ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރާއްޖޭގައި އަދުލުވެރި ގާނޫނީ ވެރިމެއް ކުރެއްވުމަށް މަގުފަހިވާ ގޮތަށް އަމަލުތައް ބެހެއްޓުމަށް ސަރުކާރަށް ދ. އަތޮޅު ކައުންސިލުން ގޮވާލައިފި އެވެ.

ދ. އަތޮޅު ކައުންސިލުން އިއްޔެ ނެރިފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޝަރުއީ ނިޒާމަކީ މިނިވަން ނިޒާމެއްގެ ގޮތުގައި މިއަދުގެ ގާނޫނު އަސާސީން ބަލައިގެންފައިވާ ނިޒާމެއް ކަމަށާއި ނަމަވެސް މިއަދު އެބާރު ކަނޑުވާލާފައިވާ ކަމަށެވެ. އަދި މިއަދު ފެންނަމުން މި ދަނީ ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ބައެއް ފަނޑިޔާރުން ހިފައި ހައްޔަރުކުރަމުންދާ ''ބިރުވެރި''މަންޒަރު ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

''މި ލޮބުވެތި ގައުމުގެ ކަރާމަތާއި ވަހުދަތު ފުނޑުފުނޑުކޮށްނުލައްވައި ގާނޫނީ ވެރިކަމެއް އަދުލްވެރިކަމުގެ ތެރެއިން ކުރެއްވުމަށް މި ސަރުކާރަށް ހަރު އަޑުން ގޮވާލަމެވެ.'' އެ ބަޔާނުގައިވެ އެވެ.

މިނިވަން ހަ މެންބަރުން ތިއްބަވާ ދ. އަތޮޅު ކައުންސިލުން ނެރިފައިވާ މި ބަޔާނުގައި ބުނެފައި ވަނީ ''ޝަރުއީ ނިޒާމުގެ ބާރުކަނޑުވާލުމަށް'' ސަރުކާރުން ހިންގަމުންދާ އަމަލުތައް ވަގުތުން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.

''ސަރުކާރަށް އިދިކޮޅަށް ބަސްބުނާ ސިޔާސީ ބައެއް ފަރާތްތައް އިރިކޮޅުކޮޅާ ފުލުސް އޮފީހަށް ގެންގޮސް ހައްޔަރުކޮށް، އެ ފަރާތްތަކަށް އެކި ގޮތް ގޮތުން... ބިރުދައްކައި އެ ނިޒާމް އަޅުވެތި ކުރުމަށް ކުރަމުން ގެންދާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލައި ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައިވާ އެންމެހާ ފަރާތްތައް ވަގުތުން ދޫކޮށްލުމަށް ދ. އަތޮޅު ކައުންސިލުން ފުލުހުނަށް ގޮވާލަމެވެ.''