12 Oct 2020, 23:30
ބައެއް ޓެސްޓުކިޓުތައް ގުދަން ކުރުމުގައި ހަލާކުވެފައިވާކަން އެނގިފައިވާ ކަމަށް ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
އެޗްއީއޯސީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މައްސަލަ ޖެހިފައިވަނީ އެއް ޓެސްޓު ކިޓްގެ ބެޗު ކަމަށެވެ.
އަދި އެ ބެޗުގެ ޓެސްޓު ކިޓުގައި މައްސަލަ ޖެހިފައި ހުރިކަން އެނގިފައިވަނީ އެއިން ފުރިހަމަ ނަތީޖާ ނުނިކުންނާތީ އެކަން ފާހަގަކުރެވިގެން ބެލި ބެލުމުގައި ކަމަށް ނަޒްލާ ވިދާޅުވިއެވެ.
"އެކަމުގައި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި ޒިންމާދާރު ކުރުވަން ޖެހޭ ފަރާތްތައް ހުރިތޯ ބެލުމަށް އުސޫލުގެ ތެރެއިން މިހާރުވެސް ދަނީ ކުރިއަށް،" އޭނާ ވިދާޅުވިއެވެ.
އެ ބެޗުގެ ހުރިހާ ކިޓްތައް ބޭކާރުވެގެން އުކާލާފައި ނުވާނެ ކަމަށާއި އޭގެތެރެއިން ގިނަ ކިޓްތަކެއް ބޭނުންކުރެވޭ ފެންވަރުގައި ހުރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ ކިޓްގެ ތެރެއިން ހަމައެކަނި މައްސަލަ ޖެހިފައިވަނީ އިންޓާނަލް ކޮންޓްރޯލް ކަމަށާއި އިންޓާނަލް ކޮންޓްރޯލްގައި އެއްވެސް މައްސަލައެއް އުޅޭ ކަމެއް ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ.
މައްސަލަ ދިމާވި ބެޗުގައި 3،000 ޓެސްޓް ކިޓް ބާކީ އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.