ސިޔާސީ ހަލަބޮލި ކަމުގައި ރާއްޖޭގެ ކޯޓްތަކުގެ ނިންމުންތަކަށް ދައުލަތުގެ ބައެއް ފަރާތްތަކުން ހުރުމަތްތެރިކޮށް ނުހިތާތީ ކަންބޮޑުވާ ކަމަށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް ބުނެފި އެވެ.

އެ ޖަމިއްޔާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ ގާނޫނު އަސާސީގެ މައިގަނޑި މަފްހޫމަކީ ތިން ބާރު ވަކިވެ އެއްބާރު އަނެއް ބާރަށް ފާރަވެރިވުމާއި ޖާބުދާރީވުމާއި ޖަވާބުދާރީ ކުރުވުން ކަމަށެވެ. އަދުލު އިންސާފުގެ ބާރަކީ ގާނޫނީ ކަންކަމުގައި އެންމެ ފަހު ބަސް ބުނާ ފަރާތަށްވުމާއެކު ކޯޓްތަކުން ނެރޭ އަމުރުތަކަށް ތަބާވެ ހުރުމަތްތެރިކޮށް ހިތައި ގާނޫނު ނެގެއްޓުމަކީ ދައުލަތުގެ ތިން ބާރުގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ.

"ގާނޫނު ނެގެހެއްޓުމަށް ގާނޫނު އަސާސީން ލާޒިމް ކުރާ ފަރާތްތަކުން ކުރާ އަމުރަށް ތަބާ ނުވުމަކީ އާންމުންގެ ހިތްތަކުގައި ޝަރުއީ ނިޒާމާމެދު ސުވާލު އުފެދި އެ ނިޒާމަށް ކުރާ އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމުގައި މިޖަމިއްޔާއިން ދެކެމެވެ،" ބަޔާނުގައި ވެއެވެ. " މިގޮތަށް ޝަރުއީ ނިޒާމަށް އާންމުން ކުރާ އިތުބާރު ނެތިގެން ދިއުމަކީ ދިމިގުރާތީ ނިޒާމް ބަލި ކަށިވެ ފޫނުބެއްދޭ ގެއްލުން ކުރިމަތިވެގެން ހިނގައިދާނެ ކަމެއް ކަމުގައި މި ޖަމިއްޔާއަށ ގަބޫލު ކުރެވެ އެވެ. އެހެން ކަމުން ދައުލަތުގެ އެންމެހާ ބާރުތަކާއި މުއައްސަސާތަކުން ކޯޓުތަކުގެ ނިންމުންތަކަށް ހުރުމަތްތެރިކޮށް ހިތުމަށް މި ޖަމިއްޔާއިން ގޮވާލަމެވެ،"

ސަލާމަތީ ބާރުތަކަކީ ކޯޓުތަކަށް އެހީވާ މުޖުތަމައުގެ ނުތަނަވަސްކަން ކުޑަކޮށްދޭ ފަރާތް ކަމަށާއި ސަލާމާތީ ބާރުތައް ނަމޫނާ ބަޔަކަށްވުން މުހިންމު ކަމަށާއި މުޖުތަމައުގެ އަމަން އަމާންކަމާއި ސަލަމާތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ގާނޫނު އަސާސީންނާއި ގާނޫނުތަކުން ސަލާމަތީ ބާރުތަކަށް ލާޒިމް ކުރާއިރު އެފަރާތްތަކުގެ އަމަލުތައް ގާނޫނު އަސާސީއާއި ގާނޫނުތަކާއި ގަވައިދުގެ ހުދޫދުގެ ތެރޭގައި ބެހެއްޓުމަށް ވެސް ގޮވާލާފައި ވެއެވެ.

ނޫސް ބަޔާން ބުނަނީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދޭއިރު އެ ހައްގު ބޭނުން ކުރުމުގެ އިހުތިޔާރު އޮންނަން ޖެހޭނެ ކަމަށާއި މި ހައްގުގެ ބޭނުން ކުރަން ޖެހޭނީ ގާނޫނު އަސާސީގެ 33 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެހެން މީހުންގެ ނަމާއި އަބުރާއި އިތްޒަތާ ކަރާމާތަށް އަރައި ނުގަނެވޭނެ ފަދަ ގޮތަށް ކަމަށެވެ.