަނީ ހޯމް އައިސޮލޭޝަންއަށް ދިއުމަށް އަންގައިފަ އެވެ. ރޮނާލްޑޯ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނު އިރު އޭނާ މިވަގުތު ހުރީ އަމިއްލަ ގައުމު، ޕޯޗުގަލްގަ އެވެ.
މިހާރު ކުރިއަށްދާ ނޭޝަންސް ލީގުގައި ޕޯޗުގަލްއާއި ސްވިޑަން މާދަމާ ރޭ ބައްދަލު ކުރާ މެޗުގެ ސްކޮޑުގައި ވެސް ހިމަނާފައިވާ ރޮނާލްޑޯ އަށް ކޮވިޑްގެ ސަބަބުން ޓީމުން ޖާގަ ގެއްލިގެންދާނެ އެވެ. އެހެން ކަމުން ދެން އެންމެ އަވަހަށް އޭނާއަށް މެޗެއް ކުޅެވޭނީ ޔުވެންޓަސްއިން ލީގުގައި ކުޅޭ މެޗެއްގަ އެވެ.
ނޭޝަންސް ލީގުގައި އެންމެ ފަހުން ޕޯޗުގަލް ފްރާންސާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ރޮނާލްޑޯ ވަނީ ކުޅެފަ އެވެ. އަދި އޭގެ ކުރިން ސްޕެއިނާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ވެސް ރޮނާލްޑޯ ކުޅުނެވެ.
ރޮނާލްޑޯ ކޮވިޑަށް ޕޮޒިޓިވްވުމާ އެކު ފުޓުބޯޅައިގެ ގިނަ ސަޕޯޓަރުންތަކެއް އިންތިޒާރު ކުރަމުން އަންނަ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސްއާ ބާސެލޯނާ ބައްދަލުކުރާ މެޗުގައި އޭނާއަށް ކުޅެވޭނެކަމާ މެދު ވަނީ ޝައްކު އުފެދިފަ އެވެ. އެހެން ކަމުން ރޮނާލްޑޯއާއި ބާސެލޯނާގެ ލިއޮނެލް މެސީގެ ކުރިމަތިލުން ބަލަން ބޭނުންވެފައި ތިބި ސަޕޯޓަރުންނަށް މިއީ ދެރަ ހަބަރަކަށް ވާނެ އެވެ.