ދިޔަރެސް ނޫހުގެ ދެ ނޫސްވެރިއަކަށް ފުރައްސާރަކޮށް ބިރު ދެއްކި ކަމަށް ބުނާ މައްސަލަ ކުށްވެރިކޮށް އެ މައްސަލަ ބަލައި ތަހުގީގު ކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ފުލުހުންނަށް ގޮވާލައިފި އެވެ.

ނޫސްވެރިޔާ މަގުމަތިން ފުރައްސާރަކޮށް، ބިރުދެއްކި މައްސަލަ ވީހާވެސް އަވަހަށް ތަހުގީގުކޮށް، ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންނަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފިއެވެ.

ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އެ ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ، އަހުމަދު އަޒާން އަދި ނާހިލް އަހުމަދާ މަގުމަތިން ފުރައްސާރަކޮށް ބިރުދެއްކި ކަމަށް ބުނާ މައްސަލައެއް ފެންމަތިވީ ރޭގަ އެވެ.

އެ މައްސަލައިގައި އެމްޖޭއޭ އިން މިއަދު ނެރުނު ކުރު ބަޔާނެއްގައި ވަނީ އެކަން ވީގޮތް އަވަހަށް ބަލައި ފިޔަވަޅު އަޅައިދިނުމަށް، ފުލުހުންނަށް ގޮވާލައިފަ އެވެ.

"ދިޔަރެސް އޮންލައިން ނޫހުގެ ނޫސްވެރިޔާ އަހުމަދު އަޒާން އަދި ނާހިލް އަހުމަދާ މަގުމަތިން ފުރައްސާރަކޮށް، ބިރުދެއްކި މައްސަލަ ވީހާވެސް އަވަހަށް ތަހުގީގުކޮށް، ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންނަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ގޮވާލަން،" އެމްޖޭއޭ އިން ބުންޏެވެ.

އެމްޖޭއޭ އިން ބުނީ ނޫސްވެރިންނަށް ބިރުދައްކާ، އިންޒާރުދީ، ފުރައްސާރަކުރުން ހުއްޓުވުމަށް އަޅަން ޖެހޭ އެންމެ މުހިންމު ފިޔަވަޅަކީ، އެފަދަ އަމަލުތައް ހިންގާފައިވާ ހުރިހާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުން ކަމަށެވެ.

"އިންސާފު ގާއިމްކުރުން ލަސްވެގެންދިއުމަކީ ނޫސްވެރިންގެ މަސައްކަތަށް އޮތް ހުރަހެއް،" އެމްޖޭއޭ އިން ބުންޏެވެ.

ނޫސްވެރިންނަށް ދިމާވާ މިފަދަ ހުރިހާ މައްސަލައެއް، ވީ އެންމެ އަވަހަކަށް އެ އެސޯސިއޭޝަނަށް ހުށަހެޅުމަށްވެސް އެމްޖޭއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އަޒާން ބުނެފައި ވަނީ އޭނާ އާއި ދިޔަރެސްގެ އެހެން ނޫސްވެރިއެއް ކަމަށްވާ ނާހިލް ސައިކަލެއްގައި ދަނިކޮށް، އަލްހާން އާއި އިތުރު މީހަކު އެ ދެމީހުންނަށް ފުރައްސާރަކުރި ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް ބުންޏެވެ. މީގެ އިތުރުން، ސޯޝަލް މީޑިއާގައި އަޒާން އާއި ނާހިލްގެ ފޮޓޯ ބޭނުންކޮށްގެން ތަފާތު ޕޯސްޓުތައް ހަދައި ދައުރުކުރަމުން އަންނަ ކަމަށް ވެސް އަޒާން ބުންޏެވެ.

އެ ހާދިސާއާ ގުޅިގެން ނޫސްވެރިޔާ ނާހިލް ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އަޒާން އާއި ދެމީހުންނަށް މާލޭގައި ހަމަޖެހިގެން ނޫޅެވޭނެ ކަމަށް ބުނެ އަލްހާން އިންޒާރު ވެސް ދިން ކަމަށެވެ.

އަލްހާން ވިދާޅުވަނީ ކަން ހިނގީ ދިމާ އިދިކޮޅަށް ކަމަށް!

ނޫސްވެރިންނަށް ބިރުދެއްކި ކަމަށް ބުނާ ވާހަކަ އަލްހާން ވަނީ ދޮގުކުރައްވައިފަ އެވެ.

އަލްހާން ވިދާޅުވީ އޭނާ ސައިކަލެއްގެ ފަހަތުގައި މަގުމަތިން ދަނިކޮށް، "ދިޔަރެސް ނޫހާ ބެހެންޏާ، މަގުމަތިން ވެސް ބެހޭނެ ކަމަށް" ބުނެ ފުރައްސާރަކޮށް އިންޒާރު ދިނީ އަޒާން އާއި އޭނާއާއެކު އައި ބައެއް ކަމަށެވެ.

އެގޮތުން ރޭގެ 20:42 ހާއިރު އަމީނީމަގު ހުޅަނގުން އިރަށް ސައިކަލެއްގައި ދަނިކޮށް، ޣިޔާސުއްދީން ސްކޫލާ ހަމައިން ސައިކަލެއްގައި މާސްކް އަޅައިގެން ތިބި ދެމީހަކު ގާތްކޮށް، "ބްރޯ" އޭ ކިޔާ ގޮވާލުމުން ބަލައިލިއިރު އެ ސައިކަލުގެ ފަހަތުގައި އިނީ ދިޔަރެސް ނޫހުގެ ނޫސްވެރިޔާ އަޒާންކަން އެނގުނު ކަމަށެވެ.

"އަޒާން އަކީ އަޅުގަނޑުގެ އާއިލީ ކުއްޖަކަށް ވެފައި އަދި ނޫސްވެރިޔަކަށް ވުމުން މާސްކަ އަޅައިގެން އިނަސް އެއީ ކާކުކަން އަޅގަނޑަށް އެނގުނެވެ." އަލްހާން ވިދާޅުވިއެވެ.

އަދި ސައިކަލު ދުއްވަން އިން މީހާ، "ދިޔަރެސް ނޫހާ ގެ*ންޏާ ގެ*ނަމޭ" ބުނުމުން އިތުރު ވާހަކައެއް ދައްކަވާފައި ނުވާނެ ކަމަށް އަލްހާން ވިދާޅުވިއެވެ.

"ނަމަވެސް އެ ސައިކަލު ދުއްވަން އިން މީހާ، ކަލޭ އެވެނި މިވެނި ޓުވީޓެއްކޮށް، އަހަރުމެންގެ ފޮޓޯ ހަދާ ޓުވީޓުކުރަނީ ކީއްވެގެންހޭ! މަ މީ ކާކުކަން ނޭނގެނީހޭ. އަހަރެމެން ބޮޑުވީ މަގުމައްޗަށޭ ކިޔާ އަޑުގަދަކޮށް ހަޑިހުތުރު ބަސްތަކުން މުހާތަބުކުރަމުން ކައިރިން ދުއްވަމުން އެކި އިންޒާރު ދެމުން ދިޔައިރު ދެވަނަ ސައިކަލެއް އެމީހުންނާއެކު އަޅުގަނޑު އިން ސައިކަލުގެ އަރިމަތިން އަދި ކުރިމަތިން ވާކަހަލަ ގޮތަކަށް ގޮސް އަމީނީ މަގުގައި ހުންނަ ރެހެންދި ފްލެޓު އެކަކަށް އަޅުގަނޑު އިން ސައިކަލު މަޑުކުރުމުންވެސް އެތަނަށް މި ދެ ސައިކަލު މަޑުކުރި،" އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ ރެހެންދި ފްލެޓަށް ވަނުމުން ވެސް ސައިކަލުގައި އައި މީހުން އެތަނަށް މަޑުކޮށް، އެތަނުގައި އަޑުގަދަކޮށް އެކި ކަހަލަ އިންޒާރު ދެމުން ދިޔަ ކަމަށެވެ. އަދި އަލްހާން ފްލެޓު ތެރޭގައި އިރުކޮޅަކު މަޑުކޮށްލުމަށް ފަހު ސައިކަލުގައި އައި މީހުން ނުދިއުމުން، ފުލުހުންނަށް ގުޅާ މަގުމަތިން ބަޔަކު ދިމާކޮށް އިންޒާރު ދެމުންދާ މައްސަލަ ރިޕޯޓު ކުރި ކަމަށެވެ.

އަދި އެއަށްފަހު އެމީހުން ގާތަށް މަގުމައްޗަށް ނުކުމެ، އަދިވެސް ނިންމާލަން ނުވޭތޯ ސުވާލު ކުރި ކަމަށާއި، އޭރު ވެސް އެމީހުން އަލްހާނަށް ފުރައްސާރަ ކުރަމުން ދިޔަ ކަމަށެވެ.

އަލްހާން ވިދާޅުވީ އެމީހުން އަލްހާނަށް ފުރައްސާރަ ކުރަމުން ދަނިކޮށް އެތަނަށް ފުލުސް އޮފިސަރަކުވެސް އައި ކަމަށާއި، އަދި އެ މައްސަލަ އެވަގުތު އެތަނަށް އައި އޮފިސަރަށް ވެސް ހުށަހަޅާފައި ވާނެ ކަމަށެވެ.

މި މައްސަލައިގައި ފުލުހުންގެ ކޮމެންޓެއް އަދި ނުލިބެއެވެ.