05 Jul 2010, 05:51
10:00
މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވެ މަޖިލީހުގެ ތަޅުން ހޫނުވެ އަޑުގަދަވުމުން، ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު، ތަކުރާރުކޮށް އިންޒާރު ދެއްވައިގެން ވެސް، ޖަލްސާ ކުރިއަށް ނުގެންދެވިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާ ލައްވައިފި އެވެ.
މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދުނީ، ބާރަ ބިލެއް ފާހަގަކޮށް، އެ ބިލުތަކުގެ މަސައްކަތް ނުނިންމައި އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ގެންދިއުމަށް ނުފެންނަކަމަށްބުނެ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން، މަޖިލީހުގެ ރައީސަށް ފޮނުވާފައިވާ ސިޓީގައި ހިމެނޭ އެއްވެސް ބިލެއް އެޖެންޑާކޮށްފައި ނުވުމުގެ އިތުރުން، ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު އޮތް ގޮތުގެ މައްޗަށެވެ.
ނިޒާމީ މައްސަލަ ނަންގަވައިގެން އެ ސިޓީއާބެހޭގޮތުން، ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު މަޖިލީހުގެ ރައީސާ ސުވާކު ކުރެއްވުމުން، މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، އެސިޓީގައި ފާހަކޮށްފައިވާ ބިލު ތަކަކީ، ކޮމިޓީތަކުގައިހުރި ބިލުތަކެއް ކަމަށެވެ. އެހެންކަމުން އެ ބިލުތަކުގެ މަސައްކަތް އަވަސްކުރުމަށް ތަކުރާރުކޮށް ދެންނެވިފައި ވާނެ ކަމަށާއި، އެކަމާބެހޭގޮތުން ކޮމިޓީތަކުގެ މުގައްރިރުންނާ މިއަދު ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އަދި މިއަދު މަޖިލީހަށް އެޖެންޑާކޮށްފައިވާ ބިލު ތަކަކީ ވެސް ގާނޫނުއަސާސީގެ ދަށުން މިއަދު ކުރަންޖެހޭ މަސައްކަތްތަކެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. ޝާހިދުގެ ޖަވާބާމެދު ހިތްހަމަޖެހިވަޑައިނުގެން، އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުން ނިޒާމީ މައްސަލަ ނަންގަވައިގެން އިތުރު ސުވާލު ކުރައްވަން ފެއްޓެވި އެވެ. އެކަމުގެ ސަބަބުން އެމްޑީޕީގެ މެންބަރުންނަށް ރައްދު ދެއްވުމަށް އިދިކޮޅު ބައެއް މެންބަރުން ވެސް ނިޒާމީ މައްސަލަ ނަންގަވަން ފެއްޓެވި އެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ތަޅުން ހޫނުވެ މަޖިލީހުގެ ނިޒާމު ގެއްލުމުން، ރިޔާސަތުން މެންބަރުންނަށް އިންޒާރު ދެއްވައިގެން ވެސް ޖަލްސާ ކުރިއަށް ގެންދިއުމަށް ފުރުސަތު ނުލިބުމުން، ވަގުތުތައް ބޭކާރުކޮށް، ރައްޔިތުންގެ މެދުގައި މެންބަރުން އިތުރަށް ބޭޒާރުވުމަށް ފުރުސަތު ނުދެއްވާނެ ކަމަށާއި، މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންދިއުމާމެދު ޕާޓީތަކާ މަޝްވަރާކުރުމަށް ފުރުސަދު ދެއްވުމަށްކަމަށް ވިދާޅުވެ، ނުވަގަޑި ސައުވީހުގައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ޖަލްސާ ނިންމަވާލެއްވި އެވެ.
މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން މަޖިލީހުގެ ޖަލްސާ ނިންމާލެއްވުމާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ މަޖިލީސް ކުރާ ގޭ ސަރަހައްދަށް އެއްވެ މަޖިލީހުން ކޮރަޕްޝަންގެ އަމަލްތައް ހުއްޓުވުމަށް ގޮވާލާ މުޒާހަރާކޮށްފަ އެވެ.