ކުއަލަލަމްޕޫރު (އޮކްޓޯބަރު 13): މެލޭޝިއާގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމް ބޮޑުވަޒީރު ކަމަށް އިސް ކުރަން ޕާލިމެންޓުގެ ތާއިދު އޮތްކަން ސާބިތުކޮށްދެއްވުމަށް އޭނާ މިއަދު ރަސްގެފާނާ ބައްދަލު ކުރައްވައިފި އެވެ.

މެލޭޝިއާގެ ރަސްގެފާނާ އަންވަރު ރަސްގެފާނާ ބައްދަލު ކުރައްވާފައި މި ވަނީ މިދިޔަ މަހުގެ 23ގައި އޭނާ ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާއަށް ޕާލިމެންޓުގެ ގިނަ މެމްބަރުންގެ ތާއިދު ލިބިފައިވާ ކަމަށް ވިދާޅުވުމަށް ފަހު އެވެ. އަދި މިހާރު ވެރިކަން ކުރައްވާ ބޮޑުވަޒީރު މުހިއްޔުއްދިން ޔާސީންގެ ވެރިކަން ވެއްޓިފައިވާ ކަމަށް ވިދާޅުވުމަށް ފަހުގަ އެވެ.

މެލޭޝިއާގެ ޕާލިމެންޓުގެ 222 މެމްބަރުންގެ ތެރެއިން ތިންބައިކުޅަ ދެބަޔާ ގާތް ކުރާ ވަރަށް މެމްބަރުން އަންވަރަށް ތާއިދުކުރާ ކަމަށް އޭނާ ވިދާޅުވި ނަމަވެސް، ސީދާ އަދަދެއް ހާމަ ނުކުރައްވަ އެވެ. އަންވަރު ވިދާޅުވި ގޮތުގައި އޭނާއަށް ތާއިދު ކުރާ މެމްބަރުންގެ އަދަދު އަންގާނީ ރަސްގެފާނާ ބައްދަލު ކުރެއްވުމަށް ފަހުގަ އެވެ.

މެލޭޝިއާގެ ރަސްގެފާނަށް އެގައުމުގެ ބޮޑުވަޒީރު މަގާމުން ދުރު ކުރުމުގެ ބާރު ލިބިވަޑައިގެންފައި ނުވެ އެވެ. ނަމަވެސް ބޮޑުވަޒީރަށް ޕާލިމެންޓުގެ އަގުލަބިއްޔަތު ނުލިބޭ ކަމަށް ރަސްގެފާނު ދެކިވަޑައިގަންނަވާ ނަމަ ޕާލިމެންޓު އުވާލުމާއި އާއްމު އިންތިހާބެއް ބާއްވަން އެންގެވުމުގެ ބާރު ލިބިވަޑައިގެންފައިވެ އެވެ.

މިދިޔަ މާޗް މަހު މެލޭޝިއާގެ ބޮޑުވަޒީރު ކަމަށް މުހިއްޔުދިން އިސްވީ އޭގެ ކުރިން ވެރިކަމުގައި ހުންނެވި މަހާތިރު މުހައްމަދު އެ މަގާމުން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމުންނެވެ.

ދެހާސް އަށާރަވަނަ އަހަރު މަހާތީރު ވެރިކަމަށް ވަޑައިގެންނެވީ 1981އިން 2003އަށް އޭނާ ބޮޑުވަޒީރުކަން ކުރެއްވި އިރު، ނައިބުކަން ކުރެއްވި އަންވަރުގެ ކޯލިޝަނުގައި ހުންނަވައިގެންނެވެ. އަދި ވެރިކަމުގެ ދައުރު ނުނިމެނީސް އަންވަރާ ވެރިކަން ހަވާލު ކުރައްވާނެ ކަމަށް ވިދާޅުވެ އެވެ.

ނަމަވެސް އެ ކޯލިޝަނުގައި ތިބި މެމްބަރުންތަކެއް ވަނީ އަންވަރު ވެރިކަމަށް ނުގެނެސް، އިދިކޮޅު އުމްނޯއާ އެކު އާ ކޮލިޝަނެއް ހެދުމާ ބެހޭ ގޮތުން މިދިޔަ ފެބްރުއަރީ މަހުގެ 23ގައި މަޝްވަރާކޮށްފައި ކަމަށް އަންވަރު ވިދާޅުވި އެވެ. އަދި ޖެހިގެން އައި ދުވަހު މަހާތިރު އިސްތިއުފާ ހުށަހެޅުއްވި އެވެ.

މުހިއްޔުއްދީން ވަނީ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަމުގައި 2009އިން 2015އަށް ބޮޑުވަޒީރުގެ ނައިބުކަން ކުރައްވާ، މީގެ ކުރިން އެޑިއުކޭޝަން މިނިސްޓަރު ކަމާއި ހޯމް އެފެއާޒް މިނިސްޓަރު ކަންވެސް ކުރައްވާފަ އެވެ. އަދި މިހާރު އޭނާގެ ސަރުކާރަށް ތާއިދު ކުރާ ޕާޓީތަކުގެ ތެރޭގައި ނަޖީބު ރައްޒާގު މީގެ ކުރިން އިސްވެ ހުންނެވި އުމްނޯ ހިމެނެ އެވެ.