ސްޕެއިނުގެ ޓޮޕް ކުލަބް ބާސެލޯނާގެ އެތެރޭގައި ހިނގަމުން އަންނަ ޑްރާމާތަކުގެ ވާހަކަ މުޅި ދުވަހު ވެސް ދެއްކިދާނެ ކަމަށާއި، އެވާހަކައަކީ ކޮޅުން ނުލާނެ ވާހަކައެއް ކަމަށް އެކުލަބުގެ ތަޖުރިބާކާރު މިޑްފީލްޑަރު ސާޖިއޯ ބުސްކެޓް ބުނެފި އެވެ.

ކުލަބުގެ ތެރޭގައި ބޮޑެތި ހާޖާނުތަކެއް ހިނގައި ކުޅުންތެރިންނާއި މެނޭޖްމެންޓާއި ދެމެދުގައި ވެސް ނުތަނަވަސްކަމެއް އުފެދިގެން މައްސަލަ އިތުރަށް ގޯސްވީ މިދިޔަ ސީޒަން ހުސްއަތާ ނިންމާލަން ޖެހުމުންނެވެ. އަދި ފަހު މެޗުގައި ބަޔާން މިއުނިކް އަތުން 2-8 ގެ ނަތީޖާއަކުން ލިބުނު ބޮޑު ބައްޔާ އެކު ކުލަބުގެ ތެރޭގައި ހުރި މައްސަލަތަށް ކެކި އަރައިގަނެ އެންމެ ދަށުން ފެށިގެން ކުލަބުގެ އެންމެ އުހަށް ޕްރެޝަރު ބޮޑުވެގެން ދިޔަ ތަން ފެނުނެވެ.

އަދި އެއަށްފަހު ކުލަބުގެ މެނޭޖްމެންޓާއި، ސްކޮޑަށް ވެސް ބަދަލުތަކެއް ގެންނަން މަސައްކަތް ފެށި ވަގުތު އެ ކުލަބުގެ ކެޕްޓަން ލިއޮނެލް މެސީ ވަނީ ކުލަބު ދޫކޮށްލަން ބޭނުންވާކަން އިއުލާން ކޮށްފަ އެވެ. އެހެން ނަމަވެސް ފަހުވަގުތު މެސީއަށް ކުލަބު ދޫނުކުރެވޭ ގޮތަށް އެކުލަބުގެ ރައީސް ޖޯސެޕް މާރިއާ ބާޓެމިއު ނިންމުމާ އެކު އަނެއްކާވެސް އިތުރު ހުޅެއް ރޯވެ ބައެއް ކުޅުންތެރިންގެ ނަފުރަތު މެނޭޖްމެންޓަށް އަމާޒުވި އެވެ.

މިވަގުތު އިންޓަނޭޝަން ޑިއުޓީގައި ހުރި އެކުލަބުގެ ވައިސް ކެޕްޓަން ބުސްކެޓް ބުނީ ނިމިގެން ދިޔަ ސީޒަނަކީ ބާސެލޯނާއަށް ދަނޑު މަތީގައި ރަނގަޅު ކުޅުމެއް ދެއްކުނު އަހަރެއް ނޫން ކަމަށެވެ. އަދި އެއާ އެކު ދަނޑުން ބޭރުގައި ކުލަބުގެ ކަންކަން އަދި އިތުރަށް ގޯސްވެގެން ދިޔަކަމީ އެންމެންނަށް ވެސް ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.

"އަހަރެންގެ ޙިޔާލާއި، މިކަމުގައި ކަން އޮތް ނެތްގޮތް ހާމަކުރަން ވެއްޖެޔާ މުޅި ދުވަސް އެކަމަށް ގޮސްދާނެ. އިނގޭހާ ވެސް އެއްޗަކީ ފުޓުބޯޅައަކީ ޓީމް ކުޅިވަރެއްކަން. ޓީމެއްގެ ގޮތުގައި ހުރިހާ އެންމެން މަސައްކަތް ނުކޮށްފިިއްޔާ އިންޑިވިޖުއަލް އެއްވެސް ކުޅުމެއް ނުފެންނާނެ،" ބުސްކެޓް ބުންޏެވެ.

އޭނާ ބުނީ، ކުރީ ސީޒަނުގައި ގޯސްވެގެން ދިޔަ ކަންތައްތައް އިސްލާހުކޮށް އައު ސީޒަނަކީ ކަންކަން ރަނގަޅު ކުރަން ލިބުނު ފުރުސަތެއް ކަމަށެވެ. އަދި އުންމީދަކީ އެފުރުސަތުގެ ބޭނުން ހިފައިގެން އަލުން ކުލަބު ހަމަމަގަށް އެޅުވުން ކަމަށް ބުސްކެޓް ބުންޏެވެ.