މިއީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ބަހުސް ފަށަންވީ ވަގުތު ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު އެހެން ވިދާޅުވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގާނޫނުއަސާސީއަށް ހުށަހަޅުއްވާފައިވާ އިސްލާހާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ. ޖާބިރު ހުށަހެޅުއްވީ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށެވެ.

މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެން ނަމަވެސް ޖާބިރު ހުށަހެޅުއްވި އިސްލާހަކީ އެބާވަތުގެ އިސްލާހެއް ނޫން ކަމަށް ވިދާޅުވި އެވެ.

"ކާށިދޫ ދާއިރާގެ މެމްބަރު ހުށަހަޅުއްވާފައިވަނީ ކުޑަކޮށްވެސް އެ ބާވަތުގެ އިސްލާހެއްވެސް ނޫން. އަދި އެމަގަށް [ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް] ދިއުމަށް ބަހުސެއް ފަށަންވީ ވަގުތު ކަމަކަށްވެސް އަޅުގަނޑު ނުދެކެން މިވަގުތަކީ." މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އަބަދުވެސް އެމަނިކުފާނު ދައްކަވާ ވާހަކަފުޅާ އެއްގޮތަށް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް އިސްލާހަކަށް އެދޭ ކަމަށެވެ. ޖާބިރު ހުށަހެޅުއްވި އިސްލާހަކީ އެމަނިކުފާނު ތަސައްވަރު ކުރެއްވި އިސްލާހަށް ނުވި ނަމަވެސް މަޖިލީހަށް ހުށަހެޅޭ އިސްލާހުތަކުގެ މަސައްކަތް ކުރިއަށް ގެންދާ އުސޫލުން އެމަސައްކަތްވެސް ކުރިއަށް ދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މަޖިލީހުގެ ގަވައިދު ބުނާގޮތަށް އަޅުގަނޑު އަމަލު ކުރާން ޖެހޭ. އެހެންވީމާ މި ބިލުގެ ފުރަތަމަ ކިޔުން އިއްވުމާއި އިބްތިދާއީ ބަހުސަކާއި ހިނގާނެ. އަދި އިއްޒަތްތެރި މެމްބަރުންގެ ނިންމުމެއް އެއީ ބިލަށް ހައްދަވާނެ ގޮތަކާ ގުޅޭގޮތުން ނިންމަވާ ނިންމެވުން." ނަޝީދު ވިދާޅުވި އެވެ.

ގާނޫނު އަސާސީ ތަސްދީގު ކުރެވުނު ފަހުން ބޭއްވި ރިޔާސީ އިންތިހާބުތަކުގެ މައްޗަށް އަދި ރާއްޖޭގެ ވެރިކަން ހިންގަމުންދާ ގޮތަށް ބަލާއިރު، ރާއްޖޭގެ ވެރިކަން ހިންގަމުންދަނީ ބަރުލަމާނީ ނިޒާމުގެ ސިފަތަކުގެ މައްޗަށް ކަމަށް ޖާބިރު ހުށަހެެޅުއްވި އިސްލާހުގައި ބުނެފައިވެ އެވެ.

"މިގޮތުން ރާއްޖޭގައި ހިންގަމުން އަންނަ ވެރިކަމަކީ ރިޔާސީ ނިޒާމެއްގެ ފުރިހަމަ ސިފައިގައި ހިންގަމުން އަންނަ ވެރިކަމަކަށް ނުވާތީ، އެކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބެމުންދާ ގެއްލުމާއި ނިކަމެތިކަން ދުވަހުން ދުވަހަށް ބޮޑުުވަމުން އަންނައިރު، ރައްޔިތުންނަށް އެ ލިބޭ ގެއްލުމުން ސަލާމަތްވާނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު 'ބަރުލަމާނީ ނިޒާމަކަށް' ބަދަލުވެގެން ދިޔުމުން ކަމަށް ގަބޫލުކުރެވޭ،" ޖާބިރު ވަނީ ވިދާޅުވެފަ އެވެ.