13 Oct 2020, 13:40
ކުއަލަލަމްޕޫރު (އޮކްޓޯބަރު 13): މެލޭޝިއާގައި ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވުމާ ގުޅިގެން އެގައުމުގެ ވެރިރަށް ކުއަލަލަމްޕޫރާއި ސެލަންގޯ އާއި ޕުޓްރާޖަޔާގައި، ގިނަ އަދަދެއްގެ މީހުން އެއްވެ އުޅުމާއި ދަތުރުފަތުރު މަދު ކުރުމަށް ކޮންޑިޝަނަލް މޫވްމެންޓް ކޮންޓްރޯލް އޯޑާ (ސީއެމްސީއޯ) އިއުލާން ކުރަން ނިންމައިފި އެވެ.
މެލޭޝިއާގެ ސީނިއާ މިނިސްޓާ ފޯ ސެކިއުރިޓީ އިސްމާއިލް ސަބްރީ ޔައުގޫބް އިއްޔެ ވިދާޅުވި ގޮތުގައި ކުއަލަލަމްޕޫރާއި ޕުޓްރާޖަޔާ އާއި ސެލަންގޯގައި މާދަމާ ރޭ 12:00 ފެށިގެން މިމަހުގެ 27އާ ހަމަޔަށް ސީއެމްސީއޯގެ ގަވާއިދުތަކަށް އަމަލު ކުރަން ޖެހޭނެ އެވެ. އިސްމާއީލް ސަބްރީ ވިދާޅުވި ގޮތުގައި އެ ފިޔަވަޅުތައް އަޅަން ނިންމީ އެ ސަރަހައްދުތަކުގައި ކަންބޮޑުވާ މިންވަރަށް ވައިރަހުގެ ކޭސްތައް އިތުރުވެފައިވާތީ އެވެ.
"އިންފެކްޝަން އިތުރަށް ފެތުރުން ހުއްޓުވުމަށް ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ވަނީ ސެލަންގޯ އާއި ކުއަލަލަމްޕޫރާއި ޕުޓްރާޖަޔާގައި ސީއެމްސީއޯ ހިންގަން ނިންމާފަ. ސީއެމްސީއޯ ހިންގާނީ އޮކްޓޯބަރު 14އިގެ ދަންވަރުން ފެށިގެން އޮކްޓޯބަރު 27އަށް،" މިނިސްޓަރު އިސްމާއީލް ސަބްރީ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ސީއެމްސީއޯއަށް އަމަލު ކުރަން ފެށުމުން އެ ތިން ސަރަހައްދުގެ ޑިސްޓުރިކްޓުތަކުގެ މެދުގައި ދަތުރު ކުރުން މަނާ ވާނެ އެވެ. އަދި ވަޒީފާގެ ސަބަބުން އެއް ޑިސްޓުރިކްޓުން އަނެއް ޑިސްޓުރިކްޓަށް ދާން ޖެހޭ މީހުން އެކަން އަންގައިދޭ ލިޔެކިޔުންތައް ދައްކަން ޖެހޭނެ އެވެ.
މީގެ އިތުރުން ސްކޫލުތަކާއި ޔުނިވާސިޓީތަކާއި މިސްކިތާއި ފައްޅިތައް ހުންނާނީ ބަންދުކޮށްފައި ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި ގެޔަށް ބޭނުންވާ ތަކެތި ހޯދުމަށް ގެއިން ބޭރަށް ދެވޭނީ ދެ މީހުންނަށް ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް އެ ފިޔަވަޅުތައް އެޅީ އިގުތިސާދީ ހަރަކާތްތަކަށް ހުރަސް ނޭޅޭ ގޮތަށް ކަމަށާއި ފިޔަވަޅުތަކާ ބެހޭ އިތުރު ތަފްސީލު ދެއްވާނެ ކަމަށް އިސްމާއީލް ސަބްރީ ވިދާޅުވި އެވެ.
އެ ތިން ސަރަހައްދުގެ އިތުރުން، މެލޭޝިއާގެ ސަބާ ސްޓޭޓުގައި ވަނީ މިރޭ 12:00އިން ފެށިގެން މިމަހުގެ 26އާ ހަމަޔަށް ސީއެމްސީއޯ ހިންގަން ނިންމާފަ އެވެ.
މެލޭޝިއާއިން މިދިޔަ މާޗް މަހު އެޅި ފުރަބަންދުގެ ފުރަތަމަ ހަރުކަށި ފިޔަވަޅުތައް ކަމަށްވާ މޫވްމެންޓް ކޮންޓްރޯލް އޯޑާ (އެމްސީއޯ)ގެ ފިޔަވަޅުތައް ލުއިކޮށް ސީއެމްސީއޯގެ ފިޔަވަޅުތައް އަޅަން ފެށީ މެއި މަހުގަ އެވެ. އަދި ސީއެމްސީއޯ އުވާލާ "ރިކަަވަރީ އެމްސީއޯ"ގެ ދަށުން ގިނަ ވިޔަފާރިތައް ހުޅުވުމަށާއި އެއްވުންތައް ބާއްވަން ހުއްދަ ދޭން ފެށީ ޖޫން 10ގަ އެވެ.
އޭރު މެލޭޝިއާގައި ވައިރަހުގެ ކޭސްތައް މަދުވި ނަމަވެސް އެގައުމުގައި އަނެއްކާވެސް ބަލި ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށާފަ އެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހު އެގައުމުގައި 691 މީހަކު ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި އެވެ. އެއީ އެއް ދުވަސް ތެރޭ އެގައުމުގައި އެހާވަރަށް ގިނަ މީހުން ޕޮޒިޓިވްވި ފުރަތަމަ ދުވަހެވެ. އޭގެ ފަހުން އިއްޔެ ވައިރަހުގެ 563 ކޭސް ވަނީ ފެނިފަ އެވެ. އެއީ 24 ގަޑި އިރު ތެރޭ ދެވަނަ އަށް އެންމެ ގިނަ ކޭސްތައް ރެކޯޑު ކުރެވުނު ދުވަހެވެ.
މެލޭޝިއާގައި މިހާތަނަށް 16،000އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 159 މީހަކު ވަނީ މަރުވެފަ އެވެ.