14 Oct 2020, 08:00
ބެލަރޫސްގެ ރައީސް އެލެކްޒެންޑްރާ ލުކެޝެންކޯގެ އިސްތިއުފާއަށް ގޮވައި މުޒާހަރާކުރަމުންދާ މީހުންގެ ގަޔަށް ބަޑިޖަހާނެކަމުގެ އިންޒާރު އެގައުމުގެ ފުލުހުން ދީފި އެވެ.
ބެލަރޫސްގައި މުޒާހަރާތައް ފެށުނީ އެގައުމުގައި މިދިޔަ އޮގަސްޓް މަހު ބޭއްވި އިންތިހާބްގައި މިހާރުގެ ރައީސް އެލެކްޒެންޑްރާ ވޯޓޯ އޮޅުވާލައްވާފައިވާ ކަމަށް ބުނެެ އެވެ.
އެ އިންތިހާބް އެމެނިކުފާނު ކާމިޔާބުކުރެއްވީ 80 ޕަސެންޓް ވޯޓާއެކު އެވެ. އިދިކޮޅު ލީޑަރު ވަނީ ނަތީޖާ ގަބޫލުނުކުރައްވައި ގައުމު ދޫކުރައްވައި ވަޑައިގެންފަ އެވެ.
އެ މުޒާހަރާތައް ކޮންޓްރޯލް ކުރަން މީގެ ކުރިން ބޭނުންކުރީ ފެނާއި ރަބަރު ބުލެޓާއި ސްޓަން ގްރަނޭޑް ފަދަ ވަސީލަތްތަކެވެ. މިދިޔަ އާދިއްތަ ދުވަހުވެސް އެ ފަދަ ވަސީލަތްތަައް ބޭނުންކޮށްގެން ވަނީ މުޒާހަރާތަކެއް ރޫޅާލައި 700 އެއްްހާ މީހުން ހައްޔަރުކޮށްފަ އެވެ.
ބެލަރޫސްގެ ފަސްޓް ޑެޕިއުޓީ އިންޓީރިއާ މިނިސްޓަރު ގެނެޑީ ކަޒަކެވިޗް ވިދާޅުވީ ފުލުހުން މަގުތަކުގައި ތިބޭނެ ކަަމަށާއި ނުރައްކާތެރި ހަތިޔާރު ބޭނުންކުރަން ޖެހިއްޖެ ހާލަތެއް އަތުވެއްޖެނަމަ އެކަންވެސް ކުރާނެ ކަމަށެވެ.
މުޒާހަރާތަކުގައި ބާރުގެ ބޭނުން މާބޮޑަށް ކުރާ ކަމަށް ބުނެ ޔޫރަޕިއަން ޔޫނިއަންގެ ފޮރިން މިނިސްޓަރުން މިދިޔަ ހޯމަ ދުވަހު ވަނީ ލުކަޝެންކޯއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ފާސްކޮށްފަ އެވެ. -- އަލްޖަޒީރާ