13 Oct 2020, 17:01
ވޮޝިންޓަން (އޮކްޓޯބަރު 13): އެމެރިކާގެ ޖޯންސަން އެންޑް ޖޯންސަން ކުންފުނިން އުފައްދާ ކޮރޯނާވައިރަސް ވެކްސިންގެ ތަހުލީލުތައް ކުރިއަށްގެންދަނިކޮށް، އެ ޓެސްޓުތަކުގައި ބައިވެރިވި މީހަކު ބަލިވުމާ ގުޅިގެން ޓެސްޓުތައް މެދުކަނޑާލައިފި އެވެ.
ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން ޓެސްޓުތައް މަޑުޖައްސަލާފާއި ވަނީ ވެކްސިންގެ އެންމެ ފަހު ޓެސްޓު މަރުހަލާ ކަމަށްވާ ތިން ވަނަ ފިޔަވަހީގެ ތަހުލީލުތައް ކުރިއަށްގެންދަނިކޮށެވެ. އެ ޓެސްޓުތަކުގެ ތެރެއިން ބަލިވި މީހާއާ ބެހޭ މައުލޫމާތެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ.
ޖޯންސަން އެންޑް ޖޯންސަންއިން ނެރުނު ބަޔާނެއްގައިވާ ގޮތުން ޓެސްޓުތައް ކުރިއަށްގެންދަނިކޮށް ގޮތް ނޭނގޭ ގޮތަކަށް ބަލިވި މީހާގެ ބައްޔާ ވެކްސިނާ ގުޅުމެއް ވޭތޯ މިނިވަން ފަރާތަކުން ބަލާނެ އެވެ. އަދި އެފަދަ ދިރާސާތަކުގައި ބައިވެރިވާ މީހުންގެ އަދަދު އިތުރުވުމުން އޭގެއިން މީހަކު ބަލިވުމުގެ ފުރުސަތު އޮންނާނެކަން ފާހަގަކޮށް، އެގޮތަށް މީހަކު ބަލިވުމުން، އެއީ ޓެސްޓު ކުރާ ވެކްސިންގެ ސަބަބުންކަން އިތުރު ހޯދުންތަކާ ނުލައި ފުރަތަމަ ކަށަވަރު ނުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ވެކްސިންގެ ތިން ވަނަ ފިޔަވަހީގެ ޓެސްޓުތައް މިދިޔަ މަހު ފެށީ އެމެރިކާ އާއި އެހެން ގައުމުތަކުން އެ ޓެސްޓުތަކުގައި 60،000 މީހަކު ބައިވެރި ކުރަން އަމާޒުކޮށްގެންނެވެ. އެމެރިކާގެ އިތުރުން އެ ޓެސްޓުތައް ފަށާފައި ވަނީ އާޖެންޓީނާ، ބްރެޒިލް، ޗިލީ، ކޮލޮމްބިއާ، މެކްސިކޯ، ޕެރޫ އަދި ދެކުނު އެފްރިކާގަ އެވެ.
އެމެރިކާއިން ކޮރޯނާވައިރަހަށް ވެކްސިނެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތައް އަވަސް ކުރުމުގެ ގޮތުން ވެކްސިން އުފައްދާ ފަރާތްތަކަށް ދޭ އެހީގެ ދަށުން އެގައުމުން ވަނީ ޖޯންސަން އެންޑް ޖޯންސަންއަށް 1.45 ބިލިއަން ޑޮލަރު ދީފަ އެވެ.
މީގެ ކުރިން، ވެކްސިންގެ ޓެސްޓުތަކުގައި ބައިވެރިވި މީހަކު ބަލިވުމާ ގުޅިގެން އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އަސްޓްރާޒެނެކާގެ ޓެސްޓުތައްވެސް މިދިޔަ މަހު ހުއްޓާލަން ޖެހުނެވެ. ނަމަވެސް އެ ޓެސްޓުތައް ފަހުން ވަނީ އެމެރިކާ ފިޔަވާ، ޓެސްޓުތައް ކުރިއަށް ގެންދިޔަ އެހެން ގައުމުތަކުގައި އަލުން ފަށާފަ އެވެ. އެމެރިކާގައި އެ ޓެސްޓުތައް އަލުން ފަށާފައި ނުވަނީ ޓެސްޓުތަކުގެ ތެރޭގައި މީހަކު ބަލިވި މައްސަލަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ތަހުގީގު ކުރަމުން ދާތީ އެވެ.
ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން ޓެސްޓުތައް ދެން ފަށާނެ ދުވަހެއް އެ ކުންފުނިން ހާމަ ނުކުރެ އެވެ.