ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 557،426 މީހުން ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އާބާދީ އަންދާޒާއިން ދައްކައިފި އެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ މުޅި ޖުމްލަ އާބާދީގެ 40.8 ޕަސެންޓު މީހުން އުޅެނީ ވެރިރަށް މާލޭގަ އެވެ. އެއީ 227،486 މީހުންނެވެ.

އަތޮޅުތައް ވަކިން ބަލާއިރު، އެންމެ ގިނަ މީހުން ދިރިއުޅެނީ ކ އަތޮޅު ނޫނީ މާލެ އަތޮޅުގަ އެވެ. އެއީ 41،382 މީހުންނެވެ.

އާބާދީގައި 10،000 މީހުން ހަމަނުވަނީ ހަތަރު އަތޮޅެއްގައެވެ. މުޅި ރާއްޖެއިން އެންމެ އާބާދީ މަދު އަތޮޅަކީ ވ. އަތޮޅެވެ. އެ އަތޮޅުގެ އާބާދީ އަކީ 2،688 އެވެ.

ފ. އަތޮޅުގެ އާބާދީގައި 5،941 މީހުން ތިބި އިރު، މ އަތޮޅުގެ އާބާދީ އަކީ 6،747 އެވެ. ފުވައްމުލަކި ސިޓީގެ އާބާދީއަކީ 9،873 މީހުންނެވެ.

ދިހަ އަތޮޅެއްގެ އާބާދީ ހުރީ 10،001 އާއި 20،000 އާ ދެމެދުއެވެ. އެއީ ހއ، ށ، ނ، ޅ، އއ، ދ، ތ، ލ، ގއ އަދި ގދ އަތޮޅެވެ.

ހއ: 17،389

ށ: 15،358

ނ: 16،706

ޅ: 14،370

އއ: 13،638

ދ: 10،635

ތ: 11،496

ލ: 16،805

ގއ: 14،616

ގދ: 15،445

އާބާދީ 20،0001 އާއި 30،000 އާދެމެދު ހުރީ ފަސް އަތޮޅެއްގައެވެ. އެއީ ހދ، ރ، ބ، އދ އަދި އައްޑޫ ސިޓީ އެވެ.

ހދ: 23،157

ރ: 20،297

ބ: 21،145

އދ: 20،248

އައްޑޫ ސިޓީ: 26،635

ރާއްޖޭގައި ހަ ރީޖަނަލް ހޮސްޕިޓަލް ހުރި އިރު، 14 އެއާޕޯޓު އެބަހުއްޓެވެ. އަދި ޔުނިވާސިޓީ ހުރީ ފަސް ސަރަހައްދެއްގަ އެވެ.

އެންމެ ފަހުން، 2014 ވަނަ އަހަރު ނެގި ބޯހިމެނުމުން ދައްކާގޮތުން ރާއްޖޭގެ އާބާދީއަކީ 402،071 އެވެ. އެއީ 338،434 ދިވެހީންނާއި 63،637 ބިދޭސީންނެވެ.