18 Jan 2012, 11:33
މާލޭގައި މިހާރު ކުރަމުންދާ މުޒާހަރާތައް ކޮންޓްރޯލްކުރުމުގައި ފުލުހުން ގާނޫނާ ހިލާފުވެފައިވާކަން ފާހަގަ ނުކުރެވޭ ކަމަށާއި އެ މުޒާހަރާތަކުގައި ފުލުހުންނަށް އަނިޔާވަމުންދާ ކަމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ބުނެފި އެވެ.
ސަރުކާރާ ބެހޭ ގޮތުން ސާބިތު ނުހިފޭ ވާހަކަތައް ދައްކަވާ ކަމަށް ތުހުމަތުކޮށް ގައުމީ ޕާޓީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި ސަންދާން އަހަންމައިދީ ހައްޔަރު ކުރުމާ ގުޅިގެން މީގެ ތިން ރޭ ކުރިން ފެށިން ވެރިރަށް މާލޭގައި ދަނީ މުޒާހަރާ ކުރަމުންނެވެ. އަދި ސިފައިން ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރުމާ ގުޅިގެން މަސްރަހު ހަލަބޮލިވެ މުޒަހަރާތައް ވަނީ ވަރުގަދަކޮށްފަ އެވެ.
ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް ޝަހިންދާ އިސްމާއިލް މިއަދު ވިދާޅުވީ މުޒާހަރާތައް ރޫޅައިލުމުގައި ފުލުހުން ގާނޫނާ ހިލާފުވެފައިވާކަން ފާހަގަ ނުކުރެއްވޭ ކަމަށެވެ. އަދި އެފަދަ ޝަކުވާއެއްވެސް ކޮމިޝަނާ ހަމައަށް ނާންނަ ކަމަށެވެ. ނަމަވެސް ވިދާޅުވީ ސިޔާސީ ލީޑަރުން ހައްޔަރުކުރި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
http://sun.mv/albums/live_3311.jpg
ކޮމިޝަނުން އެހެން ބުނި ނަމަވެސް މުޒާހަރާތައް ރޫޅާލުމުގައި ފުލުހުން ހަރުކަށިކަން ދައްކާ ބައެއް މީހުންގެ މޫނާ ކައިރިކޮށް ޕެޕަސްޕްރޭ ޖަހާ ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ވަނީ ތުހުމަތައް ކޮށްފައެވެ. އަދި ފުލުހުން މުޒާހަރާތައް ރޫޅާލާ ވަގުތު މުގުރުން ޖަހައި ހުތުރު ބަހުން މުހާތަބު ކުރާ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެ އެވެ.
"މުޒާހަރާތަކުގައި ފުލުހުން ހަރުކަށިވުމުގެ އެއްވެސް ޝަކުވާއެއް އައިސްފައެއް ނުވޭ، އަޅުގަނޑުމެން ވެސް ކޮންމެވެސް ވަރަކަށް މިދަނީ ފޫޓޭޖްތައް ވެސް ބަލަމުން، ހަބަރުތަކުންނާ އެކުގައި، ކަންބޮޑުވާން ޖެހޭ ވަރަކަށް ގާނޫނާ ހިލާފަށް ނޫނީ ގަވައިދާ ހިލާފަށް ފުލުހުން އަމަލުކުރާ ކަން ފާހަގައެއް ނުކުރެވޭ،" ޝަހިންދާ ވިދާޅުވި އެވެ.
އޭގެ ބަދަލުގައި ޝަހިންދާ ވިދާޅުވީ މުޒާހަރާތަކުގައި ފުލުހުންނަށް އަނިޔާވަމުންދާ ކަމަށް ކޮމިޝަނަށް ފާހަގަކުރެވޭ ކަމަށެވެ. ސަރުކާރާ ދެކޮޅު މުޒާހަރާތަކުގައި ފުލުހުން އަމަލުތަކާ ގުޅިގެން އެ ކޮމިޝަނަށް އެންމެ ޝަކުވާއެއް ހުށަހެޅި ކަމަށާއި އެއީ ފުލުހުން އަންހެނެއްގެ ބުރުގާ ބޭލި ކަމަށް ބުނާ މައްސަލައެއް ކަމަށެވެ.
" އެންމެ ޝަކުވާއެއް މިހާތަނަށް އައިސްފައި ވަނީ އެއީ އަންހެނެއްގެ ބުރުގާ ނެއްޓިގެން ދިޔަ މައްސަލައެއް، އެމައްސަލަ އަޅުގަނޑުމެން މިދަނީ ބަލަމުން، " ޝަހިންދާ ވިދާޅުވި އެވެ.
ޝަހިންދާ ވިދާޅުވީ އެ މައްސަލަ ފިޔަވައި ދެން ފާހަގަކުރެވިފައިވަނީ މުޒާހަރާތައް ފެށުނީއްސުރެ ފުލުހުންނަށް އެކިވަރުގެ އަނިޔާތައް ވަމުންދާ މައްސަލަ ކަމަށެވެ.
މުޒާހަރާތަކުގެ ދެވަނަ ރޭގައި އެމްއެމްއޭ ސަރަހައްދުން ފުލުހުކު އިދިފުށަށް ވެއްޓި އެކިވަރުގެ އަނިޔާވި އެވެ. ފުލުހުން ބުނެފައި ވަނީ ފުލުސް މީހާއަށް ސީރިއަސް އަނިޔާތައް ވިއެވެ.
އިދިކޮޅު ސިޔާސީ ލީޑަރުން ހައްޔަރުކުރުމުގެ މައްސަލައިގާ ކޮމިޝަނަށް ޝަކުވާތައް އައިސްފައިވާ ކަމަށާއި އެ މައްސަލަތައް ތަހުގީގުކުރާއިރު އިތުރު ޑިވެލޮޕްމެންޓްތައް އަންނަމުން ދަނިކޮށް ތަހުގީގު ނިންމާލުމަކީ އެހާ ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"އެމައްސަލައިގެ އިތުރު ޑިވެލޮޕްމެންޓްތައް ކޮންމެ ދުވަހަކުވެސް އަންނަމުންދާތީ މާއަވަސް ކޮށްލާފައި މައްސަލަ ނިންމާލުމަކީ ރަނގަޅު ކަމަކަށް ނުވާނެތީ ތަހުގީގުތައް ދަނީ ކުރިއަށް، އަޅުގަނޑުމެން އެމައްސަލަ ނިންމާލާތަނުން އަނެއްކާ އިތުރު ޑިވެލޮޕްމަންޓެއް އައިމަ، އެއީ ތަހުގީގު ފުރިހަމަ ވީކަމަކަށް ނުވާނެ ދެއްތޯ؟" ޝަހިންދާ ވިދާޅުވި އެވެ.