ވޮޝިންޓަން (އޮކްޓޯބަރު 13) : ސްރީލަންކާއަށް މިހާރު ވަޑައިގެން އުޅުއްވާ ޗައިނާގެ މަސްއޫލުވެރިޔާ ޔަންގް ޖެއިޗީ ސްރީލަންކާއަށް ހިލޭ އެހީގެ ގޮތުގައި 90 މިލިއަން ޑޮލަރު ދޭން ޗައިނާ ސަރުކާރުން ނިންމާފައިވާކަން އިއުލާނު ކުރައްވައިފިއެވެ.

މިކަން އިޢުލާން ކުރެއްވީ ޖެއިޗީ ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައެވެ. މިއެހީ ދެނީ ސްރީލަންކާގެ ރަށްފުށުގެ ސަރަހައްދުގެ އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމަށް ގޮތަބަޔާ ގެ ސަރުކާރުން ހިންގާ މަޝްރޫއުތަކަށް އެހީތެރިވުމުގެ ގޮތުންކަމަށާ މި ފައިސާ ޚަރަދުކުރާނީ ރަށްފުށުގެ ސަރަހައްދުތަކުގެ ނަރުދަމާއާއި ބޭފެނާއި ސިއްހީ ޚިދުމަތްތަކާ އަދި ސްކޫލްތަށް އެޅުމަށް ކަމަށް ސްރީލަންކާގެ ނޫސްތަށް ބުނެއެވެ.

ޖެއިޗީ އަކީ ޗައިނާގައި ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ އެންމެ ބާރުގަދަ ގުނަވަންކަމަށްވާ ޕޮލިޓިކަލް ބިއުރޯގެ މެންބަރެކެވެ. އޭނާގެ އަރިހުގައި ޗައިނާގެ ބައެއް މަސްއޫލުވެރިންނާއި ބައެއް ކުންފުނިތަކުގެ ވެރިންވެސް ބައިވެރިވެވަޑައިގަންނަވައެވެ. ޖެއިޗީ އާއި އޭނާގެ ވަފްދުގެ ބޭފުޅުންވަނީ ސްރީލަންކާގެ ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސަ އާ ވެސް ބައްދަލުކުރައްވާފައެވެ.

ޗައިނާވަނީ ދާދިފަހުން ސްރީލަންކާއަށް 500 މިލިޔަން ޑޮލަރުގެ ލޯނެއްވެސް ދީފައި

ކޮވިޑް-19 ގެ ސަބަބުން ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކާ ކުރިމަތިލުމަށްޓަކައި ޗައިނާއިން މިއަހަރުގެ މޭމަހުގެ ތެރޭގައި ސްރީލަންކާއަށްވަނީ 500 މިލިޔަން ޑޮލަރުގެ ލޯނެއްވެސް ކުޑަ އިންޓްރަސްޓަކާއެކު ދީފައެވެ.

ސްރީލަންކާއަކީ ޗައިނާގެ 'ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް' ގެ މުހިއްމު ބައިވެރިއެއް

ސްރީލަންކާއަކީ ދުނިޔޭގެ ގައުމުތަކާ ވިޔަފާރީގެ ގޮތުން ޗައިނާއާ ގުޅާލުމަށް އެގައުމުން ކުރިޔަށްގެންދާ އުންމީދީ އިނިޝިއޭޓިވް ކަމަށްވާ 'ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް' ގެ މުހިއްމު ބައިވެރިއެކެވެ.

ގޮތަބަޔާ ޗައިނާގެ މަސްއޫލުވެރިއާ އާ ބައްދަލުކުރައްވަނީ

މި އިނިޝިއޭޓިވް ގެ ދަށުން މަދަނީ އިންފްރާސްޓްރަކްޗާ ގެ ދާއިރާއިން ޗައިނާ ސްރީލަންކާގައި ކުރާ އިންވެސްޓްމަންޓްތަކުގެ ތެރޭގައި އެއާޕޯޓާއި ހައިވޭތަކާއި މަގުތަށް ހަދައިދިނުމުގެ އިތުރުން ކޮލޮމްބޯގައި ބިނާކުރާ ޕޯޓް ސިޓީ މަޝްރޫއު ހިމެނެއެވެ.

ޕޯޓް ސިޓީ އަކީ ސްރީލަންކާގެ އިގްތިސާދު މުޅިން އެހެން މަރުހަލާއަކަށް ގެންދެވޭފަދަ އިގްތިސާދީ އަދި ވިޔަފާރީގެ ސްޓްރެޓީޖިކް މަޝްރޫއެއްކަމަށް އެގައުމުން ދެކެއެވެ. އެމަޝްރޫއަށް ޗައިނާއިން ކުރާ އިންވެސްޓްމަންޓްގެ އަދަދު 4 ބިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ.

ޗައިނާއާ ގާތްވުމުން އެމެރިކާގެ ބޮޑެތި ފިއްތުންތަކެއް ސްރީލަންކާއަށް

'ބެލްޓް އެންޑް ރޯޑްއިނިޝީއޭޓިވް' ގައި ސްރީލަންކާ ބައިވެރިވީ އެގައުމުގެ ކުރީގެ ރައީސް އަދި މިހާރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ރައީސްކަމުގެ ދުވަސްވަރުގައެވެ. އެދުވަސްވަރު ސްރީލަންކާއިން ޗައިނާއާ ގާތްވެ 'ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް' ގައި މުހިއްމު ދައުރެއް އަދާކުރަން ފެށުމުން އެމެރިކާ އަޑީގައި އޮވެގެން މަހިންދަ ރާޖަޕަކްސަގެ ސަރުކާރާ ދެކޮޅަށް ވަނީ އިންސާނީ ހައްގުތަކަށް އަަރައި ގަތުންފަދަ އެތަށް ކަމެއްގެ ތުހުމަތުތަށް ކޮށް ބޮޑެތި ފިއްތުންތަކެއް ކުރިމަތި ކޮށްފައެވެ.

އެ ފިއްތުންތަށް އެމެރިކާ ކޮށްފައިވަނީ އދ. ގެ ގުނަވަންތަށް މެދުވެރިކޮށް ކަމަށްވާތީ އެދުވަސްވަރު ސްރީލަންކާގެ އާންމުންވަނީ އެގައުުމުގައި ހުންނަ އދ. ގެ އިދާރާ ތަކާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަށް ކޮށްފައެވެ. އިންސާނީ ހައްގުތަކުގެ މައްސަލައިގެ ގޮތުގައި އެދުވަސްވަރު އދ. ން ފާހަގަކޮށްފައިވަނީ ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގެ އެންމެ ފަހުގެ ދުވަސްތަކުގައި ސްރީލަންކާ ސިފައިން ދިން ހަމަލާތަކުގައި ތަމަޅަ އާންމުން މަރުވި މައްސަލައެވެ. ނަމަވެސް ޖެހިގެން އައި އިންތިޚާބުގައި ރާޖަޕަކްސަ ބަލިވެ އައު ސަރުކާރެއް އައުމުން އެ ފިއްތުންތަށް އެގޮތަށް އދ. ން ސްރީލަންކާއަށް ކުރިމަތި ކޮށްފައެއް ނުވެއެވެ.

ސްރީލަންކާ ގެ އިންފްރާސްޓްރަކްޗާ ޒަމާނީ ކުރަނީ

ސްރީލަންކާ ގެ މިހާރުގެ ސަރުކާރުންވަނީ އެގައުމުގެ ރަށްފުގެ ސަރަހައްދުތަކުގައިވާ މަގުތަކާއި އެއްސަރަހައްދާއި އަނެއް ސަރަހައްދު ގުޅުވައިދޭ ހައިވޭތަށްވެސް ޗައިނާގެ އެހީގައި ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރުމަށް މަޝްރޫއެއް އެކުލަވާލާފައެވެ. މީގެއިތުރުން ސްރީލަންކާގައި މިހާރު ބޭނުންކުރާ ބައު ޓެކްނޮލޮޖީގެ ރޭލުގެ ނިޒާމު ޗައިނާގެ އެހީގައި ޒަމާނީ ރޭލްގެ ނިޒާމަކަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫއެއްވެސް އެގައުމުން ގެންދަނީ އެކުލަވާލަމުންނެވެ.

މިދެ މަޝްރޫއަށް ޗައިނާއިން ލޯން ހޯދުމާބެހޭގޮތުންވެސް ޗައިނާގެ ވަފްދުގެ ބޭފުޅުންނާއި ރައީސް ގޮތަބަޔަ އާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މަޝްވަރާ ކުރެއްވި ކަމަށް މައުލޫމާތު ލިބެއެވެ. (ނޫސްއެޖެންސީތައް)