މެޑްޓެކުން ރާއްޖެއަށް އެތެރެކޮށްފައިވާ 15 މިނެޓުން ނަތީޖާ ލިބޭ ކޮވިޑް ޓެސްޓު ބޭނުންކުރުމުގެ ހުއްދަ އެޗްޕީއޭއިން ދީފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

ލެބޯޓްރީ ތަހުލީލު ކުރަން ބޭނުންކުރާ އާލާތްތައް އުފެއްދުމުގެ އެންމެ ކުރީގައި އުޅޭ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމެރިކާގެ އެބޮޓް ލެބޯޓްރީން އުފައްދާފައިވާ ކޮވިޑް19 ޕެންބިއޯ އެންޓިޖެން ޓެސްޓަކީ ހަށިގަނޑުގައި ހުންނަ އެކްޓިވް ވައިރަސް ދެނެގަންނަން ހަދާ ޓެސްޓެކެވެ.

މެޑްޓެކްއިން ބުނީ މި ޓެސްޓު ހަދަން ހުއްދަ ދިނުމަށް އެޗްޕީއޭއިން އާންމުކުރި އުސޫލުގައި ބުނާ ގޮތުގައި، މި ޓެސްޓު ހަދަންވާނީ ކޮވިޑުގެ އަލާމާތްތައް ފެންނަތާ ހަތް ދުވަހުގެ ތެރޭގަ އެވެ.

އަލާމާތްތައް ފެންނަތާ ފަސް ދުވަސް ފަހުން މި ޓެސްޓު ހަދައިގެން ނަތީޖާ ނެގެޓިވްވި ނަމަވެސް، ޕީސީއާރު ޓެސްޓެއް ހަދައިގެން ނަތީޖާ ކަށަވަރު ކުރަންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މެޑްޓެކްގެ އީމެއިލް[email protected]އަށް މެއިލް ކޮށްގެން ނުވަތަ އެކުންފުނީގެ 3308663 ފޯން ނަންބަރަށް ގުޅައިގެން އެންޓިޖެން ޓެސްޓު ގަތުމުގެ އިންތިޒާމު ވެސް މެޑްޓެކުން ވަނީ ހަމަޖައްސާފަ އެވެ.

މި ޓެސްޓު ހަދަންވާނީ ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަނެއްގައި، ތަމްރީންވެފައިވާ ސިއްހީ ހިދުމަތްތެރިން އިންފެކްޝަން ކޮންްރޯލް އެންޑް ޕްރިވެންޝަންއަށް ބޭނުންވާ ފިޔަވަޅުތައް އަޅައިގެން ކަމަށް މެޑްޓެކުން ބުނެ އެވެ.